އައު އާރުއޯ ޕްލާންޓަށް މައްސަލަ ޖެހި، އައްޑޫ ސިޓީގެ ފެނުގެ ޚިދުމަތަށް ބުރޫ އެރިތާ ތިން ދުވަސް

އައްޑޫ ސިޓީ ހިތަދޫ: އައްޑޫގެ ފެނުގެ ޚިދުމަތަށް ވަނީ ބުރޫ އަރައިފައި -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ސިޓީގައި އަލަށް ބެހެއްޓި އާރުއޯ ޕްލާންޓަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ގުޅިފައިވާ އަވަށްތަކުން ފެނުގެ ޚިދުމަތް ކެނޑިފައިވާތާ ތިން ދުވަސް ވެއްޖެއެވެ. ފެނަކައިން މަސައްކަތްކުރަމުން ދަނީ މާދަމާގެ ނިޔަލަށް މި މައްސަލަ ހައްލުކޮށް ފެނުގެ ޚިދުމަތް އަލުން ދިނުމަށެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާއިރު، ވަގުތީ ގޮތުން ފެން ފޯރުކޮށްދެމުން ދަނީ ކުރިން ބޭނުންކުރަމުން އައި ދެ ޕްލާންޓް މެދުވެރިކޮށް ވަކި ގަޑިތަކެއްގައެވެ.

  • އަލަށް ބެހެއްޓި އާރުއޯ ޕްލާންޓް ހަލާކުވެ ފެނުގެ ޚިދުމަތް ކެނޑިއްޖެ
  • މައްސަލަ ހައްލުކޮށް މާދަމާ ފެން ދޫކުރެވޭނެ ކަމަށް ފެނަކައިން ލަފާކުރޭ
  • ވަގުތީ ހައްލެއްގެ ގޮތުން ދުވަސްވީ ޕްލާންޓްތައް ބޭނުންކޮށްގެން ބައެއް ގަޑިތަކުގައި ފެން ދޫކުރޭ
  • މި މައްސަލައާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އެޗްއާރުސީއެމް އަދި ސަރުކާރުގެ އިދާރާތަކަށް ވަނީ ހުށަހަޅާފައި

ރާއްޖޭގެ ދެވަނައަށް އާބާދީ އެންމެ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ފެނުގެ ޚިދުމަތަށް ބުރޫ އެރިތާ މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދަށް ތިން ދުވަސް ވެއްޖެއެވެ.

އައްޑޫ ފެނަކަ ބްރާންޗުގެ ވައިބާ ކޮމިއުނިޓީ ޗެނަލްގައި ވަނީ އައްޑޫގައި އަލަށް ބެހެއްޓި އާރުއޯ ޕްލާންޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ޚިދުމަތަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށް ބުނެފައިވެއެވެ. އެ މައްސަލަ އެއްކޮށް ހައްލުކުރެވޭނީ އިއްޔެގެ ނިޔަލަށް ކަމަށް، ފެނަކައިން އަންދާޒާކުރިއެވެ.

ނަމަވެސް، އެ ބްރާންޗުން މިއަދު ކުރި މެސެޖެއްގައިވަނީ، ފެނުގެ ޚިދުމަތަށް ދިމާވި މައްސަލަ ހުކުރު ދުވަހުގެ ނިޔަލަށް ހައްލުކޮށް ނުނިންމުނީ ދިމާވި "ކުއްލި" މައްސަލައަކާ ހެދި ކަމަށް ބުނެފައެވެ.

އެ މަސައްކަތް ނިންމައި، ފެނުގެ ޚިދުމަތް އެއްކޮށް ދެވޭ ވަރުވާނީ މާދަމާއިން ފެށިގެން ކަމަށް، އައްޑޫ ފެނަކަ ބްރާންޗުން ބުންޏެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާޢު 'ސަން'އަށް މިއަދު ވިދާޅުވީ، އަލަށް ބެހެއްޓި އާރުއޯ ޕްލާންޓު ހަލާކުވުމުގެ ސަބަބުން ފެނުގެ ކަންކަން މެނޭޖުކުރުމަށް ޓަކައި، ކުރިން ހުރި ދެ ޕްލާންޓުން ވަކި ވަގުތުތަކެއްގައި ފެން ދޫކުރަމުން އަންނަ ކަމަށެވެ.

"ދެން މިއަދު އެ މީހުން [ޓެކްނިކަލް މަސައްކަތްކުރާ މީހުން] އައިސް، މިރޭ މަސައްކަތް ނިންމައިފައި، މާދަމާއަށް ފެން ދޫކުރެވޭވަރު ވާނެކަމަށް، ފެނަކައިން އަޅުގަނޑަށް މައުލޫމާތު ދެނީ،" ޝުއާޢު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ގަޑިތަކުގައި އާރުއޯ ޕްލާންޓް ޖައްސައިގެން ފެން ދޫކުރާއިރު، އައްޑޫގެ އެކި ސަރަހައްދުތަކަށް ދޫކުރަނީ ގަޑިއެއްހާއިރަށެވެ.

ފެނުގެ މައްސަލަ އަދިވެސް ހައްލުނުވެ، ދިގުލައިގެން ދާތީ އައްޑޫ ރައްޔިތުން ތިބީ މާޔޫސްކަންމަތީ ކަމަށް، ޝުއާޢު ވިދާޅުވިއެވެ. އެ ސިޓީގައި ނަރުދަމާގެ ހާލަތު ވެސް، ދަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެޗްއާރުސީއެމަށްވެސް ތި އިޝޫތައް ރެއިޒްކޮށްފައި، ސަރުކާރަށް ވެސް ރެއިޒްކޮށްފައި، ރައީސް އޮފީހަށް ވެސް ހުރިހާ މުއައްސަސާތަކަށް ވެސް ސިޓީ ފޮނުވައިފައި، ރިލެވަންޓް އޮތޯރިޓީއަކަށް ކޮންސާން ރެއިޒްކޮށްފައި ވާނީ،" ޝުއާޢު ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ޖަނަވަރީ މަހު އައްޑޫ ސިޓީ ފޭދޫން ވެސް، އަށް ގަޑިއިރަށް ފެން ކެނޑިފައިވެއެވެ.

https://sun.mv/216901

ފެނުގެ އިތުރުން، އައްޑުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދޭތެރެއަކުން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމެވެ. އެ މައްސަލައިގައި އައްޑޫ ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ އައްޑޫގައި ގާއިމްކުރުމަށް ބިޔަ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް