ސަރުކާރުގެ ތެޔޮ ކުންފުނި އެފްއެސްއެމްގެ ޚިދުމަތްތައް އައްޑޫގެ ހުރިހާ އަވަށެއްގައި ގާއިމުކޮށް، އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް، އެ ސިޓީގެ ކައުންސިލުން މިއަދު ގޮވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ، އެ ސިޓީގައި މީހުން ދިރިއުޅޭ އެއްވެސް އަވަށެއްގައި އެފްއެސްއެމްގެ ޚިދުމަތް ލިބެން ނެތް ކަމަށާއި ޕެޓްރޯލާއި ޑީސަލް އަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ އަމިއްލަ ކުންފުނިތަކުން ކަމަށެވެ.
އެފްއެސްއެމުން ޕެޓްރޯލް ލީޓަރެއް 18 ރުފިޔާ 56 ލާރިއަށް ވިއްކާއިރު އަމިއްލަ ކުންފުނިތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 24 ރުފިޔާ 22 ލާރިއަށް ކަމަށާއި، އެފްއެސްއެމުން ޑީސަލް ލީޓަރެއް 18 ރުފިޔާ 68 ލާރިއަށް ވިއްކާއިރު، އަމިއްލަ ކުންފުނިތަކުން ވިއްކަނީ 31 ރުފިޔާ 34 ލާރިއަށް ކަމަށް، އެ ބަޔާނުގައިވެއެވެ.
ކައުންސިލުން ބުނީ، އެފްއެސްއެމުން ތެޔޮ ވިއްކާ އަގުގައި ވިއްކުމަށް އަމިއްލަ ކުންފުނިތަކުގައި އެދުނު ނަމަވެސް، އެ އިންތިޒާމު ހަމަޖައްސައިދީފައިނުވާ ކަމަށާއި އެހެންކަމުން ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާ ބަލާއިރު އައްޑޫ ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، އައްޑޫގައި ހުންނަ އެފްއެސްއެމްގެ ތެޔޮ އަޅާ މެޝިނަކީ ދުވަސްވެ ބާވެފައިވާ މެޝިނެއް ކަމަށާއި، އެހެންވެ، ޚިދުމަތް ހޯދުމަށް އެ ސިޓީގެ ރައްޔިތުން ގިނަ ވަގުތު ކިޔޫގައި ތިބެންޖެހޭ ކަމުގެ ޝަކުވާ ކައުންސިލަށް މެދުނުކެނޑި ލިބެމުން އަންނަ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ބަޔާނުގައި އެ ކައުންސިލުން ވަނީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދީ، ކުރިން އޮތް އުސޫލުން ވީހާ ވެސް އަވަހަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވައިލައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން އައްޑޫގައި ޕެޓްރޯލް ލީޓަރެއް ލިބެނީ، 24 ރުފިޔާ 22 ލާރިއަށެވެ. ނަމަވެސް، މީގެކުރިން ޕެޓްރޯލް ލީޓަރެއް އައްޑޫގައި 18 ރުފިޔާ 56 ލާރިއަށް ލިބެއެވެ.
އޭގެއިތުރަށް، ޑީސަލް ލީޓަރެއް ވިއްކާ އަގު ވެސްއެ ސިޓީގައި ވަނީ 31 ރުފިޔާ 34 ލާރިއަށް ރުފިޔާއަށް ބޮޑުކޮށްފައެވެ. ކުރިން ޑީސަލް ލީޓަރެއް ދިޔައީ 19 ރުފިޔާ 77 ލާރިއަށް ވިއްކަމުންނެވެ.
އައްޑޫގައި ޕެޓްރޯލްގެ އަގު އުފުލުނުއިރު، މިދިޔަ ފެބްރުވަރީ މަހު އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމައާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އަގުތައް ވަނީ އުފުލިފައެވެ.
އެހެންވެ، ދުނިޔޭގެ 85އަށް ވުރެ ގިނަ ގައުމުތަކުގައި ތެލުގެ އަގު ބޮޑުވިއިރު، ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ދިހަ ގައުމުގެ ތެރޭ ރާއްޖެ ހިމެނެއެވެ. މި ދަނޑިވަޅުގައި އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެފްއެސްއެމުން ވަނީ، އެ ކުންފުނިން ވިއްކާ ތެލުގެ އަގު 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ.
އެގޮތުން ބައެއް ރަށްރަށުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފައެވެ.