ކޮމެޑީ ޝޯއިން މަގުބޫލުކަން ލިބުނު ނަމަވެސް ފިލްމުތަކުން ލިބޭ ފުރުސަތުތައް މަދު: އަރްޗަނާ

އިންޑިއާގެ ބަތަލާ އަރުޗަނާ ޕުރަން ސިންގް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މަޝްހޫރު ކަޕިލް ޝަރުމާގެ ކޮމެޑީ ޝޯގައި ހޭދަކުރި ދިގު މުއްދަތުގެ ސަބަބުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ނަމަވެސް ފިލްމުތަކުން ލިބޭ ފުރުސަތުތައް މަދުކަމަށް އެ ޝޯގެ މެމްބަރު އަދި ބަތަލާ އަރުޗަނާ ޕުރަން ސިންގް ބުނެފިއެވެ.

އިންޑިއާގެ ފިލްމީ ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ބަތަލާ އަރުޗަނާ، "ދަ ކަޕިލް ޝަރުމާ ޝޯ" އާ ގުޅުނީ 2019 ވަނަ އަހަރު ނަވްޖޯތު ސިންގް ސިދޫގެ ބަދަލުގައެވެ.

މި ޝޯގެ ސަބަބުން އޭނާގެ މަގުބޫލުކަން އިތުރުވި ނަމަވެސް، ފިލްމީ މަސައްކަތްތަކަށް ވަގުތު ދިނުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް އޭނާ ފާހަގަކުރިއެވެ.

"ވޭތުވެދިޔަ މި ހުރިހާ އަހަރެއްގައި އަހަންނަށް ފިލްމީ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތެއް ނުލިބޭ. އެއް ފަހަރަކު ފިލްމެއްގެ ޝޫޓިންއަށް 25 ދުވަހަށް ސްކޮޓްލޭންޑަށް ދާން ދައުވަތު ލިބުނު. އެކަމަކު ކަޕިލްގެ ޝޯ ދޫކޮށްފައި އެހެން ތަނަކަށް ދިއުމަކީ އެ ވަގުތު ކުރެވެން އޮތް ކަމެއް ނޫން. ކުރިން އެ ޝޯ ޓީވީން ދެއްކިއިރު އަހަރަކު ސަތޭކައެއްހާ އެޕިސޯޑު ކުޅެންޖެހޭ. އެހެންވެ، އެހެން ކަމަކަށް ހުސްވާނެ ވަގުތެއް ނޯވޭ. އެކި ފިލްމުތަކަށް ނޫނެކޭ ބުނަން ޖެހުނު މިންވަރު ގިނަވުމުން، ފަހުން މީހުން އަހަންނަށް ފިލްމީ ފުރުސަތުތައް ހުށަހެޅުން ވެސް ހުއްޓާލީ،" ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި އަރުޗަނާ ބުންޏެވެ.

އަރުޗަނާ، ރާޖްކުމާރު އަދި ސާންޔާ ފިލްމު "ޓޯސްޓާ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ނަމަވެސް، ކަޕިލްގެ ކޮމެޑީ ޝޯ މިހާރު "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ނަމުގައި ނެޓްފްލިކްސްއަށް ބަދަލުވެ، ސީޒަން އުސޫލުން ކުރިއަށްދާތީ، އަލުން ފިލްމީ ދާއިރާއަށް ނުކުމެވޭނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށް އަރުޗަނާ ވަނީ ބުނެފައެވެ.

"މިހާރު ޝޯގެ މަސައްކަތް ކުރަނީ ވަކި ސީޒަންތަކަކަށް ބަހާލައިގެން. އެހެންކަމުން މުޅި އަހަރު ދުވަހު އިންޑިއާގައި ހުންނާކަށް ނުޖެހޭ. މިހާރު އެހެން މަޝްރޫއުތަކަށް ވަގުތު ދިނުމުގެ ފުރުސަތު އެބައޮތް. އެހެންވެ، މި ޝޯ ނެޓްފްލިކްސްއަށް ބަދަލުވުމުން އަހަރެން ވަރަށް އުފާވޭ،" އޭނާ އިތުރަށް ބުންޏެވެ.

އަރުޗަނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފިލްމު "ޓޯސްޓާ"އިންނެވެ. އަރުޗަނާއަށް މި ފިލްމުން ފުރުސަތު ލިބުނީ ފިލްމުގެ ލީޑް އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު އެންމެ ފުރަތަމަ މަސައްކަތްކުރި ފިލްމު "ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ"ގެ ސަބަބުން ކަމަށް އަރުޗަނާ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި 44 އަހަރު ހޭދަކޮށްފައިވީ ނަމަވެސް، އަދިވެސް އޭނާއަށް ކުރިމަތިވަނީ ވަކި ކަހަލަ ރޯލުތަކެއް ކަމަށް އަރުޗަނާ ހިތާމައާއެކު ފާހަގަކުރިއެވެ.

"އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް، ފިލްމު އުފައްދާ މީހުންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަހަރެން މިއީ އެކްޓަރެއް ކަމަކަށް. އެމީހުން އަދިވެސް ދެކެނީ އަހަރެން މިއީ ހަމައެކަނި ގޮނޑިއެއްގައި އިށީނދެގެން އިނދެ ހޭންޖެހޭ މީހެއްގެ ގޮތުގައި،" ކުރީގެ ބައެއް ފިލްމުތަކުގައި ވިލެންގެ ރޯލް ވެސް ކުޅެފައިވާ ބަތަލާ ބުނެފައިވެއެވެ.

އަރުޗަނާގެ ކެރިއަރުގެ މަޝްހޫރު ފިލްމުތަކުގެތެރޭ، "ޖަލްވާ"، "ރާޖާ ހިންދުންސްތާނީ"، "ކުޗް ކުޗް ހޯތާ ހޭ"، "ދޭ ދަނާ ދަން"، "ބޯލް ބައްޗަން" އަދި "އިންސާން" ހިމެނެއެވެ.

comment ކޮމެންޓް