ސެލޫންތަކަށް ގޮސް ހިލޭ މީހުންނަށް ޢައުރަ ކަޝްފުކޮށްގެން ވެކްސް ކުރުމާއި ލޭޒާ ޓްރީޓްމެންޓް ހެދުން ހުއްދަވެގެން ނުވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
ސާފުތާހިރުކަމާއި ޒީނަތްތެރިކަމުގެ މައްޗަށް މިއަދު ކީ ހުކުރު ޚުތުބާގައި ވަނީ މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމަށާއި އޭނާ ނަމާދަށް ހުއްޓެނީ ވުޟޫކޮށް ތާހިރުވެގެންކަމާއި ޤުރްއާން ކިޔަވަނީ ވެސް ތާހިރުކަންމަތީ ހުރެގެންކަން ހަނދާންކޮށްދީފައެވެ.
ޚުތުބާގައި ވަނީ މުސްލިމުންގެ ހަށިގަނޑާއި ފޭރާމާއި، އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އާދައެއް ނޫން ކަމަށާއި އެއީ ﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެއް ކަމަށް ބުނެފައެވެ. މާތްﷲ އިންސާނާ އުފައްދަވާފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަަމަށާއި އެ ސާފުކަން ދެމެހެއްޓުމަށްޓަކައި މާތް ނަބިއްޔާ "ފިޠުރަތުގެ ސުންނަތްތައް" އުނގަންނައިދެއްވާފައިވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ވަނީ އަދުގެ ޒަމާނީ ވަސީލަތްތަކާ އެކު ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާތަން ފެންނަކަން ފާހަގަކޮށްފައެވެ. އަދި، އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ކަމަކީ ސެލޫންތަކަށް ގޮސް "ވެކްސް"ކުރުމަށް ނުވަތަ "ލޭޒާ ޓުރީޓްމެންޓު"ހެދުމަށްޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ކަމަށާއި އެއީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި ވަނީ ޞިއްޙީ ފަރުވާއެއް ފަދަ ޟަރޫރީ ޙާލަތެއްގައި މެނުވީ އެ ކަންކަން ހުއްދައެއް ނުވާނެ ކަމަށާއި ރީތިކަމާއި ސާފުތާހިރުކަން ހޯދާންވާނީ ޙަރާމް މަގުތަކުން އެއްކިބާވެ ތިބެގެން ކަމަށް ބުނެފައެވެ.
މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާ ތަންތަނެވެ. އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅުވެއެވެ. ވީމާ ތިމާގެ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވާށެވެ. ހުކުރު ޚުތުބާ
ހުކުތު ޚުތުބާގައި ވަނީ އިސްލާމް ދީނަކީ ރީތިކަމަށް ލޯބިކުރާ، އަދި ޒީނަތްތެރިވުމަށް ހިތްވަރުދޭ ދީން ކަމަށެވެ. ނަމަވެސް، ބައެއް ފަހަރު ނޭނގުމުގެ ތެރެއިން ނަމަވެސް ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަންނަ ކަމަށާއި ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުން ކަމަށާއި ޢިއްފަތްތެރިވެ އަބުރުވެރިވުން ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ބުރުގާ އަޅައިގެން ތިބޭއިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެއް ކަމަށާއި މިއީ އަދުގެ މުޖުތަމަޢުން ފެންނަ ހިތާމަވެރި މަންޒަރެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެއް ކަމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ޚުތުބާގައި ވަނީ ކުޅިވަރުގެ މައިދާނުގައި ވިޔަސް، އަދި އެހެން ތަނެއްގައި ވިޔަސް ޢައުރަ ހާމަނުކުރުމަށް ފިރިހެނުންނަށް ވެސް ހަނދާންކޮށްދީފައެވެ. ޢައުރަ ނިވައި ނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫނަ ކަމަށާއި ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރާއިރު ޢައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާޠިލުވާނޭކަމެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ޒީނަތްތެރިވުމުގެ ނަމުގައި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެއް ކަމަށާއި ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަން ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އެހެންވެ، އަނބިދަރީން އެފަދަ ކަންކަމަށް އަރައިގަންނަނީ އެ ކަމުގެ ޙުކުމް ނޭނގުމުން ނުވަތަ ފަރުވާކުޑަވުމުގެ ސަބަބުން ކަމަށާއި ހަރުކަށިކަމާއި ރުޅިވެރިކަން ދޫކޮށް، ލޯތްބާއި ކުލުނާއި ހިކުމަތްތެރިކަމާ އެކު އަނބިދަރީންނަށް ނަސޭހަތްދީ، އަތުގައި ހިފައިގެން ސުވަރުގެއަށް ގެންދިއުމަށް ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ޚުތުބާގައި ވަނީ ދެމަފިރީން އެކަކު އަނެކަކަށް ޒީނަތްތެރިވުމަކީ ލޯބި އިތުރުވެ، ހިލޭ މީހުންނަށް ބެލުމުން ލޯތައް ރައްކާތެރިކޮށްދީ ޢިއްފަތްތެރިކޮށްދޭނޭ ކަމެއް ކަމަށާއި އެންމެ ރީތި ހެދުން ލާންވީ ހަފުލާތަކަށް ދާން ނޫން ކަމަށާއި އެންމެ މީރުވަސްދުވާ ސެންޓާއި އަތަރު ބޭނުންކުރާންވީ ތިބާގެ އަމިއްލަ ގޭގައި ޙަލާލު ބައިވެރިޔާގެ ކުރިމަތީގައި ކަމަށް ހުކުރު ޚުތުބާގައި ވަނީ ބުނެފައެެވެ.