އީރާނުގެ މަސްލަހަތު އޮތް 34 ބޯޓެއް، އެމެރިކާގެ ހިސާރުން ސަލާމަތްވެއްޖެ

ކަނޑުދަތުރުފަތުރު ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ވޯޓެކްސާއިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކުރުމަށްފަހު ފާއިތުވި ދެ ހަފުތާގެ ތެރޭގައި އީރާނުގެ މަސްލަހަތު ހިމެނޭ 34 އުޅަނދެއް ވަނީ އެމެރިކާގެ ހިސާރުން ސަލާމަތްވެފައެވެ. މި އުޅަނދުތަކުގެ ތެރޭގައި ތެލާއި ގޭސް އަދި ޕެޓްރޯކެމިކަލް އުފުލާ ޓޭންކަރުތައް ހިމެނޭއިރު، ގިނަ އުޅަނދުތަކުގެ މިސްރާބު ހުރީ ޗައިނާ އަދި އިންޑިއާއަށެވެ. ޗައިނާއިން މި ހިސާރަކީ ޣައިރު ގާނޫނީ ކަމެއްކަމަށް ބުނެފައިވާއިރު، ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތައް ވަނީ ނާކާމިޔާބުވެފައެވެ.

  • އެމެރިކާގެ ހިސާރުން އީރާނުގެ 34 އުޅަނދެއް ސަލާމަތްވެއްޖެ
  • މީގެ ތެރޭގައި ތެލާއި ގޭސް އުފުލާ ބޯޓުތައް ހިމެނޭ
  • ގިނަ އުޅަނދުތަކުގެ މިސްރާބު ހުރީ ޗައިނާއާއި އިންޑިއާއަށް
  • އީރާނާއި އެމެރިކާގެ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެފައިވޭ

ވޮޝިންޓަން (23 އެޕްރީލް 2026): އީރާން ބަލިކަށިކޮށް އިގްތިސާދީ ގޮތުން އީރާން އިނދަޖައްސާލުމަށް ޓަަކައި އެ ގައުމުގެ ބަނދަރުތައް ހިސާރުކުރުމަށް އެމެރިކާ އަޅާފައިވާ ފިޔަވަޅުތަކުން ސަލާމަތްވެގެން އީރާނުގެ މަސްލަހަތު އޮތް 34 ބޯޓެއް ދަތުރުކޮށްފައިވާކަން ކަނޑު ދަތުރުފަތުރުގެ ހަރަކާތްތައް ބަލައި ދިރާސާ ކުރާ ކުންފުންޏެއް ކަމަށްވާ "ވޯޓެކްސާ އިން ހާމަކޮށްފިއެވެ.

ސެޓަލައިޓްތަކުގެ އެހީގައި ގަލްފާއި އަރަބި ކަނޑާއި އޮމާން ކަނޑު އަދި ހުރުމުޒު ކަނޑުއޮޅީގެ ދަތުރުފަތުރުގެ ހަރަކާތްތައް ބެލުމަށްފަހު "ވޯޓެކްސާ"އިން ބުނެފައިވަނީ މީގެ ދެ ހަފުތާކުރިން އީރާނުގެ ބަނދަރުތައް ހިސާރު ކުރުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާއިން ފެށި ފަހުން މިހާތަނަށް އީރާނުގެ މަސްލަހަތު އޮތް 34 ބޯޓެއް އެމެރިކާގެ ހިސާރުން ސަލާމަތްވެ ދަތުރުކޮށްފައިވާ ކަމުގައެވެ.

މި 34 އުޅަނދަކީ އީރާނުގެ ބަނދަރުތަކަށް ދިޔަ ބޯޓުތަކާއި އީރާނުގެ ބަނދަރުތަކުން ފުރި ބޯޓުތަކެވެ. މީގެތެރޭގައި ހިމެެނެނީ އީރާނުގައި އުފައްދާ ތެލާއި ގޭސް އަދި ޕެޓްރޯ ކެމިކަލްސް ހިފައިގެން އީރާނުގެ ބަނދަރުތަކުން ފުރި އުޅަނދުތަކާއި އީރާނަށް ބޭނުންވާ މުދައު ހިފައިގެން އީރާނުގެ ބަނދަރުތަކަށް ދިޔަ ބޯޓުތަކެވެ.

