ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން "އޮޕަރޭޝަން ކުރަނގި" ފެށިއިރު ގަވައިދާ އެއްގޮތަށް ތިބީ އެންމެ 28 ޕަސެންޓް މީހުން ނަމަވެސް, މިހާރު އެ އަަދަދު 62 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، 2024 ވަނަ އަހަރުގެ މައި މަހު އޮޕަރޭޝަން ކުރަނގި ފެށި އިރު ވޯކްޕާމިޓް ފީ ނުދެއްކުން ނުވަތަ ވިސާއެއް ނެތި ތިބުން ފަދަ ކޮންމެވެސް އެއް ކެޓަގަރީއަކަށް ފެތޭ 148,417 ބިދޭސީން ރާއްޖޭގައި ތިބި ކަމަށް ލިޔެކިއުންތަކުން ފެންނަން އޮތް ކަމަށެވެ.
އެހެން ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން، ފުރިހަމައަށް ޑޮކިއުމެންޓް ހަމަކޮށް ފީތައް ދައްކާފައިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުކުރެވިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އޭރު ސިސްޓަމްގެ ޒަރިއްޔާއިން ބަލާއިރު ގަވައިދާ އެއްގޮތަށް ތިބި ކަމަށް ބެލެވެނީ ބިދޭސީންގެ ތެރެއިން 28.97 ޕަސެންޓް މީހުން. އަޅުގަނޑުމެން މިދިޔަ ދެ އަހަރު ކުރެވުނު މަސައްކަތުން، ފުރިހަމައަށް ޑޮކިއުމެންޓް ހަމަކޮށް ލާރި ދައްކާފައި ތިބި މީހުންގެ އަދަދު ވަނީ 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުކުރެވިފައި،" އިހުސާން ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އޭނާ އިތުރަށް ވިދާޅުވީ، މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ގާތްގަނޑަކަށް 206,000 ބިދޭސީންގެ އިނގިލީގެ ނިޝާން ނަގާފައިވާ ކަމަށެވެ. ނަމަވެސް އިނގިލީގެ ނިޝާން ނުދީ އަދިވެސް 2,933 މީހަކު އެބަތިބި ކަމަށާއި، އެއީ ކޮން ބައެއްކަން މިހާރު އިމިގްރޭޝަނަށް ދެނެގަނެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އަންނަ މަހުގެ ދެވަނަ ދުވަހު އޮޕަރޭޝަން ކުރަނގީގެ ތިން ވަނަ ފިޔަވަހި ފަށާނެއެވެ. އެ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ގަވައިދާ ޚިލާފަށް އުޅޭ މީހުން ހޯދައި ހައްޔަރުކޮށް ރާއްޖޭން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބިދޭސީންނަށް ވަޒީފާ ދޭ ދިވެހީންނަށް އިލްތިމާސް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އިމިގްރޭޝަންގެ ސިސްޓަމުން ބިދޭސީންގެ ސްޓޭޓަސް އާއި ވިސާ ދައްކަންޖެހޭ ދުވަސް ސާފުކޮށް ފެންނަން ހުންނާނެ ކަމަށެވެ. އެހެންކަމުން، ބިދޭސީންނަށް ވަޒީފާ ދޭ މީހުން އެ މީހުންނަށް ދައްކަންޖެހޭ ފީތައް ގަވައިދުން ދެއްކުމަށް މިނިސްޓަރު ވަނީ ބާރުއަޅުއްވާފައެވެ.
އިހުސާން ވަނީ ބިދޭސީންނާއި މެދު ބައެއް މީހުން ލާއިންސާނީކޮށް އަމަލުތައް ބަހައްޓާކަން ފާހަގަކުރައްވައި، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެފަދަ މީހުން ފާހަގަކޮށް، އަދަބެއްގެ ގޮތުން ބޮލަކަށް 50 ހާސް ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރުވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.
މި ސަރުކާރުގެ އަމާޒަކީ، ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި، ގަވައިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށް މީގެ ކުރިން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ރާއްޖެއަކީ ބިދޭސީންގެ އާބާދީ ބޮޑު ގައުމެކެވެ. އެގޮތުން އެންމެ ފަހުން، 2022ގައި ކުރިއަށްގެންދިޔަ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގައި 132،493 ބިދޭސީން އުޅެއެވެ. އެގޮތުން، އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކަކީ ބިދޭސީއެއް ކަމަށް ބޯހިމެނުމުން ދެއްކިއެވެ.