ޝިއާއުގެ މަރު: ސިއްރު މައްސަލައިގައި ޝާހިލަށް ތިން އަހަރުގެ ޖަލު ހުކުމެއް

ޝާހިލް: އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޝިއާއު މަރާލި ކަމަށް -- ފޮޓޯ/ ރެޑްބުލް، މުހައްމަދު އަހުސަން

މާލޭގެ ހ. ޝީރީންވިލާ ގޭގެ ތެރޭގައި 22 އަހަރުގެ ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ސިއްރު ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ ހުކުމް އަދި ނުކުރެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝިއާއު މަރުވީ ޝާހިލް ދިން އަނިޔާތަކުންނެވެ. އަދި މަރާލުމަށްފަހުވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ.

  • އަލީ ޝާހިލްގެ މައްޗަށް 3 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި
  • ހުކުމް އިއްވީ އޭނާގެ މައްޗަށް އުފުލިފައިވާ ސިއްރު ދެ ދައުވާއެއް ސާބިތުވުމުން
  • ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ ހުކުމް ކްރިމިނަލް ކޯޓުން އަދި ނުކުރޭ
  • މަރާލުމަށްފަހުވެސް ޝިއާއުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ކަށަވަރުވެފައިވޭ

މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް، ދައުވާތަކެއް ސާބިތުވެ، ތިން އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ.

ހ. ޝީރީންވިލާ ގޭގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޮގަސްޓް 6، 2022ގައެވެ. އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތް ވެސް އޮތީ ސިއްރުކޮށްފައެވެ. މިއަދު ހުކުމް ކުރީ އޭގެ ތެރެއިން ދެ މައްސަލައެއްގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. އަދި ބާކީ ހުރި ދައުވާތަކުގެ ހުކުމްތައް މިހާތަނަކަށް ނީއްވައެވެ. ބާކީ ހުރި މައްސަލަތަކުގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހިމެނެއެވެ.

ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައިވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުންވަނީ ކުރިން ބުނެފައެވެ.

comment ކޮމެންޓް