މީގެ ހަތް އަހަރު ކުރިން ރިލީޒްކޮށް ބެލުންތެރިންގެ މަގުބޫލުކަން ލިބުނު ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ ސީކުއަލް "ޕަތީ ޕަތުނީ އޯރް ވޯ ދޯ"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
އެއް މިނެޓާއި 23 ސިކުންތުގެ މި ޓީޒާ ފެށެނީ 1978 ވަނަ އަހަރު ސަންޖީވް ކުމާރާއި ވިދްޔާ ސިންހާ ކުޅުނު އަސްލު ފިލްމުގެ މަންޒަރަކުންނެވެ. އެ ފިލްމަށް ބިނާކޮށް 2019 ވަނަ އަހަރު ތައްޔާރުކުރި ރީމޭކްގައި ފެނުނު ކާތިކް އާރްޔަން، ބޫމީ ޕެޑްނޭކަރް އަދި އަނަންޔާ ޕާންޑޭއެވެ.
މި އަންނަ މަހުގެ 15 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައި އޮތް "ޕަތީ ޕަތުނީ އޯރް ވޯ ދޯ"ގެ ލީޑް ތަރިންނަކީ އަޔުޝްމާން ކުރާނާ، ސާރާ އަލީ ޚާން، ރަކުލް ޕްރީތު ސިންގް އަދި ވަމީގާ ގައްބީއެވެ. މި ސީކުއަލްގެ ފުރަތަމަ ފިލްމުގެ ލީޑް ތަރިންނަކީ ކާތިކް އާރްޔަންއާއި ބޫމީ ޕެޑްނޭކަރު އަދި އަނަންޔާ ޕާންޑޭއެވެ.

"ޕަތީ ޕަތުނީ އޯރް ވޯ ދޯ"ގެ ޓީޒާގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ ދޯ" އިޝްތިހާރު ކުރުމަށް އިންސްޓަގްރާމްގައި ލިޔެފައިވަނީ "ވަގުތާއެކު ހުރިހާ ކަމެއް ބަދަލުވި ނަމަވެސް، ފިރިހެނުންގެ ތަބީއަތަކީ ވަގުތަށް ވެސް ބަދަލު ނުކުރެވޭނެ އެއްޗެއް" މިގޮތަށެވެ.
މުދައްސަރު އަޒީޒް ޑައިރެކްޓްކުރާ މި ކޮމެޑީ ފިލްމަކީ އާޔުޝްމަން ކުރާނާއާއި ސާރާ އަލީ ޚާން އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ.
ޓީ-ސީރީޒާއި ބީއާރު ސްޓޫޑިއޯސް ގުޅިގެން އުފައްދާ މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދެނީ ޒީ ސްޓޫޑިއޯސް އިންނެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ބުޝަން ކުމާރާއި ރޭނޫ ރަވީ ޗޯޕްރާއެވެ. އަދި، ކްރިއޭޓިވް ޕްރޮޑިއުސަރަކީ ޖޫނޯ ޗޯޕްރާއެވެ.