ވެރިކަންކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޢާޒު ޙަލީމް މިއަދު އިސްތިއުފާދެއްވައިފިއެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްކަމަށް މުޢާޒު އައްޔަންކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 13ވަނަ ދުވަހެވެ.
އިސްތިއުފާދެއްވިކަން ހާމަކުރައްވައި މުޢާޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، މަގާމުން އިސްތިއުފާދެއްވީ "ރައްޔިތުންގެ ވިންދާ އެއްގޮތަށް" ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލްކުރެވޭ ޕާޓީއަކަށް ހެދުމަށްޓަކައި ކަމަށެވެ.
"ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލްކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ..،" މުޢާޒުގެ ޕޯސްޓުގައިވެއެވެ.
އޭގެ އިތުރުން، އޭނާއަށް ވުރެ ޕާޓީއަށް ފުރިހަމަ ވަގުތު ދެވޭނެ ބޭފުޅަކު ހުރުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް، އޭނާ ލިޔުއްވައިފައިވެއެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުޢާޒު އިސްތިއުފާދެއްވިއިރު، ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަންގާރަ ދުވަހު މި ސަރުކާރުގެ ދިހަ ވަޒީރަކު ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. ހަމަ އެ ދުވަހު، ވުޒާރާތަކުގެ އަދަދު 20ން 15އަށް މަދުކޮށް، ހަތަރު އައު ވަޒީރަކުވެސް ވަނީ އައްޔަންކުރައްވައިފައެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ، މިމަހުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލު އިންތިޚާބާއި، ރައްޔިތުންގެ މެދުގައި ޚިޔާލު ހޯދުމަށް ނެގި އާންމު ވޯޓުންވެސް ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައި ވަނިކޮށެވެ.
އެހެންވެ، ކައުންސިލު އިންތިޚާބުގައި ހއ. މުރައިދޫގެ ކޮންގްރެސް ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކައުންސިލު އިންތިޚާބުން މި ފަހަރު ސަރުކާރަށް ލިބުނީ 'ބީ' ރިޕޯޓެއް ކަމަށެެވެ.
ޝިޔާމް ވިދާޅުވީ، ޕީއެންސީން 'ބީ' ރިޕޯޓު ގަބޫލުނުކުރާ ކަމަށެވެ. އެ ޕާޓީއަކީ 'އޭ' ރިޕޯޓު ހޯދަން ބޭނުންވާ ޕާޓީއެއް ކަމަށާއި ރައީސް ބޭނުންފުޅުވަނީ 'އޭ' ރިޕޯޓެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން އިންތިޚާބު ނިމުމާއެކު، އާންމުން ދެއްކި ވާހަކަ ރައީސް އަޑު އައްސަވައި، އެ ވަގުތުން ފެށިގެން ރައްޔިތުން ވިދާޅުވި ކަންކަން ފައްޓަވައިފި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި، ޑިމޮކްރަސީއެއްގައި ފެންނާނެ އެންމެ ރީތި މަންޒަރަކީ ރައީސުލްޖުމްހޫރިއްޔާ އާންމުންގެ ބަސް ގަބޫލުކުރުން ކަމަށް، އޭނާ ވަނީ ވިދާޅުވެފައެވެ.