ވޯޓެކްސާއިން ނެރުނު ބަޔާނެއް ބުނާގޮތުން މި ހަފުތާގެ ތެރޭގައިވެސް އީރާނުގެ ޚަރްޖު ޖަޒީރާގެ ދެ ބަނދަރުން ތެޔޮ ބަރުކޮށްގެން ހުރުމުޒު ކަނޑުއޮޅި ހުރަސް ކުރި ގިނަ އަދަދެއްގެ ޓޭންކަރުތަކެއް ވަނީ އޮމާން ކަނޑާއި އަރަބި ކަނޑުގައިވާ އެމެރިކާ ހިސާރުކޮށްފައިވާ ސަރަހައްދު ހުރަސްކޮށް ޗައިނާއާއި އިންޑިއާއާ ދިމާއަށް މިސްރާބު ޖަހާފައެވެ. މީގެތެރެއިން ގިނަ ޓޭންކަރުގެ އަމާޒަކީ ޗައިނާ ކަމަށް ބެލެވެއެވެ.

އެމެރިކާގެ ހިސާރުން ސަލާމަތްވި އީރާނުގެ ޓޭންކަރުތަކުގެ ތެރޭގައި އީރާނުގެ ދިދަ ނަގާފައިވާ "ހީރޯ 2" އާއި "ހެޑީ" ނަމަކަށް ކިޔާ ދެ ޓޭންކަރު ހިމެނޭއިރު މިއިން ކޮންމެ ޓޭންކަރެއްގައި 4.5 މިލިޔަން ފީފާގެ ސާފުނުކުރާ ތެޔޮ ހުރިކަމަށް ބެލެވެއެވެ. މި ދެ އުޅަނދުން އެކަނިވެސް އީރާންވަނީ ނުވަ މިލިޔަން ފީފާގެ ތެޔޮ ބޭރުކޮށްފައެވެ.

އެމެރިކާގެ ހިސާރުން ސަލާމަތްވި ބައެއް އުޅަނދުތަކަކީ ޗައިނާއާއި އީރާނުގެ ވިޔަފާރިއާ ގުޅުންހުރި އުޅަނދުތަކަކަށް ވާތީ އެމެރިކާ އެ އުޅަނދުތަކާ އަޅައިނުލީކަމަށް ވުންވެސް އެކަށީގެންވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާންވަނީ އީރާނުގެ ބަނދަރުތައް ހިސާރުކުރަން އެމެރިކާ ކުރާ މަސައްކަތަކީ ޣައިރު ގާނޫނީ ކަމެއްކަމަށް ސިފަކޮށްފައެވެ. ތަރުޖަމާން ވަނީ އެކަމަށް ފާޅުގައި ފާޑުކިޔައި އެއީ ޗައިނާގެ މަސްލަހަތަށް ގެއްލުންވާ ކަމެއްކަމަށް ބުނެ އެކަން ނުކުރަން ޑިޕްލޮމެޓިކް އުސޫލުން އެމެރިކާއަށް އިންޒާރު ދީފައެވެ.

އެމެރިކާއާއި އީރާން އާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމްކޮށް ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާން ކުރަމުން ގެންދާ މަސައްކަތްތަކުގެ ފަރުދާގެ ފުރަގަހުގައިވަނީވެސް ހަގީގަތުގައި ޗައިނާކަން އެމެރިކާގެ މަޝްހޫރު ނޫސްތައް ބުނެއެވެ.

އީރާން އާއި އެމެރިކާއާ ދެމެދު ގާއިމްކޮށްފައިވާ ހަމަލާތައް ހުއްޓާލުމުގެ މުއްދަތު އިތުރުކުރަން ޓްރަމްޕް ނިންމީ ވެސް ޗައިނާގެ ނުފޫޒުންކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެމެރިކާ އީރާނަށް އިސްވެ ހަމަލާދީ އީރާނުގެ ކިޔަވާކުދިންނާއި އާންމުންނާއި އަދި އިސްވެރިން ޝަހީދުކޮށް އީރާނަށް ބޮޑެތި ގެއްލުންތަކެއްދީ ހަނގުރާމައިގެ ޖަރީމާ ހިންގާފައި ވަނިކޮށްވެސް އެމެރިކާ އާ ވާހަކަ ދައްކަން އީރާނުގެ އިސްވެރިންގެ ވަފްދެއް މިދިޔަ ހަފްތާގައި ޕާކިސްތާނަށް ދިޔައީ ޗައިނާ ގެ ބާރުއެޅުމާއި ނަސީހަތުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެ ވާހަކަތައްވަނީ ނާކާމިޔާބު ވެފައެވެ.

ދެވަނަ ބުރެއްގައި އެމެރިކާއާއެކު ވާހަކަ ދެއްކުމަށް އީރާން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އެމެރިކާ އީރާނުގެ ބަނދަރުތައް ހިސާރު ކުރުން ނިމުމަކަށް ގެނަސް އެމެރިކާގެ އުދުވާނި ހަމަލާތަކުން އީރާނަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލުދިނުމަށް އެމެރިކާ އެއްބަސް ނުވާނަމަ އެމެރިކާއާއެކު ސުލްހައިގެ މަޝްވަރާ ކުރުމަށް އީރާން ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު