ރުބީނާއާއި އަބީނާވް، 2 ކުދިންނާ އެކު ރާއްޖޭގައި

ރުބީނާ ޑިލަކް އާއި ފިރިމީހާ އަބިނާވް ޝުކްލާ ރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް

އިންޑިއާގެ ޓީވީ ސިލްސިލާތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރުބީނާ ޑިލަކް އަދި އޭނާގެ ފިރިމީހާ އަބިނާވް ޝުކްލާ، އެ ދެމަފިރިންގެ ދެ ކުދިންނާއެކު ރާއްޖޭގައި އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ. ޅަ އަތޮޅުގައި އޮންނަ މޭޔާފުށީގައި އެމީހުން ޗުއްޓީ ހޭދަކުރަމުންދާއިރު، އެ ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ލިބޭ މެހެމާންދާރީއަށް ރުބީނާ ވަނީ ތައުރީފުކޮށްފައެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެމީހުން ހޭދަކުރާ ކޮންމެ ރެއަކަށް ގާތްގަނޑަކަށް ދެ ލައްކަ ވިހި ހާސް އިންޑިއަން ރުޕީސް ޚަރަދުވެއެވެ. މި ދެތަރިންނަކީވެސް އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ދެމަފިރިންނެވެ.

  • ރުބީނާއާއި އަބިނާވް ދެ ކުދިންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުން
  • ޅަ އަތޮޅު މޭޔާފުށީގެ ފުރިހަމަ މެހެމާންދާރީއަށް ތައުރީފުކުރުން
  • މި ޗުއްޓީގައި ކޮންމެ ރެއަކަށް 2.2 ލައްކަ ރުޕީސް ޚަރަދުވާކަމަށް ނޫސްތަކުން ރިޕޯޓުކުރުން
  • ދަތުރުކުރުމުގެ ސަބަބުން އާއިލީ ގުޅުން ބަދަހިވާކަން ރުބީނާ ފާހަގަކުރުން

ހިންދީ ޓީވީ ސިލްސިލާތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ ރުބީނާ ޑިލަކްއާއި ފިރިމީހާ އަބިނާވް ޝުކްލާ ދެ ކުދިންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ރުބީނާގެ އާއިލާއިން ރާއްޖެއަށް އައިސްފައިވަނީ ސީދާ ކޮން ދުވަހެއްގައި ހާމަކޮށްފައި ނެތަސް ބަތަލާ އަންނަނީ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ޅ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު މޭޔާފުށީގައި ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުން ރުބީނާ ކެޕްޝަންގައި ލިޔެފައި ވަނީ، "އެކި މަންޒިލުތަކަށް ދަތުރު ކުރުމަކީ އަހަރެން އުފާވާކަމެއް، އަދި އޭގެ ސަބަބުން އަހަރެމެންގެ އާއިލާގެ ގުޅުން އިތުރުން ބަދަހިވޭ"، މިހެންނެވެ.

މޭޔާފުށީގެ ހިތްގައިމު މާހައުލުގައި ނަގާފައިން ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރަމުން ބަތަލާ ބުނީ، އެ ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ މެހެމާންދާރީއަށް ޝުކުރުއަދާކުރާ ކަމަށެވެ.

ރުބީނާ ޑިލަކް އާއި ފިރިމީހާ އަބިނާވް ޝުކްލާ މޭޔާފުށީގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރުބީނާގެ އާއިލާއިން މޭޔާފުށީގައި ހޭދަކުރާ ކޮންމެ ރެއަކަށް 2.2 ލައްކަ އިންޑިއަން ރުޕީސް ޚަރަދުވެއެވެ.

ކަލަސް ޓީވީއިން ގެނެސްދިން 'ބިގް ބޮސް 14'ގެ ޓްރޮފީ ކާމިޔާބުކޮށްފައިވާ ބަތަލާގެ މަޝްހޫރު ޓެލެވިޒަން ޑްރާމާތަކުގެ ތެރޭ، "ޗޯޓީ ބަހޫ" އާއި "ޝަކްތީ: އަސްތިތުވާ ކޭ އެހެސާސް ކީ" ހިމެނެއެވެ.

ރުބީނާގެ ފިރިމީހާ އަބިނާވް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "އަކްސަރު 2" އާއި "ލުކާ ޗުއްޕީ" ހިމެނެއެވެ. އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ޗޯޓީ ބަހޫ"، "ޖާނޭ ކިއު ބާތު ހުއީ" އަދި "ހިޓްލަރު ދީދީ" އަދި "ސިލްސިލާ ބަދަލްތޭ ރިޝްތޯންކާ" ހިމެނެއެވެ.

comment ކޮމެންޓް