ޓިމް ކުކް އެޕަލްގެ ވެރިކަމުން ވަކިވަނީ

ޓެކްނޮލޮޖީގެ އެންމެ ބޮޑު ކުންފުނި އެޕަލްގެ ސީއީއޯ ޓިމްކުކް --

ޓެކްނޮލޮޖީގެ މައި ކުންފުނި އެޕަލްގެ ސީއީއޯ، ޓިމް ކުކް، 2026 ވަނަ އަހަރުގެ ކުރީކޮޅު މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިއީ ކުއްލި ގޮތަކަށް ނިންމި ނިންމުމެއް ނޫން ކަމަށާއި، މިއީ ކުންފުނީގެ ވެރިކަން ބަދަލުކުރުމަށް ކުރިން ރާވާފައިވާ ޕްލޭނެއްގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކުކްގެ ބަދަލުގައި އެ މަގާމަށް އެންމެ ގާތް ކަމަށް ބެލެވެނީ، މިހާރު އެޕަލްގެ ހާޑްވެއާ އިންޖިނިއަރިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް، ޖޯން ޓާނަސްއެވެ. ޓާނަސްއަކީ ކުކް ވެސް އެ މަގާމަށް ގެނައުމަށް ލަފާދެއްވާފައިވާ ބޭފުޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

https://sun.mv/212282

ސްޓީވް ޖޮބްސް އަވަހާރަވުމާ ގުޅިގެން 2011 ވަނަ އަހަރު އެޕަލްގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޓިމް ކުކްގެ 14 އަހަރުގެ ދިގު ޚިދުމަތުގައި، އޭނާ ވަނީ އެޕަލްއަކީ ދުނިޔޭގެ އެންމެ ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏަކަށް ހައްދަވާފައެވެ. އޭނާ ސީއީއޯ ކަމާ ހަވާލުވެވަޑައިގެންނެވި އިރު 350 ބިލިއަން ޑޮލަރުގައި ހުރި އެޕަލްގެ މާކެޓް އަގު، މިއަދު ވަނީ 4 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

މި ޚަބަރުތައް ފެތުރިފައި މިވަނީ، އެޕަލްގެ ހިއްސާގެ އަގު ތާރީޚީ ގޮތުން އެންމެ މަތީގައި ވިޔަފާރި ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އަދި އަންނަ ބަންދު މޫސުމުގައި ކުންފުނީގެ ވިއްކުންތައް 10 އިންސައްތައާއި 12 އިންސައްތައާ ދެމެދު އިތުރުވެ، ރިކޯޑް އާމްދަނީއެއް ލިބޭނެ ކަމަށް އެޕަލްއިން ވަނީ ލަފާކޮށްފައެވެ.

ކުކް މަގާމުން ވަކިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މާލީ ރިޕޯޓް ނެރުމަށްފަހުއެވެ. މީގެ ސަބަބުން، އާ ވެރިޔާއަށް ކުންފުނީގެ އަހަރީ ބޮޑެތި އިވެންޓްތައް ފެށުމުގެ ކުރިން މަސައްކަތަށް އަހުލުވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޓިމް ކުކް އެޕަލްގެ ވެރިކަމާ ހަވާލުވެވަޑައިގަތީ، އެ ކުންފުނީގެ މުއައްސިސް، ޓެކްނޮލޮޖީގެ ދުނިޔެއަށް އިންގިލާބެއް ގެނައި ސްޓީވް ޖޮބްސްގެ ފަހުންނެވެ. އެއިރު ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި ޖޮބްސް ފަދަ އުފެއްދުންތެރި ލީޑަރެއްގެ ބަދަލު ހޯދުމަކީ ނާދިރު ކަމެކެވެ. ނަމަވެސް، ކުކްގެ ލީޑަޝިޕްގެ ދަށުން އެޕަލް ވަނީ އައިފޯން ފަދަ އުފެއްދުންތައް އިތުރަށް ކާމިޔާބުކޮށް، އެޕަލް ވޮޗް، އެއާޕޮޑްސް، އަދި ވިޜަން ޕްރޯ ފަދަ އާ އުފެއްދުންތައް ބާޒާރަށް ނެރެފައެވެ.

އޭނާގެ ވެރިކަމުގައި ކުންފުނީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، އެޕް ސްޓޯރު، އެޕަލް މިއުޒިކް، އަދި އައިކްލައުޑް ފަދަ ޚިދުމަތްތަކުން ލިބޭ އާމްދަނީ ވަނީ އެތައް ގުނައަކަށް އިތުރުކޮށްފައެވެ. ވުމާއެކު، ޓާނަސް ފަދަ ކުންފުނީގެ ތެރެއިން ތަޖުރިބާކާރަކަށް ވެރިކަން ހަވާލުކުރުމަށް މި ރާވާ ރޭވުމަކީ، ޖޮބްސްގެ ފަރާތުން ކުކްއަށް ވެރިކަން ބަދަލުވި ފަދަ ކާމިޔާބު، ހަރުދަނާ ފިޔަވަޅެއް ތަކުރާރުކުރުމަށް ރޭވުންތެރިކަމާއެކު ކުރެވޭކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

comment ކޮމެންޓް