ތެލުގެ އަގު ބޮޑުވުމުން ޖަރުމަނުގައި ކާރުގެ ބަދަލުގައި ބައިސްކަލު ދުއްވުން އިތުރުވަނީ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޖަރުމަނުގެ ގިނަ ބަޔަކު ވަނީ އަމިއްލަ ކާރުގެ ބަދަލުގައި ބައިސްކަލާއި ބަސް އަދި ރޭލު ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރަން ފަށާފައެވެ. ފޯސާ އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާއި ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު އުފުލި، ޖަރުމަނުގެ މެދުފަންތިއާއި ދަށް ފަންތީގެ މީހުންނަށް ވަނީ މާލީ ދަތިތަކާ ކުރިމަތިވެފައެވެ. މިގޮތުން ކަރަންޓާއި ފެނުގެ އަގުތަކުގެ އިތުރުން ކާބޯތަކެތީގެ އަގުވެސް ވަނީ އުފުލިފައެވެ. މި ބަދަލުތަކާއެކު، ކުރިން ރެސްޓޯރެންޓްތަކުން ކައިއުޅުނު މީހުންގެ ތެރެއިން 41 އިންސައްތަ މީހުން މިހާރު އިސްކަންދެނީ ގޭގައި ކައްކައިގެން ކެއުމަށެވެ. ނަމަވެސް ބޮޑެތި އާމްދަނީ ލިބޭ ފަރާތްތަކަށް މިކަމުގެ މާބޮޑު އަސަރެއް ނުކުރެއެވެ.

  • ތެލުގެ އަގު ބޮޑުވުމުން ޖަރުމަނުގައި ކާރުގެ ބަދަލުގައި ބައިސްކަލު ދުއްވާ މިންވަރު އިތުރުވުން.
  • ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އާންމު ތަކެތީގެ އަގުތައް ބޮޑުވުން.
  • ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ޚިދުމަތްތައް ދޭ ޕްރައިވެޓް ކުންފުނިތަކުގެ އަގުތައް މައްޗަށް ދިޔުން.
  • ޚަރަދު ކުޑަކުރުމުގެ ގޮތުން 41 އިންސައްތަ މީހުން ރެސްޓޯރެންޓްތަކުން ކެއުމުގެ ބަދަލުގައި ގޭގައި ކައްކަން ފެށުން.

ބާލިން (29 އެޕްރީލް 2026): ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޖަރުމަނުގައި ގިނަ ބަޔަކު ކާރުގެ ބަދަލުގައި ބައިސްކަލް ބޭނުންކުރަން ފަށައިފިއެވެ.

ޚިޔާލު ހޯދުމުގެ ސާވޭތައްކުރާ ޖަރުމަނުގެ މުއައްސަސާއެއް ކަމަށްވާ "ފޯސާ"އިން ކުރި ސާވޭއަކުން ހާމަވާ ގޮތުގައި އެމެރިކާއާއި އިސްރާއީލުން އީރާން އާ ދެކޮޅަށްފެށި ހަނގުރާމައާ ގުޅިގެން, ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން ޖަރުމަނުގެ މެދުފަންތީގެ މީހުންނާއި އެއަށްވުރެ އިގްތިސާދީ ގޮތުން ދަށް ފަންތީގެ މީހުންގެ ޖީބުތަކަށްވަނީ ބުރަބޮޑުވެފައެވެ. ތެލުގެ އަގު އުފުލުނީ، ހަނގުރާމައިގެ ސަބަބުން އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުންނެވެ.

މިއާއެކު ލިބޭ އާމްދަނީގައި މެދުފަންތީގެ މީހުންނާއި އެއަށްވުރެ ދަށް ފަންތީގެ މީހުންގެތެރޭގައި އަމިއްލަ ކާރުގައި ދަތުރުކުރާ މީހުންނަށްވަނީ މި ޚަރަދު ތަހައްމަލުކުރަން ދަތިވެ ކާރުގެ ބަދަލުގައި ބަހާއި ބައިސްކަލް ބޭނުންކުރަން މަޖުބޫރުވެފައެވެ. މިގޮތުން މެދުފަންތީގެ ގިނަ ބަޔަކާއި އެއަށްވުރެ މަދުން އާމްދަނީ ލިބޭ މީހުން ވަނީ ކައިރީ ދަތުރުތައް ކުރަން ބައިސްކަލް އަދި އެއަށްވުރެ ދުރު ދަތުރުތައްކުރަން ބަސް ނުވަތަ ރޭލާއި މެޓްރޯ ބޭނުންކުރަން ފަށާފައެވެ.

ޖަރުމަނުގެ ނޫސްއެޖެންސީ ޑީޕީއޭ ބުނާގޮތުން ތެލުގެ އަގުބޮޑުވުމުން ޖަރުމަނުގައި ކަރަންޓާއި ފެނާއި އެނޫންވެސް ޔުޓިލިޓީ ޚިދުމަތްތަކުގެ އަގުތައްވަނީ ބޮޑުވެފައެވެ. އަދި ދަތުރުފަތުރުގެ އަގުތައް ބޮޑުވުމުން ބާޒާރުގައި ކޮންޒިއުމާ ގުޑްސް ނުވަތަ ދުވަހުން ދުވަހަށް ބޭނުންވާ ތަކެތީގެ އަގުތައްވެސް ވަނީ އުފުލިފައެވެ.

ޖަރުމަނުގައި ޔުޓިލިޓީގެ ޚިދުމަތްތައްދެނީ ޕްރައިވެޓް ކުންފުނިތަކުން ކަމަށްވާތީ ދުނިޔޭގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމެއްގެ ސީދާ އަސަރު ޖަރުމަނުގެ އާންމު ރައްޔިތު މީހާގެ ޖީބަށް ކުރެއެވެ. މިފަދަ ކަންކަމުގެ ޝިކާރައަކަށް ގިނައިންވަނީ މެދުފަންތީގެ މީހުންނާއި އެއަށްވުރެ އިގްތިސާދީގޮތުން ދަށް ފަންތީގެ މީހުންނެވެ. ބޮޑެތި މުސާރަތަކާއި ގިނައިން އާމްދަނީ ލިބޭ ފަރާތްތަކަށް މިލޮޅުންތައް ތަހައްމަލްކުރާކަށް ދައްޗެއް ނޫނެވެ.

"ފޯސާ" ބުނާގޮތުން ޖަރުމަނުގައި ކުރިން ގިނައިން ރެސްޓޯރެންޓްތަކުން ކައިގެން އުޅުނު މީހުންގެތެރެއިންވެސް، މެދުފަންތިއާއި އެއަށްވުރެ ދަށް ފަންތިތަކުގެ މީހުން ކެފޭ ރެސްޓޯރެންޓްތަކަށް ދިޔުންވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. އެގޮތުން އޭގެ ތެރެއިން 41 އިންސައްތަ މީހުން މިހާރުވަނީ އެ ތަންތަނުން ކެއުމުގެ ބަދަލުގައި ގޭގައި ކައްކާ ތަކެތި ކެއުމަށް އިސްކަން ދީފައިކަން އެ މުއައްސަސާއިން ކުރި ސާވޭއިންވަނީ ހާމަވެފައެވެ.

ނަމަވެސް ބޮޑެތި މުސާރަތަކާއި ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުގެ ސުލޫކަކަށް ބަދަލެއް ނާދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް