އިންޑިއާގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި ކަމަށްވާ ޔަޝް ރާޖް ފިލްމްސް އާއި އެކްޓަރު ޝާހްރުކް ޚާން އާއި އަންހެނުން ގޯރީ ޚާންގެ ރެޑް ޗިލީޒްއިން "މައިކްރޯ ޑްރާމާ" އުފެއްދުމާގުޅޭ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި މަޝްވަރާތަކަކީ، އިންޑިއާގައި ފޯނުން ބަލާލެވޭ ކުރު ކޮންޓެންޓް ނުވަތަ މައިކްރޯ ޑްރާމާތަކަށް އޮތް ތަރުހީބު އިތުރުވަމުންދާތީ، ވައިއާރްއެފް އާއި ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން ކުރަން ނިންމި މަސައްކަތެކެވެ.
މި މަޝްވަރާތައް ކާމިޔާބުވެ މަސައްކަތް އަމަލީގޮތުން ފެށިއްޖެނަމަ ޑިޖިޓަލް ކޮންޓެންޓްގެ އައު ވާދަވެރިކަމެއް ފިލްމު ކުންފުނިތަކުގެ މެދުގައި ފެށޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ސިނަމާ އިންޑަސްޓްރީގެ އެކި މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، މި ދެ ކުންފުނިން ވެސް އަންނަނީ އެ ކުންފުނިތަކުގެ ޑިޖިޓަލް ގޮފިތައް މެދުވެރިކޮށް، ކުރުކޮށް ތައްޔާރުކޮށްފައިވާ ސްކްރިޕްޓް ކޮންޓެންޓް އުފެއްދުމުގެ ފުރުސަތުތައް ދިރާސާ ކުރަމުންނެވެ.

ވައިއާރްއެފް އަދި ރެޑް ޗިލީޒް އެންޓަޓެއިންމަންޓްގެ ލޯގޯ ފެންނަ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މިއީ މީހުން ބަލާލަން ފަސޭހަ، އަދި ފޯނުން ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބަލާ ނިންމާލެވޭ ފަދަ އެޕިސޯޑުތަކަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވެއެވެ. މިކަމާ ގުޅޭގޮތުން ދެ ކުންފުނިން ވެސް ރަސްމީކޮށް ވަކިއެއްޗެއް ބުނެފައި ނުވި ނަމަވެސް، މިއީ ބޮޑެތި ސްޓޫޑިއޯތަކުން ޑިޖިޓަލް ދުނިޔޭގައި ފައިތިލަ ސާބިތުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.
މި ދެ ކުންފުނީގެ ތެރެއިން ވައިއާރްއެފްގެ މަސައްކަތްތައް މިހާރު ހުރީ ތަންކޮޅެއް ކުރީގައެވެ. އެ ކުންފުނީގެ ސްޓްރީމިންގްއަށް ހާއްސަ ގޮފި 'ވައިއާރުއެފް އެންޓަޓެއިންމަންޓް'އިން މިކަމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ބެލެވެއެވެ. އަދި ދާދިފަހުން އެ ކުންފުންޏާ ގުޅުނު ސޯގަތާ މުކަރުޖީގެ ތަޖުރިބާގެ ބޭނުން މި ދާއިރާއިން ހިފާނެ ކަމަށް އިންޑަސްޓްރީގެ މާހިރުން ގަބޫލުކުރެއެވެ.
މުކަރުޖީ އަކީ މީގެ ކުރިން 'ސޮނީ ލިވް'ގައި މަސައްކަތްކޮށް، ގިނަ ކާމިޔާބު ޑިޖިޓަލް ސީރީޒްތަކެއް ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރި ފަރާތެކެވެ. އަނެއްކޮޅުން، ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން ވެސް އަންނަނީ މައިކްރޯ ޑްރާމާ އުފެއްދުމާ ގުޅޭގޮތުން އެތެރޭގެ މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް އެ ކުންފުނީގެ ރޭވުންތައް އަދި އޮތީ ވަރަށް ކުރީގެ މަރުހަލާއެއްގައެވެ.
އިންޑިއާގައި މިހާރުވެސް ޖިއޯ ހޮޓްސްޓާގެ 'ތަޑްކާ'، ޒީ5ގެ 'ބުލެޓް'، އަމެޒޯންގެ 'ފަޓާފަޓް' އަދި ޓާޓާ ޕްލޭގެ 'ޝޮޓްސް' ފަދަ ޕްލެޓްފޯމްތަކުން އަންނަނީ މިފަދަ ކުރު ކޮންޓެންޓްތައް ގެނެސްދެމުންނެވެ. އަންދާޒާ ކުރެވޭ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް އިންޑިއާގެ މިފަދަ ޑިޖިޓަލް މީޑިއާ މާކެޓް ވަރަށް ބޮޑަށް ކުރިއަރައިގެންދާނެއެވެ.
ޔަޝް ރާޖް ފިލްމްސް އާއި ރެޑް ޗިލީޒް އިން މި ދާއިރާއަށް ޝައުގުވެރިކަން ހުރި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް، މި ދެ ކުންފުނިން އަދި މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.