ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރަމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލައިފިކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށާއި، ޓީޓީ ހެދުން ހުއްޓާނުލާ ކުރިއަށްދާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ވިޔަފާރިތަކުން މުދާ ގެނައުމަށް ބޭންކު މެދުވެރިކޮށް ހަދާ ޓީޓީތަކަކީ މުހިންމު މާލީ މުއާމަލާތެކެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު އަންނަނީ ވިއްކަމުންނެވެ. މިގޮތުން މި މަހުގެ ތެރޭގައިވެސް ޓީޓީއަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެ ކަސްޓަމަރަކަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައިވާނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ. އަދި މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވި ނެތް ކަމަށްވެސް ބޭންކުން ފާހަގަކުރިއެވެ.
ބީއެމްއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ އެވްރެޖްކޮށް މަހެއްގެ މައްޗަށް ބަލާނަމަ 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ. މި އަދަދަކީ މިދިޔަ އަހަރު މި ބޭނުމަށް އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 142 އިންސައްތަ އިތުރު އަދަދެއްކަން ބޭންކުން ފާހަގަކުރެއެވެ. މި ބޮޑު ކުރިއެރުމުން ދައްކުވައިދެނީ ބޭންކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް މަދުނުވާ ކަމެވެ.
މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް 38،855 ޓީޓީއަށް ބޭރު ފައިސާ ފޯރުކޮށްދީފައިވާއިރު، ހިނގަމުންމިދާ އެޕްރީލް މަހު އެކަނިވެސް 6،800 އަށްވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ. ހަމައެހެންމެ، އިއްޔެ އެކަނިވެސް 327 ޓީޓީއަކަށް ނުވަ ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ދުނިޔޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ، ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދަދު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމުގެ ސަބަބުން ބޭރު ފައިސާގެ ލިކުއިޑިޓީއަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ބީއެމްއެލްއިން އަންނަނީ ހަރުދަނާކަމާއެކު މިކަން ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޚާއްސަކޮށް މިފަދަ ހައްސާސް މުއްދަތެއްގައިވެސް، ކާބޯތަކެއްޗާއި ބޭސްފަރުވާ ފަދަ ޒަރޫރީ ބޭނުންތަކަށާއި އެކިއެކި މުހިންމު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ވިޔަފާރިތަކަށް ކުރިއަށްވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުންދާކަން ބޭންކުން ފާހަގަކުރެއެވެ. އެހެންނަމަވެސް، ކޮންމެ ވިޔަފާރިއަކަށްވެސް ކަނޑައެޅިފައިވާ ލިމިޓެއް އޮންނާތީ، ބައެއް ފަހަރު އެ ވިޔަފާރިއެއްގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު އެއްފަހަރާ ބޭންކުން ނުދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މިއީ ހުރިހާ ކަސްޓަމަރުންނަށްވެސް ހަމަހަމަކަމާއެކު ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ގެންގުޅޭ އުސޫލެއްކަން ބޭންކުން ސާފުކޮށްދެއެވެ.
ބޭންކުގެ ކަސްޓަމަރުންނާ ބެހޭ މައުލޫމާތާއި، ބޭންކުން ހިންގާ ފައިސާގެ މުއާމަލާތްތަކުގެ ސައްހަ މައުލޫމާތަކީ ހަމައެކަނި ބޭންކަށް ދެވޭނެ މައުލޫމާތުތަކެއްކަން ފާހަގަކޮށް، ބީއެމްއެލްއިން ވަނީ ބައެއް ނޫސްތަކުން ފަތުރާ ދޮގު ޚަބަރުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަދަ މުހިންމު ކަމަކާ ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައާއި މުޅި މުޖުތަމައުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ޒިންމާދާރުކަމެއް ނެތި މައުލޫމާތު ފެތުރުމަކީ ބޭންކުން ވަރަށް ހިތާމަކުރާ ކަމެއް ކަމުގައި ވަނީ ބުނެފައެވެ.