ތެހެރާން (19 އެޕްރީލް 2026): ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށްފަހު އަލުން ބަންދުކުރިކަން އީރާނުން ދާދި ދެންމެއަކު އިއުލާންކޮށްފިއެވެ.
އީރާނު ސިފައިންގެ ލަޝްކަރުތަކުގެ ތެރޭގައި ހިމެނޭ "ޚާތަމުލް އަންބިޔާއު" ލަޝްކަރުން ބުނީ ހުރުމުޒު ކަނޑުއޮޅި އަލުން ބަންދުކުރީ، އެމެރިކާއިން އަރަބި ކަނޑާއި އޮމާން ކަނޑުގައިވާ އީރާނުގެ ބަނދަރުތައް ހިސާރު ކޮށްފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
ހުރުމުޒު ކަނޑުއޮޅި ހުޅުވުމާމެދު ދެން ވިސްނާނީ އެމެރިކާއިން އީރާނުގެ ބަނދަރުތަށް ހިސާރު ކޮށްފައި އޮތް އޮތުން ދޫކޮށްލުމުން ކަމަށްވެސް މި ބަޔާން ބުނެއެވެ.
އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވާ ގޮތުގައި އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރު ކޮށްފައި އޮތް އޮތުން ދޫކޮށްލާނީ އީރާނާއި އެމެރިކާ އާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތައް ކާމިޔާބުވުމުންނެވެ.
އީރާނުން ރޭގެ ވަގުތެއްގައި ހުރުމުޒު ކަނޑުއޮޅި ހުޅުވީ ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. މިދިޔަ ހަފުތާގައި ހަމަލާތައް މެދުކަނޑާލި ނަމަވެސް އިސްރާއީލުން ލުބްނާނަށް ދޭ ހަމަލާތައް ހުއްޓައިނުލާތީ އީރާން ގެންދިޔައީ ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް ދެކޮޅު ހަދަމުންނެވެ.

އީރާނުގެ ޚާތަމުލް އަންބިޔާއު ލަޝްކަރުގެ ތަރުޖަމާން
އެންމެ ފަހުން ޓްރަމްޕްގެ ޕްރެޝަރުތަކަށް ދީލާލުމަށްފަހު ޔަހޫދީ އިސްރާއީލުން ލުބްނާނަށް ހަމަލާދިނުން ހުއްޓާލީ އިއްޔެގެ ވަގުތެއްގައެވެ. ޔަހޫދީންގެ ހަމަލާތައް ހުއްޓާލިތާ ހައެއްކަ ގަޑީއިރު ތެރޭގައި އީރާންވެސް ވަނީ ހުރުމުޒު ކަނޑުއޮޅި ހުޅުވާފައެވެ.
ނަމަވެސް އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޓްރަމްޕް ވަނީ ދެކޮޅު ހަދާފައެވެ. މިއާއެކު އީރާން ވަނީ އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮތް އޮތުން ދޫކޮށްލަން ޓްރަމްޕް ދެކޮޅު ހަދާނަމަ ހުރުމުޒު ކަނޑުއޮޅި އަލުން ބަންދުކުރާނެކަމުގެ އިންޒާރު ދީފައެވެ.
އީރާނު ސިފައިންގެ ލަޝްކަރުތަކުގެ ތެރޭގައި ހިމެނޭ "ޚާތަމުލް އަންބިޔާއު" ލަޝްކަރުން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ހުރުމުޒު ކަނޑުއޮޅި އަލުން ބަންދުކުރިކަމާއި ދެން އެ ކަނޑުއޮޅި ހުރަސްކޮށް އެއްވެސް ބޯޓަކަށް ދަތުރު ނުކުރެވޭނެކަން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގަންނަން ޓްރަމްޕް ނިންމައިފިނަމަ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމާމެދު ވިސްނާނެކަމަށް އީރާނުގެ ބަޔާން ބުނެއެވެ.
ހުރުމުޒު ކަނޑުއޮޅި ހުޅުވުމާއެކު އެ ތަނުން 30 ވަރަކަށް ބޯޓު ހުރަސްކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕް ވަނީ ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމަށްޓަކައި އީރާނުން ބޮޑެތި ދޫތަކެއް ދީފައިވާކަމަށް ބުނެ ގިނަ ވާހަކަތަކެއް ވަރަށް ޖޯޝާއި ފޯރީގައި ދައްކާފައެވެ. މީގެތެރޭގައި އީރާނުގައިވާ 60 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ތިންވަނަ ގައުމަކަށް ގެންދިޔުމުގެ ފުރުސަތު ދިނުމަށާއި ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލުންވެސް ހިމެނޭކަމަށް ޓްރަމްޕް ބުނެފައިވެއެވެ.
ނަމަވެސް އީރާންވަނީ ޓްރަމްޕް އުޅެނީ ހުވަފެންތަކުގައާއި ޚިޔާލީ ދުނިޔެއެއްގައި ކަމަށް ބުނެ ޓްރަމްޕްގެ މިވާހަކަތައް ދޮގުކޮށްފައެވެ.