2 އިންތިޚާބު އެއްކުރުމުގެ ވޯޓު ނާކާމިޔާބުވީ ޕީއެންސީ ކެމްޕޭން ޓީމާހެދި: ރައީސް

ރައީސް މުއިއްޒު އއ. ރަސްދޫގައި ބޭއްވެވި ޖަލްސާގެ ތެރެއިން --

މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ނެގުނު ޚިޔާލު ހޯދުމުގެ ވޯޓު، ވެރިކަންކުރާ ޕީއެންސީއަށް ނާކާމިޔާބުވުމުގެ މައިގަނޑު ސަބަބަކީ އެ ޕާޓީގެ ކެމްޕޭން ޓީމުތަކުގެ މަސައްކަތްތަކުގައި ހުރި އުނިކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޝާރާތްކުރައްވާފައެވެ.

  • މައި ދެ އިންތިޚާބު އެއްކުރުމަށް ނެގި ވޯޓު ސަރުކާރަށް ނާކާމިޔާބުވުން.
  • ނާކާމިޔާބީގެ ޒިންމާ ޕީއެންސީގެ ކެމްޕޭން ޓީމުތަކަށް އަމާޒުވުން.
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިކަމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވުން.
  • ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ރަނގަޅުކުރަންޖެހޭކަން ހާމަވުން.

މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ޚިޔާލު ހޯދުމުގެ ވޯޓު ވެރިކަންކުރާ ޕީއެންސީއަށް ނާކާމިޔާބުވީ، ޕާޓީގެ ކެމްޕެއިން ޓީމުތަކުގެ ސަބަބުން ކަމަށް ވިދާޅުވާ ފަދަ މޭރުމަކުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވާހަކަފުޅު ދައްކަވައިފިއެވެ.

ނިމިދިޔަ ކައުންސިލު އިންތިޚާބުގައި އއ. ރަސްދުއާއި ތޮއްޑުއާއި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ރައްޔިތުން ވޯޓުލި އެއް ސަބަބަކީ ޕީއެންސީގެ ކެމްޕެއިން ޓީމުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތުމުން ކަމަށެވެ.

"އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް، އަޅުގަނޑުމެންނަކަށް ނެތް ރައްޔިތުންނަށް ކިޔައިދެވިފަކައެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ކެމްޕެއިންގެ ހަރަކާތްތައް ނިންމާލި ދުވަހު، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ "ފައިދާ"ތައް ކުރު ގޮތަކަށް ކިޔައިދެވޭތޯ މަސައްކަތްކުރައްވައިފައިވާނެ ކަމަށް ވިދާޅުވެ، އެ ވާހަކަފުޅު އަލުން އޮޅައި އަޑުއެއްސެވުމަށް ރައީސް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންގެ (ޕީއެންސީގެ) މި ކެމްޕެއިން ޓީމުތައް، އަޅުގަނޑުމެންނަށް އެ މަސައްކަތް ރަނގަޅަށް ކުރެވިފައި ނެތް އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގަ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް، ރައީސް ވިދާޅުވީ، ކުރިއަށް ދާނީ ރައްޔިތުން ނިންމި ގޮތަށް ކަމަށާއި، އެހެންކަމުން ގާނޫނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެއާއެކު، އެމަނިކުފާނު ވަނީ، ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާއިރު، އެއް ޓީމެއްގެ ގޮތުގައި ޕީއެންސީގެ ޓީމުތަކުން އެކުގައި މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

"އެ ވޯޓުގައި އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރި، އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރީމާ އެ ވާހަކަތައް އެކަނި ރައްޔިތުންނާ ހަމައަށް ދިޔައީ، އެހެންވީމާ ކޮންފިއުޝަނެއްގައި ދިޔައީ މިކަން، އަޅުގަނޑުމެންނަކަށް ނެތް ކިޔައިދެވިފަ،" ރައީސް ވިދާޅުވިއެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާއިން ދައްކާގޮތުގައި، ވޯޓުލީ 221،111 މީހުންގެ ތެރެއިން 148،859 މީހުން ވޯޓުދިނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ. އެއީ 68.7 އިންސައްތައެވެ. ފެންނަ ކަމަށް ވޯޓުދިނީ 67،680 މީހުންނެވެ.

comment ކޮމެންޓް