ހުޅުވިތާ ފަސް މަސް ފަހުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)ގެ އާބަން ހެލްތު ކެއާ ސެންޓަރު(ޔޫޕީއެޗްސީ) މަރާމާތަށް، ވަގުތީ ގޮތުން މިއަދު ބަންދުކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރަސްފަންނު ބީޗު ސަރަހައްދުގައިި އިމާރާތްކުރަން ފެށި ކޮރަލް ބޮލެވާޑުގެ އިމާރާތް، ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށް ހުޅުވީ މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސެންޓަރު ބަންދުކުރީ މަރާމާތުކުރުމަށް ކަމަށެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް، މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ބަންދުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި މުއްދަތުގައި އެ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އައިޖީއެމްއެޗުގެ ޖީއޯޕީޑީއަށް ބަދަލުކޮށްފައިވާ ކަމަށާއި، ދަމަނަވެށިން ވެކްސިން ޖެހުމުގެ ޚިދުމަތް ލިބޭނެކަމަށް ވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ސެންޓަރުގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކަކާއި ޗައިލްޑް ހެލްތު ކްލިނިކެއްގެ އިތުރުން ފަރުވާ ދޭ ކޮޓަރިއަކާއި، ފަޅާ ކޮޓަރިއަކާއި، ވެލްނެސް ކްލިނިކަކާއި، ކައުންސިލިން ރޫމަކާއި އެކްސްރޭ ކޮޓަރިއެއް ހިމެނެއެވެ.