ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިސްނުންތެރިކަމާއެކު ކުރައްވާ ވެރިކަމުގެ ސަބަބުން، ރާއްޖެ ތެލަށާއި ކާބޯތަކެއްޗަށް, އެ ގައުމުތައް ތިއްބާ ނުޖެހޭނެ ކަމަށް ދުނިޔޭގެ ގައުމުތަކުން ބުނަމުން އަންނަ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
މި މަހު ކުރީކޮޅު އޮތް ކައުންސިލު އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، އީރާނަށް އިސްރާއީލާއި އެމެރިކާއިން ދެމުންދިޔަ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ، މި ދުވަސްވަރު އެތައް ގައުމަކުން ތެލާއި ގޭހާއި ކާޑުގެ ބާވަތްތައް ގާތްގަނޑަކަށް ހުސްވެގެން ދިޔަ ކަމަށެވެ.
ސަޢީދު ވިދާޅުވީ، ރާއްޖެއަށް ލިބުނު އެއް ނަސީބަކީ ސައްތަ އިންސައްތަ އިސްލާމީ ގައުމަކަށް ރާއްޖެ ވުން ކަމަށެވެ.
"އޭގެ މައްޗަށް އަޅުގަނޑުމެންނަށް ލިބިފައިހުރި ވެރިމީހާގެ ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ރީތިކޮށް ކުރާ ވެރިކަމެއްގެ ނަތީޖާއަކީ އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް ދުނިޔޭގެ ގައުމުތަކުން އެ ދަނީ ބުނަމުން، އެ މީހުން ތިއްބަކަ އިރާދަކުރެއްވިއްޔާ އިންޝާالله، ދިވެހިރާއްޖެ ތެލަކަށްވެސް ނުޖެހޭނެޔޭ، ގޭހަކަށްވެސް ނުޖެހޭނެޔޭ، ކާޑަކަށްވެސް ނުޖެހޭނެޔޭ،" އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗަށާއި ތެލަށާއި ގޭހުގެ އަގުތަކަށް އަންނަ ބަދަލުތައް އެއްވެސް ގައުމަކަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ. އެކަމަކު ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލާއެކުވެސް، ރައްޔިތުން އުފުލަންޖެހޭ ބުރަ ކުޑަކޮށް، ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ސަޢީދު ވިދާޅުވިއެވެ.
އިތުރަށް ސަޢީދު ވިދާޅުވީ، މި ވެރިކަމުގައި މާލޭގެ ވިޔަފާރި ބަނދަރު މާލެއާ ކައިރި ތިލަފުށްޓަށް ބަދަލުވެ، އިގްތިޞާދަށް ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެއަށްފަހު، ރައީސް އެމްޑީޕީއާއެކު މަޝްވަރާއަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމިހުންނަވާނެ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީީދު ވިދާޅުވި ވާހަކަފުޅަށްވެސް ވަނީ ރައްދު ދެއްވައިފައެވެ.
"އަޅުގަނޑުމެން މަޝްވަރާކުރަން ކޮންމެހެން އަނެއް ދިވެހިރާއްޖެއަށް ގެންދަން ނުވިސްނިއްޔާ ރަނގަޅުވާނީ،" ސަޢީދު ވިދާޅުވިއެވެ.
އެމްޑީޕީއާއި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ޕީއެންއެފުން ސިލްސިލާކޮށް މަގުމަތީގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް އިޝާރާތްކުރައްވައި ސަޢީދު ވިދާޅުވީ، ރޭގަނޑު މަގުމައްޗަށް ނިކުންނައިރު "ކަންތައްތަކެއް މަގުމަތީގައި" އުޅޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.
ޕީއެންސީގެ މިހާރު އޮތް ޓީމަކީ "ކުރަން ޖެހިއްޖިއްޔާ" މަގުމަތީ ހަރަކާތްތަކަށްވެސް ފަރިތަ ޓީމެއް ކަމަށާއި، އެކަމަށްޓަކައި "ގިނަ ތަމްރީނުތައްވެސް ހުރީ ހަދައިފައި ކަމަށް"، ސަޢީދު ވިދާޅުވިއެވެ.
ރައީސް ވެރިކަމާ ހަވާލުވިތަނާ ގައުމު ބަނގުރޫޓުވާނެ ކަމަށް އެމްޑީޕީން ތަކުރާރުކޮށް ބުނަމުން އައި ކަމަށް ވިދާޅުވެ، މަގާމުގެ ހުވާ ނުކުރައްވަނީސް ބަޣާވާތެއް ކުރަން އެމްޑީޕީން ރޭވި ކަމަށް ސަޢީދު ތުހުމަތުކުރެއްވިއެވެ.
"ކޮން ކަމެއްތޯ [އެމްޑީޕީން] ނުކުރަނީ؟ އެކި ގައުމުތަކަށް ފެކްސް ފޮނުވައި އަޅުގަނޑުމެންގެ ގައުމަށް އެޅެން އޮތް ހުރަހެއް އެޅުމަށް މިހާރުގެ އެމްޑީޕީން މަސައްކަތްކުރަމުން ގެންދިޔައީ، އެއީ އެ ބޭފުޅުންގެ ސީދާ ހަގީގީ ކުލައަކީ، ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ދިވެހިރާއްޖެއަށް ޓުއަރިސްޓުން ނާންނަން ބުނާނެ، ކާޑު ނުފޮނުވަން ބުނާނެ، ދަތިކުރަން ބުނާނެ" އޭނާ ވިދާޅުވިއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަޢީދު މީގެ ކުރިން ވިދާޅުވީ، ގޭހުގެ އަގު ބޮޑުވިޔަކަ މި ސަރުކާރުން ނުދޭނެ ކަމަށާއި، ކާބޯތަކެތީގެ އަގުތައް ނުއުފުލޭނެ ކަމަށެވެ. ހަމަ އެހެންމެ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް، ސަޢީދު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.