ޗައިނާއިން އާއިޝަތު ނަޝާތާ
ޝަންގްހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) އިން ބާއްވާ "ގްރީން އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފޯރަމް" ގެ މީޑިއާ ވަފުދުގެ މެންބަރެއްގެ ގޮތުގައި، ޗައިނާގެ އެންމެ ތާރީޚީ އަދި ސަގާފީ ގޮތުން މުއްސަނދި އެއް ސިޓީ ކަމަށްވާ ހަންގްޒޫ އަށް އަޅުގަނޑަށް އާދެވިއްޖެއެވެ.
މި ދަތުރުގައި ބައިވެރިވުމަށް އަޅުގަނޑަށް ދައުވަތު ދީފައިވަނީ، އެސްސީއޯ ގެ "ގުޑް ނެއިބާލިނަސް، ފްރެންޑްޝިޕް އެންޑް ކޯޕަރޭޝަން ކޮމިޝަން" (ޖީއެންއެފްސީސީ) ގެ ފަރާތުންނެވެ.

ފްލައިޓް ލަސްވުމުގެ ސަބަބުން އެޖެންޑާގެ ބައެއް ކަންކަން ކުރަން ފުރުސަތު ގެއްލުނު ނަމަވެސް، މި ދަތުރުގެ މައިގަނޑު މަގުސަދު ހާސިލްކުރުން އަދި އޮތީއެވެ. އެއީ ޓެކްނޮލޮޖީ އާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި ތިމާވެއްޓާ ރައްޓެހި 'ފެހި' ކުރިއެރުންތައް ހޯދުމުގައި ޗައިނާ އިން ބޭނުންކުރާ އުސޫލުތައް ގާތުން ދެނެގަތުމެވެ.
ހަންގްޒޫގައި އަޅުގަނޑު މަޑުކޮށްގެން މިހުރީ ގުދުރަތީ ރީތިކަމަށް މަޝްހޫރު "ވެސްޓް ލޭކް" ކައިރީގައި އޮންނަ ހަމަހިމޭން "ހުއާ ޖިއާ ޝާން" ރިސޯޓުގައެވެ. މިތަނުގެ ހަމަހިމޭން މާހައުލުން ގުދުރަތީ ރީތިކަމާއި ޒަމާނީ ދިރިއުޅުމުގެ ފުރިހަމަކަން ފެނިގެންދާއިރު، މިއީ މި ދަތުރުގައި ފުރަތަމަ ކުރެވުނު ހިތްގައިމު ތަޖުރިބާއެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން މީޑިއާ ވަފުދުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ބިގް ޑޭޓާ އަދި އައިއޯޓީ (IoT) ސޮލިއުޝަންތަކަށް ޚާއްޞަ، ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ "ހިކްވިޝަން ޑިޖިޓަލް ޓެކްނޮލޮޖީ" އަށް ޒިޔާރަތްކޮށްފައެވެ. ތިމާވެއްޓަށް އަންނަ ބަދަލުތައް މޮނިޓަރު ކުރުމަށާއި، ސިޓީތައް ހަރުދަނާކޮށް ބެލެހެއްޓުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ގޮތުގެ އަގުހުރި މަޢުލޫމާތުތަކެއް މި ޒިޔާރަތުން ލިބިގެންދިޔައެވެ. ޚާއްސަކޮށް އޭއައި ބޭނުންކޮށްގެން ތިމާވެށި ބެލެހެއްޓުމުގައި ހިކްވިޝަންއިން ގެންގުޅޭ އީޖާދުތަކަކީ، ތަޣައްޔަރުވުމާއި ވަޞީލަތްތައް ބެލެހެއްޓުން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އޮތް ހައްލެއްކަން ހާމަވެގެންދިޔައެވެ.
މީގެ އިތުރުން، "ރޮބޮޓް ސިޓީ" ގެ ނަމުން މަޝްހޫރުވެފައިވާ "ހަންގްޒޫ އެމްބޮޑީޑް އިންޓެލިޖެންސް އެގްޒިބިޝަން" ސެންޓަރަށް ވެސް އަޅުގަނޑުމެން ޒިޔާރަތްކުރީމެވެ. މި މަރުކަޒަކީ ރޮބޮޓިކްސް އާއި އިންޓެލިޖެންޓް ސިސްޓަމްތަކުގެ އެންމެ ފަހުގެ ކުރިއެރުންތައް ދައްކާލާ ތަނެކެވެ.

