ރިޑްލީ ސްކޮޓްގެ "އޭލިއަން: އާތު" ސީރީޒްގެ ދެވަނަ ސީޒަނުން އިންޑިއާގެ ފިލްމީތަރި އަދަރްޝް ގޯރަވް އަލުން ފެންނާނެކަން ކަށަވަރުވެއްޖެއެވެ.
ޒުވާން ހުނަރުވެރި އެކްޓަރު އަދަރްޝް ގޯރަވް، ރިޑްލީ ސްކޮޓް އެގްޒެކެޓިވް ޕްރޮޑިއުސަރުކަން ކުރާ 'އޭލިއަން: އާތު' ސީރީޒްގެ ދެވަނަ ސީޒަނުގައިވެސް ފެންނާނީ 'ސްލައިޓްލީ' ގެ ރޯލުންނެވެ.
އަންނަ މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ސީރީޒްގެ ކާސްޓާ، މަޝްހޫރު "ގޭމް އޮފް ތުރޯންސް"ގެ ތަރި ޕީޓަ ޑިންކްލޭޖް ވެސް މިހާރު ވަނީ ގުޅިފައެވެ. ނޯއާ ހޯލީ އުފައްދާފައިވާ މި ސީރީޒްގެ ފުރަތަމަ ސީޒަނުގައި ވެސް އަދަރްޝް ކުޅެފައިވަނީ "ސްލައިޓްލީ" ކިޔާ ކެރެކްޓާއެކެވެ.
މި ސީރީޒްގެ ދެވަނަ ސީޒަނުގައި އަދަރްޝްއާއެކު ސިޑްނީ ޗެންޑްލާ، އެލެކްސް ލައުތާ، އެސީ ޑޭވިސް، ސެމިއުލް ބްލެންކިން، ބާބޫ ސީސޭ، ޓިމޮތީ އޮލިފަންޓް އަދި ޕީޓަރ ޑިންކްލޭޖް ފަދަ މަޝްހޫރު ތަރިން ފެންނާނެއެވެ.
މި ކަމާ ގުޅޭގޮތުން އަދަރްޝް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "އޭލިއަން: އާތު"ގެ ބައެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އޭނާގެ ފިލްމީ ކެރިއަރަށް ލިބުނު ވަރަށް ޚާއްސަ ތަޖުރިބާއެއް ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ ސީޒަނުގައި، އޭނާ ކުޅުނު ކެރެކްޓާއަށް ލިބުނު ތަރުހީބާ އެކު ދެވަނަ ސީޒަންގައި އިތުރަށް މަސައްކަތް ކުރުމުގެ ހިތްވަރު އާވެފައިވާ ކަމަށް އަދަރްޝް ވަނީ ބުނެފައެވެ.

ފިލްމު "ދަ ވައިޓް ޓައިގާ"ގެ މަންޒަރެއްގައި އަދަރްޝް ބަތަލާ ޕްރިޔަންކާ އަދި އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު--ފޮޓޯ/އެންޑީޓީވީ
"ނޯއާ ހޯލީ އަދި ރިޑްލީ ސްކޮޓް ފަދަ ތަޖުރިބާކާރު ހުނަރުވެރި ފަންނާނުންގެ ޓީމަކާ އެކު މަސައްކަތް ކުރުމަކީ ހުރިހާ ގޮތަކުން ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ހުނަރުވެރި އެކްޓަރުންތަކަކާ އެކު މަސައްކަތް ކުރުމުން އަމިއްލަ ނަފްސު އިތުރަށް ކުރިއެރުވުމަށް ބާރަކަށްވޭ. އަލުން ސެޓަށް ގޮސް އެ ދުނިޔެއަށް ވަދެވޭތީ ވަރަށް އުފާވޭ،" އަދަރްޝް ބުނެފައިވެއެވެ.
އުމުރުން 31 އަހަރުގެ އަދަރްޝްގެ ފިލްމީ ކެރިއަރު ފެށީ 2018 ވަނަ އަހަރު ނެރުނު "މޭޑްލީ" އެންތޮލޮޖީ ފިލްމުގެ ބައެއް ކަމަށްވާ "ކްލީން ޝޭވަން"އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "މަމް" (2017)، ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލުކަމެއް ހޯދި "ދަ ވައިޓް ޓައިގާ" (2021)، "ކޯ ގަޔޭ ހަމް ކަހާ" (2023) އަދި "ސުޕަބޯއީސް އޮފް މަލެގާއޯން" (2025) ފަދަ ފިލްމުތަކުގައި މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ.
އަދަރްޝް އެންމެ ފަހުން ފެނުނީ ޝަނާޔާ ކަޕޫރާ އެކު ކުޅުނު ސަވައިވަލް ތުރިލާ 'ތޫ ޔާ މޭ' އިންނެވެ.