"ޓެކްސީ ނަފާ" ލޯނުގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސް؛ މައްސަލަ ބަލަން އަންގައިފި

އިކޮނަމިކް މިނިސްޓަރު ސައީދު: އޭނާ ވިދާޅުވީ، އިމްޕޯޓު ޑިއުޓީން މަދުވި ފައިސާއަށްވުރެ ސިނގިރޭޓުގެ އަގުބޮޑުވުމުން ސިއްހީ ފައިދާ ބޮޑުކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ތައާރަފްކުރި ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ނެގި ކާރުތައް ރަޖިސްޓަރީ ނުކުރެވި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ލޯނު އަނބުރާ ދެއްކުމަށް މަޖުބޫރުކުރަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވި ސިޓީއަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ، މި މައްސަލަ ބައްލަވައި އިންސާފުވެރި އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. ޑްރައިވާސް އެސޯސިއޭޝަނުން މީގެ ކުރިން ވަނީ މިއީ ދައުލަތުން ޑްރައިވަރުންނާމެދު ކޮށްފައިވާ އިހާނެތި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

  • ޓެކްސީ ނަފާ ލޯނުގެ ދަށުން ގެނައި ކާރުތައް ރަޖިސްޓަރީ ނުކުރެވި އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
  • ކާރު ބޭނުން ނުކުރެވުނު ނަމަވެސް، ލޯނު އަނބުރާ ދެއްކުމަށް ޑްރައިވަރުންނަށް ދަނީ މަޖުބޫރުކުރަމުންނެވެ.
  • މި މައްސަލައަށް އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވިއެވެ.
  • ޑްރައިވާސް އެސޯސިއޭޝަނުން ވަނީ މިއީ ޑްރައިވަރުންނަށް ކުރިމަތިވި ސްކޭމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ސަރުކާރުން ތައާރަފްކުރި 'ޓެކްސީ ނަފާ' ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ނުކުރެވި، ލޯނު އަނބުރާ ދެއްކުމަށް މަޖުބޫރުކުރަމުން ދާތީ އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިންސާފުވެރި ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ މި މައްސަލައިގައި ހައްލެއް ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށް، ސޯޝަލް މީޑިއާގައި މީހަކު އާންމުކުރި ސިޓީއަކަށް ޖަވާބުދެއްވަމުންނެވެ.

ލޯނާއި މެދު ކަންބޮޑުވުން ފާޅުކޮށް މިނިސްޓަރަށް އެޑްރެސްކޮށް ހއ. ދިއްދޫ، މުތީގޭ، އާދަމް ސަލީމް ކިޔާ މީހަކު އާންމުކުރި ސިޓީގައި ބުނެފައި ވަނީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ނުވެ ހުއްޓައި ލޯނު އަނބުރާ ދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް ބާރު ފޯރުވަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ލޯނު ނެގި ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށް، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށާއި ވަޒީރާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތަކަށް ވަނީ އެދިފައެވެ.

ޓެކްސީ ނަފާ ލޯނު ސްކީމަކީ ގްރޭޓާ މާލޭ ސަރަހައްދުގައި ޓެކްސީ ވިޔަފާރި ފަށައިގަތުމަށް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ސްކީމެކެވެ. ނަމަވެސް، ކާރުތައް ރަޖިސްޓްރީ ނުކުރެވި ލަސްވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ނުނިމި ލަސްވާތީ ކަމަށް ސިޓީގައި ބުނެފައިވެއެވެ. ކާރު ރަޖިސްޓްރީ ނުވެ ޓެކްސީ ދުއްވުމުގެ ހުއްދަ ނުލިބޭތީ، އެ ވިޔަފާރިން ނަފާ ނުލިބި ލޯނު ދައްކަން ޖެހުމަކީ އިންސާފެއް ނޫން ކަމަށް ލޯނު ނެގި ފަރާތްތަކުން ދެކެއެވެ.

"އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކަކާއި ހައްލުތަކެއް ހޯދައިދިނުމަކީ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެން،" މި މައްސަލައާ ގުޅިގެން މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އަދި މިކަންކަން ބަލައިދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓުމާ މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު އަންގަވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރަށް ފޮނުވި ސިޓީގައި ވެސް ވަނީ ރަޖިސްޓްރޭޝަން މަރުހަލާ ލަސްވުމުގެ ސަބަބުން ލޯނު ނެގި ފަރާތްތަކަށް ކުރިމަތިވާ ގާނޫނީ އަދި މާލީ ބިރުވެރިކަން ފާހަގަކޮށްފައެވެ. އަދި އުންމީދަކީ ވީ އެންމެ އަވަހަކަށް ޓެކްސީ ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ މި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިއުންކަން ވަނީ ފާހަގަކޮށްފައެވެ.

ކުރީ ސަރުކާރުން ޓެކްސީ ދުއްވަން ކާރު ގަންނަން ތައާރަފުކުރި 'ޓެކްސީ ނަފާ ލޯނު'ގެ ދަށުން ގެނައި ކާރުތައް ރަޖިސްޓްރީ ނުކުރެވި އަހަރެއް ވެގެން ގޮސް އޭގެ ބޭނުން ނުކުރެވި އޮއްވައި، ޑްރައިވަރުންނަށް ލޯނަށް ފައިސާ ދައްކަން ޖެހުމަކީ 'ސްކޭމް'އެއް ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ކުރީގެ އެސްޑީއެފްސީ ނުވަތަ މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލްއިން މި ލޯނު ތައާރަފުކުރީ ސެޕްޓެމްބަރު 04، 2023ގައެވެ. ނަމަވެސް އެ ލޯނަށް އެދުނު މީހުންނަށް ފައިސާ ޖަމާވެފައި ވަނީ މި ސަރުކާރު އައިސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށެވެ.

https://sun.mv/214144

ނަމަވެސް އެ ލޯނުގެ ދަށުން ޑްރައިވަރުން ގަތް ކާރުތައް ރަޖިސްޓްރީ ނުކުރެވި އަދި އަދަށް ވެސް ކާރުތައް ބޭނުންނުކުރެވޭ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު ވެސް އެކަމުގައި ޓެކްސީ ޑްރައިވަރުން ވަނީ އިހުތިޖާޖު ކޮށްފައެވެ.

ޑްރައިވާސް އެސޯސިއޭޝަނުން އޭރު ބުނެފައިވާ ގޮތުގައި ލޯނު ނަގައިގެން ކާރު ގަތް ޑްރައިވަރުންނަށް ކާރު ލޮލަށް ނުފެނި އަދި އެ ކާރު ރަޖިސްޓްރީ ނުކުރެވި ބޭނުން ކުރެވޭ ހާލަތުގައި އޮއްވައި ބައެއް ޓެކްސީ ޑްރައިވަރުންގެ ބޮލުގައި 179،000 ރުފިޔާގެ ލޯނެއް އަޅުވާފައިވާ ކަމަށެވެ.

އަދި މިއީ ދައުލަތުގެ މުއައްސަސާތަކުން ޓެކްސީ ޑްރައިވަރުންނާ ދޭތެރޭ އިހާނެތިކޮށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ޑްރައިވަރުންގެ ކަންކބޮޑުވުން އިންތިހާއަށް އޮތް ނަމަވެސް އަހަރެއް ކުރިން ވެސް ޑްރައިވަރުންގެ އެއްވެސް ކަންބޮޑުވުމަކަށް މިހާތަނަށް ހައްލެއް ނުލިބޭ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް