ލަންޑަން (27 އެޕްރީލް 2026): އެމެރިކާއިން އީރާނަށް އެޅި ބޮންތަކާއި ހަމަލާދިނުމަށް ބޭނުންކުރި މިސައިލްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ތަކެތި ނުގޮވައި ހުރުމުން ރިވާސް އިންޖިނިއަރިން ބޭނުންކޮށްގެން އެ ތަކެތީގެ ޓެކްނޮލޮޖީ ހޯދުމުގެ މަސައްކަތް އީރާނުން ފަށައިފިއެވެ.
ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން މިކަން ހާމަކޮށްފައިވާއިރު އީރާނުގެ ޕްރެސްޓީވީންވެސް ވަނީ ރިވާސް އިންޖިނިއަރިންއަށް ޚާއްސަ އެ ގައުމުގެ އިންސްޓިޓިއުޓްތަކުން މި މަސައްކަތް ފެށިކަން ކަށަވަރުކޮށް ދީފައެވެ.
ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "އައި ޕޭޕާ" ބުނާގޮތުން ނުގޮވައި ހުރި އެމެރިކާގެ ބޮމާއި މިސައިލް ފަދަ ތަކެތީގެ ސަބަބުން އީރާނަށްވަނީ އެމެރިކާގެ ޒަމާނީ ޓެކްނޮލޮޖީގެ ބޮޑު ކަންޒެއް ލިބިފައެވެ. އެމެރިކާ އީރާނަށް އެޅި ބޮންތަކުގެ ތެރެއިން ނުގޮވައި ސަލާމަތުން ހުރި ބޮންތަކުގެ ތެރޭގައި ބަންކަރ ބަސްޓާ ބޮމާއި ތޮމަހޯކް މިސައިލް ފަދަ ހައިޓެކް ހަތިޔާރު ހިމެނޭކަމަށްވެއެވެ. މީގެތެރޭގައި ބަންކަރުތަކާއި ބިންގަރާސްތައް ހަލާކުކުރުމަށް އެމެރިކާ މިހާތަނަށް އުފައްދާފައިވާ އެންމެ މަތީ ޓެކްނޮލޮޖީގެ ބޮންކަމަށްވާ ޖީ.ބީ.ޔޫ. -57 މަރުކާގެ ދެ ބޮންވެސް ހިމެނޭކަމަށް "އައި ޕޭޕަރ" ބުނެއެވެ.
އީރާނުގެ "ޕްރެސްޓީވީ" ބުނާގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ބޮން ޑިސްޕޯސަލް ޓީމުތަކުންވަނީ އެމެރިކާ އެޅި ބޮންތަކާއި ހަމަލާދިން މިސައިލްތަކުގެ ތެރެއިން ނުގޮވައި ހުރި އެއްޗިއްސާއި ގޮވާފައިވާ އެއްޗެތީގެ ތެރެއިންވެސް ސަލާމަތުން ހުރި ބައިތައް ހިމެނޭގޮތަށް 9 ހާހަށް ވުރެގިނަ ތަކެތި ހޯދައި ރައްކާތެރި ކަމާއެކު އެތަކެތި ނެގުމަށްފަހު އީރާނުގެ ރިވާސް އިންޖިނިއަރިން އާބެހޭ އިންސްޓްޓިއުޓްތަކާ އެ ތަކެތި ހަވާލުކޮށްފައެވެ. އެއީ އެ ތަކެތި ޑިސްމޭންޓްލްކޮށް ނުވަތަ ރައްކާތެރި ކަމާއެކު ރޫޅައި އޭގެ ޓެކްނޮލޮޖީ ދެނެގަތުމަށްޓަކައެވެ.

އީރާނަކީ ރިވާސް އިންޖިނިއަރިންގެ ދާއިރާގައި ކުރިއަރާފައިވާ ގައުމެކެވެ. އަދި ރިވާސް އިންޖިނިއަރިންގެ ރީސާޗްތައް ވެސް ވަރަށް ފުޅާދާއިރާއެއްގައި ކުރަމުންގެންދާ ގައުމެކެވެ. މިކަމާބެހޭ ރީސާޗް އިންސްޓިޓިއުޓްތަކާއި ކާރުޚާނާތައް އީރާނުގައި އެބަހުއްޓެވެ.
"ޕްރެސްޓީވީ" ބުނާގޮތުން އީރާނުގެ ފަރުބަދަތަކުގެ އަޑީގައިވާ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކުރުމަށް އެމެރިކާ އެޅި ޖީ.ބީ.ޔޫ. -57 މަރުކާގެ ބޮންތަކުގެ ތެރެއިން ދެ ބޮން ނުގޮވައި އޮއްވައި އެދޭތި މިދިޔަ ހަފްތާގައިވަނީ ރައްކާތެރިކަމާއެކު ރިވާސް އިންޖިނިއަރިންގެ އިންސްޓިޓިއުޓަކާ ހަވާލުކޮށްފައެވެ. އަދި އެ އިންސްޓިޓިއުޓްގެ އިންޖިނޭރުންވަނީ އޭގެތެރެއިން އެއްބޮން ރައްކާތެރިކަމާއެކު ރޫޅާލައި އޭގެ ޓެކްނޮލޮޖީ ދެނެގަތުމުގެ ރީސާޗްގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
ލަންޑަންގައި ނުކުންނަ އެެހެން ނޫހެއްކަމަށްވާ "ދަ ގާޑިއަން" ބުނާގޮތުން އީރާން އާ ދެކޮޅަށް އެމެރިކާ ބޭނުންކުރި މަތީ ޓެކްނޮލޮޖީގެ ހަތިޔާރުތަކުގެ ޓެކްނޮލޮޖީ ދެނެގަނެ އޭގެ ރިވާސް އިންޖިނިއަރިން ހެދުމުގެ މަސައްކަތަށް އީރާން ވަރަށް ބޮޑު އިސްކަމެއް ދެކެއެވެ. އެއީ އީރާނުގެ ހަތިޔާރު ހަތިޔާރު އިންޑަސްޓްރީ އިތުރަށް ތަރައްގީކޮށް ހަތިޔާރުގެ ބާރު އިތުރަށް ވަރުގަދަ ކުރުމަށްޓަކައެވެ. ހަތިޔާރުގެ ބާރު ވަރުގަދަކޮށްގެން ނޫނީ އެމެރިކާއާއި އިސްރާއީލުގެ އުދުވާން ތަކުން މުސްތަގްބަލްގައި އީރާނަށް ދިފާއު ވެވޭނެ ގޮތެއް ނޯންނާނެކަން އީރާނަށް ރަނގަނޅަށް އެނގޭތީއެވެ.
އީރާން އާ ދެކޮޅަށް އެމެރިކާ ބޭނުންކުރި މަތީ ޓެކްނޮލޮޖީގެ ހަތިޔާރުތަކުގެ ޓެކްނޮލޮޖީ ދެނެގަތުމާއި އޭގެ ރިވާސް އިންޖިނިއަރިންގެ މަސައްކަތް އީރާން ފަށާފައިވާތީ އެމެރިކާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ ރުޅިއައިސްފައި ކަމަށް މި ރިޕޯޓް ބުނެއެވެ. އެމެރިކާގެ ހަމަލާތަކުން އީރާނަށް ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް އެކަމުގެ ސަބަބުން އެމެރިކާގެ ހަތިޔާރުތަކުގައިވާ ޒަމާނީ ޓެކްނޮލޮޖީ އީރާނަށް ނަގުލުވާނެތީ މިއީ ސްޓްރެޓީޖިކް ގޮތުން އެމެރިކާއަށް ލިބުނު ބޮޑު ގެއްލުމެއްކަމަށް އެމެރިކާގެ ކުރީގެ ޖާސޫސީ މަސްއޫލުވެރިން ވަނީ ސިފަކުރައްވާފައެވެ.
އަނެއްކޮޅުން އީރާން އަތުގައިވާ އެމެރިކާގެ ޒަމާނީ ހަތިޔާރުތަކުގެ ޓެކްނޮލޮޖީ ގެ ޗައިނާއަށް ދިފާނެކަމުގެ ބިރުވެސް އެމެރިކާ އިހުސާސް ކުރާކަމަށް މިފަރާތްތަކުން ދެކެއެވެ.
މިކަމާބެހޭގޮތުން "ދަ ގާޑިއަން" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން އީރާން ބޭނުންވާ ބައެއް ބާވަތުގެ ޓެކްނޮލޮޖީ އާއި ހަތިޔާރު އުފައްދަން ބޭނުންވާ ސާމާނު ޗައިނާ އަތުން ހޯދުމަށްޓަކައި އެމެރިކާގެ ޓެކްނޮލޮޖީ އީރާނުން ޗައިނާއަށް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
އީރާން އަތުގައިވާ އެމެރިކާގެ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ޒަމާނީ ޓެކްނޮލޮޖީގެ ބޮންތަކާއި ޓޮމަހޮކް މިސައިލް ފަދަ ޒަމާނީ ހަތިޔާރުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ޗިޕްތަކާއި ސެމިކޮންޑަކްޓާސް ފަދަ ތަކެއްޗަކީ އޭގެ ޓެކްނޮލޮޖީގެ ސިއްރުތައް ދެނެގަތުމަށް ޗައިނާ އިންތިހާއަށް ބޭނުންވެފައިވާ ތަކެއްޗެވެ. އެއީ ޗައިނާގެ ހައިޓެކް އިންޑަސްޓްރީ ވަރުގަދަ ކުރުމަށްޓަކައެވެ.