ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން، ކުރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުޙީ އާދަމް މިއަދު އިސްތިއުފާދެއްވައިފިއެވެ.
ޕީސީބީން ބުނީ، ފަތުޙީ އިސްތިއުފާ ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އެ ބޯޑުގެ ރައީސް މުޙައްމަދު އަނަސް 'ސަން'އަށް މިއަދު ވިދާޅުވީ، ފަތުޙީ އިސްތިއުފާ ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ އަމީންޢާންމުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ޕީއެންސީގެ އަމީންޢާންމުގެ މަގާމަށް ފަތުޙީ އައްޔަންކުރީ މިއަދެވެ. އޭނާ އެ މަގާމަށް އައްޔަންކުރިކަން އެ ޕާޓީން ހާމަކުރީ މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.
ޕީސީބީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ އަމީންޢާއްމު މަގާމު ފެންވަރުގެ މަގާމެއްގައި ހުރެ، ޕީސީބީގެ މެންބަރުކަން ނުކުރެވޭނެއެވެ.
މިދިޔަ 19ވަނަ މަޖިލީހުގައި އޭރު ހުސްވި ށ. ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ފަތުޙީ ވަނީ، ދާދިފަހުން އުވާލި ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ.
ޕީއެންސީގެ އަމީންޢާންމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޢާޛް ޙަލީމް މި މަހުގެ 18 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މުޢާޛް 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، ޕާޓީގެ އިދާރީ ހިންގުމުގެ އިސް ޒިންމާތަކުން ދުރަށް ވަޑައިގެންނެވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ނެރޭ ޕާޓީއަކަށް ހަދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންވާތީ ކަމަށެވެ.
އަދި އެ މަގާމަށް ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާތީ އިސްތިއުފާ ދެއްވީ ކަމަށް އޭނާ ލިޔުއްވައިފައިވެއެވެ.
މުޢާޛް ޕީއެންސީގެ އަމީންޢާންމުކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހެވެ. އެއީ އޭރު އެ ޒިންމާތައް ފުރުއްވި ޒީނާޒު ޢަދުނާންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.