އެޕަލްގެ އާ ސީއީއޯއަކަށް ޖޯން ޓާނަސް، 13 އަހަރަށް ފަހު ޓިމް ކުކް ވަކިވަނީ

1998 ވަނަ އަހަރު އެޕަލް އާ ގުޅުނު ޓިމް ކުކް ވަނީ 2011 ވަނަ އަހަރު އެޕަލްގެ ސީއީއޯގެ މަގާމާ ހަވާލުވެފަ ---

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެޕަލްގެ ސީއީއޯގެ މަގާމުގައި 13 އަހަރު ވަންދެން ހުންނެވި ޓިމް ކުކް އަންނަ ސެޕްޓެމްބަރު މަހު މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ. އޭނާގެ ބަދަލުގައި އެޕަލްގެ އާ ސީއީއޯއަކަށް ހަމަޖައްސާފައިވަނީ 2001 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ހާޑްވެއާ ފަރުމާކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޖޯން ޓާނަސްއެވެ. ޓިމް ކުކް މަގާމުން ވަކިވި ނަމަވެސް، އޭނާ ދެން ފެނިގެންދާނީ އެޕަލް ބޯޑުގެ އެގްޒެކެޓިވް ޗެއާމަންގެ ގޮތުގައެވެ. އާ ސީއީއޯއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ރޭހުގައި އެޕަލް ކުރިއަރުވައި އިންވެސްޓަރުންގެ އިތުބާރު ހިފެހެއްޓުމެވެ.

  • އެޕަލްގެ ސީއީއޯގެ މަގާމުން 13 އަހަރަށްފަހު ޓިމް ކުކް ވަކިވުން
  • އާ ސީއީއޯއަކަށް ޖޯން ޓާނަސް ހަމަޖެއްސުން
  • ޓިމް ކުކް އެޕަލްގެ ބޯޑުގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމާ ހަވާލުވުން
  • އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެޕަލް ކުރިއެރުވުމަކީ އާ ސީއީއޯއަށް އޮތް އެންމެ ބޮޑު ގޮންޖެހުން

ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްގެ ލީޑަޝިޕަށް ބޮޑު ބަދަލެއް ގެންނަން ނިންމައި، އެ ކުންފުނީގެ އާ ސީއީއޯއަކަށް ޖޯން ޓާނަސް ހަމަޖައްސައިފިކަން އެޕަލްއިން އިއްޔެ އިއުލާންކޮށްފިއެވެ.

މި ބަދަލާ އެކު، 2011 ވަނަ އަހަރުން ފެށިގެން އެޕަލްގެ ހުންގާނުގައި ހުންނެވި ޓިމް ކުކް އަންނަ ސެޕްޓެންބަރު މަހު މަގާމުން ވަކިވާނެއެވެ. އުމުރުން 65 އަހަރުގެ ކުކް މަގާމުން ވަކިވި ނަމަވެސް، އޭނާ ކުންފުންޏާ މުޅިން ވަކިވެވަޑައެއް ނުގަންނަވާނެއެވެ. އޭނާ ދެން ހަވާލުވާނީ އެޕަލްގެ ބޯޑުގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމާއެވެ.

ކުކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެޕަލް ފަދަ އާދަޔާޚިލާފު ކުންފުންޏެއްގެ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރަން ލިބުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ.

ސްޓީވް ޖޮބްސްއަށް ފަހު އެޕަލްއާ ހަވާލުވި ކުކްގެ ދައުރުގައި، އެ ކުންފުނީގެ މާލީ ހާލަތު ވަނީ ހީނުކުރެވޭ ފަދަ އުސްމިންތަކަކަށް އުފުލިފައެވެ. އޭނާގެ ރޭވުންތެރިކަމުގެ ދަށުން އެޕަލްގެ މާކެޓް އަގު ހަތަރު ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، ޗައިނާގެ ސަޕްލައި ޗެއިން ވަރުގަދަކޮށް އައިފޯން އުފެއްދުމުގެ މަރުކަޒަކަށް އެ ގައުމު ހެދުމުގެ މޭސްތިރިއަކީ ވެސް ކުކްއެވެ.

https://sun.mv/213964

އާ ސީއީއޯ ޖޯން ޓާނަސްއަކީ 2001 ވަނަ އަހަރުން ފެށިގެން އެޕަލްގެ އުފެއްދުންތައް ފަރުމާކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ހާޑްވެއާ އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށް ވަޑައިގެންނެވި ޓާނަސް ވަނީ އައިފޯން، އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތައް ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މަގާމާ ހަވާލުވެވަޑައިގަންނަވަމުން ޓާނަސް ވިދާޅުވީ، ޖޮބްސްއާއި ކުކް ފަދަ ލެޖެންޑުންގެ ދަށުން މަސައްކަތްކުރަން ލިބުމަކީ އޭނާގެ ނަސީބު ކަމަށެވެ.

އެޕަލްއަށް 50 އަހަރު ފުރޭ މި ދަނޑިވަޅުގައި ލީޑަޝިޕަށް މި އައި ބަދަލަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ވަގުތެކެވެ. ޚާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ރޭހުގައި ގޫގުލް އާއި މައިކްރޯސޮފްޓަށް ވުރެ އެޕަލް ފަހަތުގައި އޮތް ކަމަށް މާހިރުން ދެކެއެވެ. ސިރީއަށް ގެންނަން އުޅުނު އަޕްގްރޭޑްތައް ލަސްވުމާއި، ބިލިއަނުން ޚަރަދުކުރި އިލެކްޓްރިކް ކާރުގެ މަޝްރޫއު ހުއްޓާލަން ޖެހުމަކީ ކުކްގެ ފަހު ދުވަސްކޮޅު ކުރިމަތިވި ނާކާމިޔާބީތަކެވެ.

އެހެންކަމުން، އާ ސީއީއޯ ޓާނަސްއަށް އޮތް އެންމެ ބޮޑު މަސައްކަތަކީ އޭއައިގެ ޒަމާނުގައި އެޕަލްގެ ޓެކްނޮލޮޖީ އަލުން އާރާސްތުކޮށް، އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމެވެ.

މި ބަދަލާ އެކު މިހާރުގެ ބޯޑު ޗެއާމަން އާތާ ލެވިންސަން، ލީޑް އިންޑިޕެންޑެންޓް ޑައިރެކްޓަރުގެ މަގާމަށް ބަދަލުވާނެއެވެ.

comment ކޮމެންޓް