މި މަހުގެ ބިލުތައް ދެ ގުނައަށް ބޮޑުވެގެން އާންމުން ޝަކުވާ ކުރަމުންދާއިރު، އެ ބިލުތަކަށް ޑިސްކައުންޓު ދިނުމަށް "ސަރުކާރުގެ ޕޮލިސީއަކު" ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލަށް އެންމެ ބޮޑުވެގެން އަރާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ކަރަންޓު ބިލުގައި ހިމަނައިގެން ވެމްކޯއަށް ދައްކަންޖެހޭ 150 ރުފިޔާގެ ފީވެސް އެ މުއްދަތުގައި ދައްކައިދިނީ ސަރުކާރުންނެވެ.
އޭގެފަހުން މި މަހު އައި ކަރަންޓު ބިލުތައް ބޮޑުވެ، އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެގޮތުން، ބައެއް ގޭބީސީތަކުގެ ބިލު ކުރިއަށް ވުރެ ދެ ގުނަ ބޮޑުވެފައިވާ ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.

ސްޓެލްކޯގެ މުވައްޒަފުން ކަރަންޓު މައްސަލަ ހައްލުކުރަނީ: މި މަހުގެ ބިލުތަކަށް އިތުރަށް ޑިސްކައުންޓު ދިނުމަށް ސަރުކާރުގެ ޕޮލިސީއަކު ނެތް ކަމަށް ޒަމީރު ވަނީ ވިދާޅުވެފައި -- ފޮޓޯ/ ސްޓެލްކޯ
މެދު އިރުމަތީގެ ހަނގުރާމަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެ ބިލުތައް އެހާ ބޮޑުވީ ކީއްވެތޯއާއި ބިލުތަކަށް ޑިސްކައުންޓު ދިނުމުގެ ވިސްނުން ހުރިތޯ ސުވާލުކޮށްފައެވެ.
ޖަވާބުގައި އެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ޒަމީރު ވިދާޅުވީ، ކޮންމެ އަހަރެއްގެ މާރިޗު މަހުގައި ބިލުތައް ބޮޑުވާތީ ފިނޭންސް މިނިސްޓްރީން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، އެ ދުވަސްވަރު މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު 130 މެގަވޮޓަށް އަރާ ކަމަށާއި އެއީ 15 އިންސައްތައިގެ އިތުރުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބިލެއްގައި ބޮޑު ޓެކްނިކަލް މައްސަލައެއް އުޅޭނަމަ، އެ ކަމެއް ބަލައި ހައްލުކޮށްދޭނެ ކަމަށެވެ.
އެކަމަކު، ބިލުތަކަށް މި މަހަކު އަޅުގަނޑުމެން ތި ވިދާޅުވި ކަހަލަ ޑިސްކައުންޓެއް ދޭކަށް އަދިއެއް ސަރުކާރުގެ ޕޮލިސީއަކު ނެތް،ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ފާހަގަކޮށްލެވޭ ގޮތުގައި، މި މަހުގެ ބިލުތައް ބޮޑުވިއިރު، މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ވަނީ ދިމާވެފައެވެ.
ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. ގެތަކުގައި އޭސީއާއި ފަންކާ ބޭނުންކުރާ މިންވަރު އިތުރުވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މީގެ ކުރިން ބުނި ގޮތުގައި ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހަކީ އިހުސާސް ކުރެވޭ ހޫނުމިން މައްޗަށްދާ ދުވަސްވަރެކެވެ.
މިދިޔަ އަހަރުގެ ރޯދަމަހު ވެސް ކަރަންޓު ބިލުތަކުން ޑިސްކައުންޓު ދީފައިވެއެވެ. އެފަހަރު ދިނީ ކޮންމެ ބިލަކަށް އަރާ ވަރުގެ 10 ޕަސެންޓް ޑިސްކައުންޓެވެ.
ނަމަވެސް، އެފަހަރު ރޯދަ މަހު ޑިސްކައުންޓް ލައިގެން ވެސް ކަރަންޓު ބިލުތައް ބޮޑުވި ކަމުގެ ޝަކުވާ ފެންމަތިވިއެވެ. އެއާއެކު، އޭރު ސްޓެލްކޯއިން ބުނީ، ކަރަންޓު ބިލުތައް ބޮޑީ ހޫނު މޫސުމާ ދިމާވެ، ކަރަންޓު ބޭނުން ކުރި މިންވަރު އިތުރުވުމުން ކަމަށެވެ.