ރ. ދުވާފާރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ދުވާފަރުގައި ބިދޭސީއަކަށް ހަމަލާ ދިން މައްސަލައެއް މިރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.
ދުވާފަރުގެ ސިއްހީ މަރުކަޒުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އަނިޔާވި މީހާގެ ބޮލަށާއި އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. ނަމަވެސް އެ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އެ މަރުކަޒުން މައުލޫމާތު ދިނެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން ފުލުހުން ވަނީ، ސ. ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންދިޔަ މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލައެއް މިއަދު 13:50 ހާއިރު އެ މަރުކަޒުން ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ، އެ މީހާއަށް އަނިޔާވީ ޑުރަގުގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގައި ހިންގި މާރާމާރީއެއްގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު 3,829 މައްސަލައެއް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި އަނިޔާއެއް ދިނުމުގެ 217 މައްސަލަ ހިމެނެއެވެ.