ވޮޝިންޓަން (22 އެޕްރީލް 2026): އީރާން އާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކުރުމާމެދު ޓްރަމްޕް ވިސްނިކަމަށް އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ)ގެ ކުރީގެ އެނަލިސްޓަކު ހާމަކޮށްފިއެވެ.
"ސީއައިއޭ"ގެ ކުރީގެ އިންޓެލިޖެންސް އެނަލިސްޓެއްކަމަށްވާ ލެރީ ޖޯންސަން ބުނިގޮތުގައި އީރާން އާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކުރުމާމެދު ޓްރަމްޕް ވިސްނީ އީރާނުގެ މުޅި ހަޟާރަތް އެއްކޮށް ފުނޑުފުނޑުކޮށްލާނެކަމުގެ އިންޒާރު ދެއްވުމަށްފަހުގައެވެ.
ލެރީ ޖޯންސަން ބުނި ގޮތުގައި، އީރާން ފުނޑުފުނޑުކޮށްލާނެކަމަށް ޓްރަމްޕް އިންޒާރު ދިން ރޭ، ނިއުކްލިޔާ ހަތިޔާރު ބޭނުން ކޮށްގެން މެނުވީ އީރާން ފަދަ އާބާދީ އާއި ބިމުގެ ސައިޒް ބޮޑު ބޮޑު ގައުމަކަށް އެފަދަ ހަމަލާއެއް ނުދެވޭނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ. އަދި އެކަމާ އޭނާއާއި އޭނާގެ ޓީމްގެ މެންބަރުންގެ މެދުގައި ވައިޓް ހައުސްގައި ހޫނު ޒުވާބެއް ހިނގިކަމަށް ލެރީ ޖޯންސަން ބުނެފައިވެއެވެ.
އޭނާ ބުނިގޮތުގައި އެ ރޭ އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުގެ ކޯޑުތައް ބޭނުންކުރާނެ ގޮތް ދެނެގަންނަން ބޭނުންވާކަމަށްވެސް ޓްރަމްޕް ބުންޏެވެ.
ލެރީ ޖޯންސަން މިކަން ހާމަކޮށްފައިވަނީ މި އެޕްރީލްމަހުގެ 20 ވަނަ ދުވަހު ޖަޖިން ފްރީޑަމް ނަމަކަށް ކިޔާ އެމެރިކާގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުންނެވެ. ލެރީ ޖޯންސަން ބުނިގޮތުގައި އީރާނާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކުރުމުގެ އޮޕްޝަނާ ބެހޭގޮތުން ޓްރަމްޕް ވާހަކަ ދެއްކުމުން އޭރުގެ އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ޖެނެރަލް ޑޭން ކެއިން ވަނީ ވަގުތުން އެކަމާ ދެކޮޅު ހައްދަވާފައެވެ. އެއާއެކު މި މައްސަލައިގައި އޭނާއާއި ޓްރަމްޕް އާ ދެމެދު ހޫނު ޒުވާބެއް ވެސް ހިނގި ކަމަށް ޖޯންސަން ބުންޏެވެ.
އޭގެފަހުން އެމެރިކާގެ ހަނގުރާމައާބެހޭ ވަޒީރުވަނީ ޖެނެރަލް ޑޭން ކެއިން މަގާމުން ދުރުކޮށް އެމަގާމަށް ޖެނެރަލް ކްރިސްޓޮފާ ލަނޭވް އައްޔަން ކޮށްފައެވެ. ލެރީ ޖޯންސަން މި ވާހަކަތައް ދެއްކެވި "ޖަޖިން ފްރީޑަމް ޕޮޑްކާސްޓް" ހުށަހެޅި ޕްރެޒެންޓަރަކީ ފޮކްސް ނިއުސްގެ ލީގަލް އެނަލިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ އެންޑްރޫ ނަޕޯލިޓާނޯ އެވެ.
ލެރީ ޖޯންސަން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރުމުގެ ބާރު އޮންނަނީ ރައީސްގެ އަތުގައެވެ. އެކަމަށް ކޮންގްރެސްގެ ރުހުން ހޯދާކަށްވެސް ނުޖެހެއެވެ. ނިއުކްލިޔާ ހަތިޔާރު ބޭނުންކުރުމާބެހޭ ކޯޑުތައް އޮންނަކަމަށްވެސް ވަނީ އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާ ޕެންޓަގަންގެ ބެލުމުގެ ދަށުގައެވެ.
ޓްރަމްޕްގެ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ ލެރީ ޖޯންސަންގެ މި ވާހަކަތައް ކަނޑައެޅިގެން ދޮގުކޮށް މިމައްސަލާގައި ވަރަށް ރުޅި އައިސްފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ބުނިގޮތުގައި ލެރީ ޖޯންސަންގެ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެކެވެ. އެމެރިކާގެ މީޑިއާތަކުން މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން ނުވާނެކަމަށް ބުނެ ވައިޓް ހައުސްގެ ތަރުޖަމާން ވަނީ މިފަދަ ޚަބަރުތައް ޝާއިއުކުރާ މިޑިއާތަކާ ދެކޮޅަށް ދައުވާކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ.