މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
"ސަން"އަށް ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައެވެ. އެނގިފައިވާ ގޮތުގައި ލަމްއާން މަގާމުން އިސްތިއުފާ ދެއްވީ އެހެން ކުންފުންޏަކަށް އޭނާ ބަދަލުވާށެވެ.
މި ބަދަލާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާތީ، މިކަމުގެ އިތުރު ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި ބަދަލުވަނީ ކޮން ކުންފުންޏަކަށް ކަމެއް ވެސް ކަަށަވަރު ނުވެއެވެ.
މި ބަދަލާއެކު، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފު އެކަންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްއޭސީއެލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ފައިދާވަމުން ދިޔަ މަދު ކުންފުނިތަކުގެ ތެރޭ ހިމެނޭ އެއް ކުންފުންޏެވެ. އޭރު އެމްއޭސީއެލުން މެނޭޖްކުރަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށް ވިޔަސް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އުވާލައި، މިދިޔަ ސެޕްޓެންބަރު މަހުގެ ކުރީކޮޅު އެމްއޭސީއެލަށް އާރުއޭސީއެލްގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓެއް ވަނީ ބަދަލުކޮށްފައެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އެ ކުންފުންޏަށް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ބޮޑުއިރު، އެތައް ސަތޭކަ މަގާމަކަށް ސިޔާސީ މީހުން އެ ކުންފުންޏަށް ވައްދައިފައިވާކަން ވެސް ވަނީ ހާމަވެފައެވެ.
މީގެ އިތުރުން ކުންފުނީގެ މެންޑޭޓުން ބޭރު ގިނަ މަސައްކަތްތަކެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅުތަކާ ގުޅުންހުރި މަޝްރޫއުތައްކަމަށްވާ ބިން ހިއްކުމާއި، ރަށްރަށުގައި ޖިމް އެޅުން ފަދަ ކަންކަން ވެސް ހިމެނެއެވެ.