މާލޭގައި 500 ހައުސިން ޔުނިޓް އަޅަން ޗައިނާގެ އެހީ ހޯދަނީ

ޗައިނާގެ އެހީގައި މާލޭގައި 500 ހައުސިން ޔުނިޓު އަޅަން އެއްބަސްވުމެއްގައި ސޮއިކޮށްފި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓު ތަރައްގީކުރުމަށް ޗައިނާގެ އެހީ ހޯދަން އެ ގައުމާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.

ހައުސިން މިނިސްޓްރީން 'އެކްސް'ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުން ބުދަ ދުވަހަށް ޗައިނާގެ ބެއިޖިންގައި ބޭއްވުނު 'ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް'ގެ ހަވާސާގައި، ރާއްޖޭގެ ސަރުކާރުން ވަނީ މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގް ޔުނިޓް ތަރައްގީކުރުމަށް ޔައުމިއްޔާއެއްގައި ސޮއިކޮށްފައި ކަމަށެވެ. އަދި މި މަޝްރޫއަށް ފައިސާ ހަމަޖައްސާނީ ޗައިނާ ސަރުކާރުން ފޯރުކޮށްދޭ 'އިންޓަރެސްޓް-ފްރީ' ފެސިލިޓީއެއްގެ ދަށުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ޔައުމިއްޔާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯޢާމް މުޙައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)ގެ ވައިސް ޗެއާމަން ލިއު ޖުންފެންއެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރުމަށް ސީއައިޑީސީއޭއާއެކު ވަނީ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

މިއީ ތަރައްގީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތު އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް