އީރާން ހިސާރުކުރާ އެމެރިކާގެ އެންމެ ބޮޑު ދެ މަނަވަރުގެ ސިފައިން ކާބޯތަކެއްޗަށް ޖެހިއްޖެ: ރިޕޯޓް

އީރާނުގެ ބަނދަރުތައް ހިސާރުކުރުމުގައި ހަރަކާތްތެރިވާ އެމެރިކާގެ އެންމެ ބޮޑު ދެ މަނަވަރު ކަމަށްވާ ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި ޔޫއެސްއެސް ޓްރިޕޮލީގެ ސިފައިންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާކަމަށް ޔޫއެސްއޭ ޓުޑޭ އިން ރިޕޯޓުކޮށްފިއެވެ. ނަމަވެސް އެމެރިކާގެ ކަނޑުގެ ސިފައިންގެ ޗީފް އޮފް އޮޕަރޭޝަންސް ވަނީ މިކަން މުޅިން ދޮގުކުރައްވާފައެވެ.

  • ޔޫއެސްއޭ ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ދެ މަނަވަރެއްގައި ތިބި ދެހާހަށްވުރެ ގިނަ ސިފައިންނަށް ވަނީ ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައެވެ.
  • މިކަން ދިމާވީ އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން ގަލްފުން ގެންނަ ސަޕްލައި ހުއްޓުމާ ގުޅިގެންނެވެ.
  • މި މައްސަލައިގެ ސަބަބުން ސިފައިންނަށް ދުވާލަކު ލިބެނީ އެންމެ ކެއުމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
  • އެމެރިކާގެ ކަނޑުގެ ސިފައިންގެ ޗީފް އޮފް އޮޕަރޭޝަންސް ވަނީ މި ޚަބަރުތައް މުޅިން ދޮގުކުރައްވާފައެވެ.

ވޮޝިންޓަން (19 އެޕްރީލް 2026): އީރާނުގެ ބަނދަރުތައް ހިސާރު ކުރުމުގައި ބައިވެރިވާ އެމެރިކާގެ އެންމެ ބޮޑު ދެ މަނަވަރު ކަމަށްވާ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި އެންފިބިއޮސް މަނަވަރު ޔޫއެސްއެސް ޓްރިޕޮލީގައި މަސައްކަތްކުރާ ސިފައިން ހައިހޫނުކަން ތަހައްމަލް ކުރަންޖެހިފައިވާކަމަށް ފެތުރެމުންދާ ޚަބަރުތައް އެމެރިކާގެ އަސްކަރިއްޔާއިން ދޮގުކޮށްފިއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ޗީފް އޮފް އޮޕަރޭޝަންސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުގެ ބަނދަރުތައް ހިސާރު ކުރުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންނަށް ކާބޯތަކެތި ދަތިވުމުގެ މައްސަލައެއް އަދި ކާބޯތަކެތީގެ ކޮލިޓީގެ މައްސަލައެއްވެސް ދިމާނުވާކަމުގައެވެ.

މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި އެންފިބިއޮސް މަނަވަރު ޔޫއެސްއެސް ޓްރިޕޮލީ އަށް ކާބޯތަކެތި ސަޕްލައި ކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާކަމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ޗީފް އޮފް އޮޕަރޭޝަންސް އެކްސްގައި ވިދާޅުވިއެވެ.

މި ދެ މަނަވަރުގައި ދެހާހަށް ވުރެގިނަ ސިފައިން ތިބިއިރު ކާބޯތަކެތި ސަޕްލައި ކުރުމުގެ އޮޕަރޭޝަނަށް ބުރޫއެރުމުގެ ސަބަބުން އެ ދެ މަނަވަރުގައި ތިބި ސިފައިން ހައިހޫނުކަން ތަހައްމަލް ކުރަމުންދާކަން ހާމަކޮށްފައިވަނި "ޔޫއެސްއޭ ޓުޑޭ" ނަމަކަށް ކިޔާ އެމެރިކާގެ ނޫހަކުންނެވެ.

އެ ނޫހުންވަނީ އެ ދެ މަނަވަރުގައިވާ ކާބޯތަކެތީގެ ސްޓޮކް ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ދެ މަނަވަރުގެ ސިފައިން ތިބެން ޖެހިފައިވަނީ ދުވާލަކު އެއްފަހަރު ކައިގެންކަން ހާމަކޮށް ރިޕޯޓެއް ޝާއިއުކޮށްފައެވެ. ދުވާލަކު އެއް ފަހަރު ލިބޭ ކާއެތިކޮޅުގައިވެސް މަހާއި ތަރުކާރީ އާއި ބިސްފަދަ އޮއްޓަރު ހުރި ކާނާ މަދުކަން ފާހަގަކޮށް އެ ރިޕޯޓްގައި އެ ދެ މަނަވަރުގައި ބޭނުންކުރާ ކާތަށީގެ ފޮޓޯއެއްވެސް ވަނީ ޝާއިއުކޮށްފައެވެ.

މިހެން ދިމާވީ އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން ގަލްފުގެ ތެރެއިން އެމެރިކާގެ މަނަވަރުތަކަށް ގެންނަމުންދިޔަ ސަޕްލައި ހުއްޓުމާއެކު ބަދަލުގައި އެ ނޫން ތަންތަނުން ސަޕްލައި ގެނައުމުގެ މަސައްކަތް ލަސްވެގެންކަމަށް ރިޕޯޓް ބުނެއެވެ. މިކަން ދޮގު ކުރިނަމަވެސް މި މައްސަލަ ބޭޒާރުވެފައިވާތީ އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާ ޕެންޓަގަންވަނީ ވަރަށް ބޮޑަށް ލަދުގެންފައިކަމަށް ރިޕޯޓް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު