ބަޑިޖެހި މީހާ އުޅުނީ އަހަރެން މަރާލަން، އެ ކަންކަމާ ބިރެއް ނުގަނޭ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ބަޑީގެ ހަމަލާތަކެއް ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ނޫސްވެރިންނަށް ޚާއްސަކޮށްގެން ބޭއްވި ފަރިއްކޮޅެއްގެ ތެރެއިންނެވެ. މި ހަމަލާ ދީފައިވަނީ އުމުރުން ތިރީސް އެއް އަހަރުގެ ކޯލް ތޯމަސް އެލިން ކިޔާ މީހެކެވެ. ސިކްރެޓް ސާވިސްއިން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

  • ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދީފި
  • ހަމަލާދިން ކޯލް ތޯމަސް އެލިން ސިކްރެޓް ސާވިސްއިން ހައްޔަރުކޮށްފި
  • މި ހާދިސާގައި ޓްރަމްޕަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވޭ
  • ހަމަލާތަކަށް ބިރުނުގަންނަ ކަމަށާއި މަސްއޫލިއްޔަތު އަދާކުރާނެކަމަށް ޓްރަމްޕް ވިދާޅުވި

ވޮޝިންޓަން (26 އެޕްރީލް 2026): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ރަސްމިއްޔާތު އޮތްތަނަށް މީހަކު ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް ވާހަކަދައްކަވައިފިއެވެ.

ރޭގަނޑުގެ ފަރިއްކޮޅުގެ މި ރަސްމިއްޔާތަކީ ވައިޓް ހައުސްގެ ނޫސްކޮންފަރެންސްތަކަށް ހާޒިރުވާ ނޫސްވެރިންނަށް ޚާއްސަކޮށްގެން ޓްރަމްޕް ދެއްވި ފަރިއްކޮޅެއް އިންސާފުކުރުމަށް ބޭއްވި ރަސްމިއްޔާތަކެވެ. މި ފަރިއްކޮޅުގައި ޓްރަމްޕްގެ އިތުރުން އޭނާގެ އަންހެނުންނާއި އެމެރިކާގެ ނައިބު ރައީސްއާއި ވައިޓް ހައުސްގެ އިސް މަގާމުތައް އަދާކުރައްވާ މަސްއޫލުވެރިން ބައިވެރިވެވަޑައިގެންނެވިކަމަށް ވެއެވެ.

ރޭގަނޑުގެ ފަރިއްކޮޅުގެ މި ރަސްމިއްޔާތު އޮތީ ވޮޝިންޓަން ހިލްޓަން ހޮޓަލުގައެވެ. ރިޕޯޓްތަކުގައިވާ ގޮތުން މިއީ ޓްރަމްޕް އަވަހާރަކޮށްލަން ކަމަށް ބުނެ ދިން ހަމަލާއެކެވެ. މި ހަމަލާދިނީ ކޯލް ތޯމަސް އެލިން ނަމަކަށް ކިޔާ 31 އަހަރުގެ މީހެކެވެ. އެމެރިކާގެ ސިކްރެޓް ސާވިސްގެ ފުލުހުން ވަނީ މި މީހާގެ ގަޔަށް ބަޑިޖެހުމަށް ފަހު އެ ތަނުން އޭނާ ހައްޔަރުކޮށްފައެވެ.

މި ހާދިސާގައި ޓްރަމްޕަށް ގެއްލުމެއް ނުލިބުނު ނަމަވެސް އޭނާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައި ކަމަށް މުރާސިލުން ބުނެއެވެ.

ހޮޓަލުން ކުއްލި ގޮތަކަށް ޓްރަމްޕް ނެރުނުއިރު ބަޑިޖެހި ވަގުތު އޭނާ ވަނީ ދެ ފަހަރަކަށް ބިންމައްޗަށް ވެއްޓިފައެވެ. ޓްރަމްޕް ވައިޓް ހައުސްއަށް ގެންދިޔަތާ ބައިގަޑީއިރު ފަހުން ޓްރަމްޕް ވަނީ ނޫސް ކޮންފަރެންސެއް ބާއްވައި، މި ހާދިސާ އާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އަވަހާރަކޮށްލަން ކުރާ މަސައްކަތް މިހާރު ތަކުރާރުވެ، އެކަން އާންމު ކަމަކަށް ވެއްޖެއެވެ. މިއާ އެކު ވެސް މިފަދަ ކަންކަމަށް ބިރު ނުގަންނަ ކަމަށާއި ވާޖިބުތައް އަދާކުރުމުގައި ކުރިއަށް ދާނެ ކަމަށް ޓްރަމްޕް ބުންޏެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވެއެވެ.

ޓްރަމްޕް ބައިވެރިވި ހަފްލާ ނުވަތަ ފަރިއްކޮޅުގެ ރަސްމިއްޔާތު

އެއްފަހަރު ދިން ބަޑީގެ ހަމަލާގެ އުންޑަ ދިޔައީ ޓްރަމްޕްގެ ކަންފަތް ކައިރިންނެވެ. އެ ފަހަރު ޓްރަމްޕްގެ ކަންފަތުގެ ތަންކޮޅެއް ޒަޚަމުވިއެވެ. ނަމަވެސް، ޓްރަމްޕް އަވާހަރަކޮށްލަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ވެސް އެކަން ކޮށްފައިވަނީ ވަރަށް އަންޕްރަފެޝަނަލްކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޭ ވޮޝިންޓަން ހިލްޓަން ހޮޓަލުގައި ޓްރަމްޕް ހުންނަވަނިކޮށް އޭނާ މަރާލުމަށް ކަމަށް ބުނެ ބަޑީގެ ހަމަލާތައް ދިނީ ވެސް ވަރަށް އަންޕްރޮފެޝަނަލްކޮށް ކަމަށް މުހައްލިލުން ސިފަކުރައްވައެވެ. އަނެއް ކޮޅުން ރޭގެ ހަމަލާ އެ ރަސްމިއްޔާތުގައި ދީފާނެ ކަމަށް ބެލެވޭ މޭރުމަކުން ޓްރަމްޕްގެ ތަރުޖަމާން ކެރޮލިން ވަނީ ޓީވީ ޕްރޮގްރާމެއްގައި އެ ހަފުލާގެ ކުރިން ވާހަކަދައްކަވާފައެވެ.

މިހާރު ކެރޮލިންގެ މި ވީޑިއޯ ސޯސަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ. ބައެއް ފަރާތްތައް ބުނާގޮތުން މިއީ އީރާނާ ދެކޮޅަށް ޓްރަމްޕާއި ނަތަންޔާހޫ ކުރާ ހަނގުރާމަ ކާމިޔާބު ނުވުމުން ޓްރަމްޕަށް ކުރިމަތިވެފައިވާ ލަދުން ސަލާމަތްވުމަށާއި އެމެރިކާގެ އާންމުންގެ ތާއީދާއި ހަމްދަރުދީ ހޯދުމަށް ކުޅުނު ޑްރާމާ އެއްކަމަށް ސޯޝަލް މީޑިއާގައި ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުން ގެންދަނީ ސިފަކުރަމުންނެވެ.

ޓްރަމްޕް ވަނީ މިއީ އީރާން އަޑީގައި އޮވެގެން ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް މި ހާދިސާ ތަހުގީގުކޮށް ހަގީގަތް ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު