'ތާލް 2'ގެ ސްކްރިޕްޓް ތައްޔާރުކޮށް ނިމިއްޖެ: ސުބާޝް

ފިލްމު "ތާލް"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް ހޯދި ރީތި ލޯބީގެ ފިލްމު "ތާލް"ގެ ދެވަނަ ބައިގެ ސްކްރިޕްޓް ތައްޔާރުކޮށް ނިމިފައިވާކަން އެ ފިލްމުގެ ޑައިރެކްޓަރު ސުބާޝް ގާއީ ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ ހަތާވީސް އަހަރު ކުރިން ނެރުނު އަސްލު ފިލްމަކީ އައިޝްވާރިޔާ ރާއީ އާއި އަކްޝޭ ކަންނާ އަދި އަނިލް ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދިޔަ ކާމިޔާބު ފިލްމެކެވެ. ސުބާޝް ބުނި ގޮތުގައި ކުރިއަށް އޮތް އެންމެ ބޮޑު މަސައްކަތަކީ އާ ފިލްމަށް ތަރިން ހޮވުމެވެ.

  • "ތާލް 2"ގެ ސްކްރިޕްޓް ލިޔެ ގާތްގަނޑަކަށް ނިމިފައިވާކަން ސުބާޝް ގާއީ ކަށަވަރުކޮށްދިނުން
  • އަސްލު ފިލްމު ނެރުނުތާ ހަތާވީސް އަހަރު ފާއިތުވެފައިވުން
  • ފިލްމުގެ ދެވަނަ ބައިގެ ކާސްޓިންގ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދިއުން
  • ކާސްޓިންގ ނިމުނުހާ އަވަހަކަށް ފިލްމު ރަސްމީކޮށް އިއުލާނުކުރާނެކަން ހާމަކުރުން

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ބޮލީވުޑްގެ ރީތި ލޯބީގެ ފިލްމު "ތާލް"ގެ ދެވަނަ ބައިގެ ސްކްރިޕްޓް ތައްޔާރުކޮށް ނިމިފައިވާކަން އެ ފިލްމުގެ ޑައިރެކްޓަރު ސުބާޝް ގާއީ ކަށަވަރުކޮށްދީފިއެވެ.

މީގެ 27 އަހަރު ކުރިން ސުބާޝް ގާއީ އުފެއްދި ފިލްމު "ތާލް" އަކީ، އޭނާ އަމިއްލައަށް ލިޔެ ޕްރޮޑިއުސްކޮށް، އެޑިޓްކޮށް އަދި ޑައިރެކްޓްކުރި ފިލްމެކެވެ. ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅެފައިވަނީ އައިޝްވާރިޔާ ރާއީ، އަކްޝޭ ކަންނާ އަދި އަނިލް ކަޕޫރެވެ. މީގެ އިތުރުން، ކުރީގެ އެކްޓަރު އަމްރިޝް ޕޫރީއާއި އަލޯކް ނާތު ވެސް މުހިންމު ރޯލުތަކުން ފެނިފައިވެއެވެ.

ދާދި ފަހުން 'ހިންދުސްތާން ޓައިމްސް'އަށް ދިން އިންޓަވިއުއެއްގައި ސުބާޝް ބުނީ، "ތާލް 2"ގެ ސްކްރިޕްޓް މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި މި މަޝްރޫއު ކުރިއަށް ގެންދާނެ އެންމެ ރަނގަޅު ވަގުތަކާ ބެހޭގޮތުން ޓީމާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އަހަރެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ސުވާލެއް އޮންނާނެ، އޭގެ ޖަވާބު ދޭނީ އޯޑިއަންސް. ވޭތުވެދިޔަ 15 އަހަރު ތެރޭގައި އަހަންނާ އެންމެ ގިނައިން ކުރިމަތިވި ސުވާލަކީ "ތާލް"ގެ އާ ފިލްމެއް އުފައްދާނީ ކޮން އިރަކުތޯ ކުރާ ސުވާލު. ފެންނަ ފެނުމަށް މިއީ ކިތަންމެ ފަސޭހަ ފިލްމެއް ކަމަށް ހީވިޔަސް، ހަގީގަތުގައި މިއީ އުފައްދަން އުނދަގޫ މަސައްކަތެއް. މިހާރު މިވަނީ ސްކްރިޕްޓް ގާތްގަނޑަކަށް ނިންމާލެވިފައި، އަދި މިއީ ފިލްމު އުފައްދަން އެންމެ ރަނގަޅު ވަގުތު ކަމަށް އަހަރެމެންނަށް ގަބޫލުކުރެވޭ. މިފަދަ ފިލްމެއް އުފެއްދުމުގައި އޭގެ އަސްލު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" ސުބާޝް ބުނެފައިވެއެވެ.

ފިލްމު "ތާލް"ގެ މަންޒަރެއް ނެގުމުގެ މަސައްކަތުގައި ޑައިރެކްޓަރު ސުބާޝް އަދި އަކްޝޭ ކަންނާ ބަތަލާ އައިޝްވާރިޔާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ހަފުތާގެ ކުރީކޮޅު ސުބާޝް ހިއްސާކުރި ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ، އެއްވެސް ވިލަންއެއް، ބަދުއަހުލާގީ އަމަލެއް ނުވަތަ އަނިޔާވެރިކަމެއް ނެތި އޭނާ އުފެއްދި "ތާލް"އަކީ މިއަދުގެ ޒުވާނުންނަށް ވެސް ކަމުދާ ހަނދާނީ ފިލްމެއް ކަމަށެވެ.

މި އިންޓަވިއުގައި ސުބާޝް ބުނީ، ފިލްމު "ތާލް" އެހާ ކާމިޔާބު ފިލްމަކަށްވުމުގެ އެންމެ ބޮޑު ސިއްރަކީ އެ ފިލްމުގެ ތަރިން ކަމަށްވާ އައިޝްވާރިޔާއާއި އަކްޝޭގެ ޖޯޑުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން މި ފިލްމުގެ ދެވަނަ ބައިގެ ސްކްރިޕްޓް ނިންމާލުމަށް ފަހު ދެން އޮތް އެންމެ ބޮޑު ޒިންމާއަކީ ދެވަނަ ފިލްމަށް ތަރިން ހޮވުމުގެ މަސައްކަތް ފެށުން ކަމަށް ސުބާޝް ވަނީ ބުނެފައެވެ. އެ މަސައްކަތް ނިމުނުހާ އަވަހަކަށް "ތާލް 2" ރަސްމީކޮށް އިއުލާނުކުރާނެކަން ސުބާޝް ވަނީ ހާމަކޮށްފައެވެ.

ސުބާޝް އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ، 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކާންޗީ: ދަ އަންބްރޭކަބަލް"އެވެ.

comment ކޮމެންޓް