އޭގެ ތެރޭގައި އިންސާނުންނާ އެއްގޮތަށް ހަރަކާތްތެރިވާ ރޮބޮޓްތަކާއި، މުޢާމަލާތްކުރެވޭ އޭއައި ޓެކްނޮލޮޖީ ހިމެނެއެވެ. ސިއްހީ ދާއިރާ އާއި، އުފެއްދުންތެރިކަމާއި، ތަޢުލީމީ ދާއިރާ ފަދަ ކަންކަމުގައި އިންސާނުންނާއި މެޝިނުގެ ގުޅުން ބަދަލުވަމުންދާ ގޮތާއި، މީގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ގޮތުގެ ތަޞައްވުރެއް މިތަނުން ފެނިގެންދިޔައެވެ.
މިއަދު އަޅުގަނޑުމެންގެ މި ދަތުރު މިސްރާބު ހުރީ ޗައިނާގެ ފެހި ތަރައްޤީގެ ނަމޫނާއެއް ކަމަށްވާ "އަންޖީ ކައުންޓީ" އަށެވެ. ގިނަ އަދަދެއްގެ އޮނު (ބެމްބޫ) ގަސްތަކާއި ތިމާވެއްޓާ ރައްޓެހި އަވަށްތަކަށް މަޝްހޫރު އަންޖީއަކީ، "ސާފު ފެނާއި ފެހި ފަރުބަދަތަކަކީ އަގުނުކުރެވޭނެ ފަދަ ޖަވާހިރުތަކެއް" ކަމަށް ބުނާ މަޝްހޫރު ފަލްސަފާ އުފަންވި ތަނެވެ. މި ފަލްސަފާއިން ބާރުއަޅަނީ ތިމާވެށި ހިމާޔަތްކުރުމާއި އިގްތިސާދީ ކުރިއެރުން އެކުއެކީގައި ގެންދެވިދާނެ ކަމަށެވެ.

ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުން ދިވެހިރާއްޖެއަށް ވެސް މޫސުމީ ބަދަލުތަކާއި، ކުނި މެނޭޖުކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން، އަންޖީ ފަދަ ސަރަހައްދުތަކުން ލިބޭ ތަޖުރިބާތަކަކީ ރާއްޖެ ފަދަ ގައުމުތަކުގެ މުޖުތަމައުތައް ތަރައްޤީކުރާއިރު ގުދުރަތީ މާހައުލު ހިމާޔަތްކުރާނެ ގޮތުގެ މުހިންމު ފިލާވަޅުތަކެކެވެ. ޕްލާސްޓިކްގެ ބަދަލުގައި އޮނު ބޭނުންކުރުން ފަދަ ކަންކަމަކީ އަޅުގަނޑުމެންގެ މާހައުލާ ގުޅޭގޮތަށް ތަންފީޒު ކުރެވިދާނެ އަމަލީ ނަމޫނާތަކެކެވެ.
ހަންގްޒޫ އިން އަންޖީ އަށް ކުރާ މި ދަތުރަކީ ދެމެހެއްޓެނިވި ތަރައްޤީ އާއި، އީޖާދީ އުފެއްދުންތަކުގެ ބޮޑު މަންޒަރެއް ދެނެގަތުމަށް ކުރެވޭ ދަތުރެކެވެ. މިއީ ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ ރަނގަޅު ތަޖުރިބާތައް، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް އެންމެ އެކަށޭނެ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މި ދަތުރުގެ ބާކީ ބައިގައި ވެސް އަޅުގަނޑުގެ އަމާޒަކީ އާ ކަންތައްތައް ދަސްކޮށް، ދުނިޔޭގެ ކުރިއެރުންތަކާއި އަޅުގަނޑުމެންގެ ފުރުސަތުތަކާ ގުޅުވައިދޭނެ މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމެވެ.