މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދުން ތާބޫ އެޕާޓްމަންޓެއް ގަނެފި

ބޮލީވުޑްގެ ބަތަލާ ތާބޫ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލާ ތާބޫ، މުމްބާއީގެ އެންމެ އަގުބޮޑު އަދި ލަގްޒަރީ އެއް ސަރަހައްދު ކަމަށްވާ ވާސޯވާ އިން 10 ކްރޯޑް ރުޕީސްގެ އެޕާޓްމަންޓެއް ގަނެފިއެވެ. ގޯދްރެޖް ސްކައިޝޯގައި ހުންނަ މި އެޕާޓްމަންޓަކީ ތާބޫގެ ކެރިއަރަށް ލިބެމުން އަންނަ ކުރިއެރުމާއެކު ކުރެވުނު މުހިންމު އިންވެސްޓްމަންޓެކެވެ. މި ސަރަހައްދަކީ ފިލްމީ ސްޓޫޑިއޯތަކާ ގާތްވުމުގެ ސަބަބުން ގިނަ ތަރިންގެ މެދުގައި މަގުބޫލު ސަރަހައްދެކެވެ.

  • ތާބޫ މުމްބާއީގެ ވާސޯވާ އިން 10 ކްރޯޑް ރުޕީސްގެ އެޕާޓްމަންޓެއް ގަނެފި
  • މި އެޕާޓްމަންޓް ހުންނަނީ މަޝްހޫރު ގޯދްރެޖް ސްކައިޝޯ އިމާރާތުގައި
  • ސްޓޭމްޕް ޑިއުޓީ އާއި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 5 ލައްކައަށްވުރެ ގިނަ ރުޕީސް ވަނީ ދައްކާފައި
  • ތާބޫ އެންމެ ފަހުން ފެނިފައިވަނީ އަކްޝޭ ކުމާރާއެކު ކުޅެފައިވާ ބޫތު ބަންގްލާ ފިލްމުން

އިންޑިއާގެ މަގުބޫލު ބަތަލާ ތާބޫ، މުމްބާއީގެ ވާސޯވާގައި ހުންނަ 'ގޯދްރެޖް ސްކައިޝޯ'އިން 10 ކްރޯޑް ރުޕީސް (އެއްލައްކަ ވިހިހާސް ޑޮލަރު)ގެ އަގުބޮޑު އެޕާޓްމަންޓެއް ގަނެފިއެވެ.

މިއީ ބަތަލާގެ ފިލްމީ ކެރިއަރަށް ލިބެމުން އަންނަ ކުރިއެރުމާ އެކު ކުރި ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން އެނގޭ ގޮތުގައި، ތާބޫ އަލަށް ގަނެފައިވާ އެޕާޓްމަންޓް ހުންނަ ސަރަހައްދަކީ މުމްބާއީގެ އެންމެ ލަގްޒަރީ އަދި އެންމެ އަގުބޮޑު އެޕާޓްމަންޓްތަކާއި ގެތައް ހުންނަ ސަރަހައްދެވެ.

މި އެޕާޓްމަންޓް ގަތުމަށް ޓަކައި ތާބޫ ސްޓޭމްޕް ޑިއުޓީގެ ގޮތުގައި 5.24 ލައްކަ ރުޕީސް އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 30،000 ރުޕީސް ދައްކާފައިވެއެވެ.

މުމްބާއީގެ ފިލްމީ ތަރިންނާއި މަހުޖަނުންގެ މެދުގައި މަގުބޫލު ވާސޯވާގައި ހުންނަ 'ގޯދްރެޖް ސްކައިޝޯ' އަކީ އަމިއްލަ މިނިވަންކަމާއި ގޮނޑުދޮށުގެ ހިތްފަސޭހަކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

މަޝްހޫރު އެމެރިކަން ސައިންސް ފިކްޝަން ޓެލެވިޒަން ސީރީސް "ޑިއުން: ޕްރޮފެސީ"ގެ މަންޒަރެއްގައި ބަތަލާ ތާބޫ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި އިމާރާތުގެ ރަސްމީ ތައާރަފުގައި ބުނެފައިވަނީ، މިއީ މުމްބާއީގެ ހުޅަނގު އައްސޭރީގައި ހިތްގައިމުކަމާއި ވަރުގަދަ ބިނާކުރުމުގެ ފަންނުވެރިކަން އެކުލެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި މިއީ ވާސޯވާގެ މަލަމަތި ބަދަލުކޮށްލާނެ ފަދަ ތަފާތު ބިނާއެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ވާސޯވާ އާއި އަންދޭރީ ވެސްޓަކީ ފިލްމީ ސްޓޫޑިއޯތަކާއި ޕްރޮޑަކްޝަން އޮފީސްތަކާ ގާތް ސަރަހައްދުތަކަށް ވުމުން، އެކްޓަރުންނާއި ޕްރޮޑިއުސަރުންގެ މެދުގައި އަބަދުވެސް މަގުބޫލު ސަރަހައްދުތަކެކެވެ. ތާބޫގެ މި އާ އިންވެސްޓްމަންޓަކީ އެ ސަރަހައްދުގެ އަގުބޮޑުކަމާއި މަގުބޫލުކަން އިތުރަށް ހާމަކޮށްދޭ ކަމެކެވެ.

ތާބޫ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ބޫތު ބަންގްލާ"އިންނެވެ. ޕްރިޔަދަރްޝަން ޑައިރެކްޓްކުރި މި ފިލްމަކީ ގާތްގަނޑަކަށް ވިހި އަހަރަށްފަހު ތާބޫ އާއި އަކްޝޭ ކުމާރު އެކުގައި ފެނިގެންދިޔަ ފިލްމެކެވެ.

comment ކޮމެންޓް