ސްކްރީންތަކުން ދަރީންގެ ތަރުބިޔަތަށް ބޮޑެތި ގޮންޖެހުންތަކެއް!

މާގިނައިން ސްކްރީން ބަލާނަމަ ކުދިންގެ މުޢާމަލާތްކުރުމާއި އިޖުތިމާޢީ ހުނަރުތައް ތަރައްޤީވުމަށް ހުރަސް އެޅޭކަމަށް މާހިރުން ވިދާޅުވޭ -- ފޮޓޯ / ޑްރީމްސްޓައިމް.ކޮމް

މިއަދުގެ ކުދިން ސްކްރީންތަކަށް ބަރޯސާވުމުގެ ސަބަބުން އިޖުތިމާޢީ ހުނަރުތަކާއި މުޢާމަލާތްކުރުމުގެ ޤާބިލުކަން ދަނީ ދަށްވަމުންނެވެ. ޢިލްމީ ދިރާސާތަކާއި އިސްލާމީ ތަޢުލީމުތަކުން ސާބިތުވާ ގޮތުގައި، ކުއްޖާގެ ސިކުނޑި ތަރައްޤީވެ، ރަނގަޅު އަޚްލާޤެއް ބިނާވަނީ މީހުންނާ ގުޅިގެން ޢަމަލީ ގޮތުން ކުރާ ތަޖުރިބާތަކުގެ މައްޗަށެވެ. އެހެންކަމުން، ސްކްރީންގެ ވަގުތު މަދުކޮށް، އިންސާނީ ގުޅުންތަކަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ.

  • ސްކްރީނަށް ބަރޯސާވުމުން ކުދިންގެ އިޖުތިމާޢީ ހުނަރުތައް ދަށްވުން.
  • ބަސް ދަސްކުރުމާއި އަމިއްލައަށް ކަންކަން ކުރުމުގެ ޤާބިލުކަން ކުޑަވުން.
  • އިސްލާމީ ނަޒަރަކުން ބަލާއިރު، ކައުނާމެދު ވިސްނައި ފިކުރުކުރުމުގެ ފުރުސަތު ގެއްލުން.
  • ހައްލަކީ ސްކްރީން ވަގުތު މަދުކޮށް ޢާއިލީ ގުޅުން ބަދަހިކުރުން.

އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢަށް ބަލާއިރު، ކުދީން ބޮޑެތިވަމުން ދިޔަނަމަވެސް، އެ ކުދީންގެ އުމުރާ އެކަށީގެންވާ މުޢާމަލާތް ކުރުމާއި އިޖުތިމާޢީ ހުނަރުތައް ތަރައްޤީ ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ.

އަމީނިއްޔާ ސްކޫލުގެ ސެން ޔުނިޓުގެ ލީޑިންގ ޓީޗަރު ޝަތުރަތު ޝާކިރު، އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ގޮތުގައި، މިއަދުގެ ގިނަ ކުދިންނަކީ "މީހުންނާ ގުޅިގެން އުޅުމުގައި ލަސް، އުމުރާ އެކަށީގެންވާ ގޮތަށް ވާހަކަދައްކަން ނޭނގޭ، އަދި އިޖުތިމާޢީ އަސާސީ ހުނަރުތައް މަދު" ކުދިންނެވެ. މިއީ ހަމައެކަނި ވަކި ފަރުދަކަށް ދިމާވާ މައްސަލައެއް ނޫނެވެ. މިއީ ސްކްރީންތަކަށް ބަރޯސާވުމުގެ ސަބަބުން މުޅި މުޖުތަމަޢަށް ކުރިމަތިވެފައިވާ ހަގީގަތެކެވެ.

ސްކްރީނަށް ބަރޯސާވުމާއި އޭގެ ޢިލްމީ ހަގީގަތް

ޝަތުރަތު ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، އަބަދު ސްކްރީން ބެލުމަކީ އާދައިގެ ކަމަކަށް ވެފައި އޮތުމެވެ. ގިނަ ގޭގޭގައި މުޅި ދުވަހު ޓީވީ އަޅުވާފައި ހުންނައިރު، ފޯނާއި ޓެބްލެޓަކީ ކުދިން "ރަމަތަކުރަން" ގެންގުޅޭ މުހިންމު ވަސީލަތްތަކަކަށް ވަނީ ވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ބައެއް ކުދިން ކާން އެއްބަސްވަނީވެސް ކާޓޫން ދައްކައިގެންނެވެ.

މިފަދަ ކަންބޮޑުވުންތަކާ ބެހޭގޮތުން އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސް (އޭ.އޭ.ޕީ 2016) ގެ ހޯދުންތަކުން އެނގޭ ގޮތުގައި، ކުދިންނަށް އެންމެ ރަނގަޅަށް ކަންކަން ދަސްވަނީ ސްކްރީންތަކުގެ ބަދަލުގައި، ސީދާ އިންސާނުންނާ މުޢާމަލާތްކޮށްގެންނެވެ. ބެލެނިވެރިންގެ ބައިވެރިވުމެއް ނެތި މާ ގިނައިން ސްކްރީން ބެލުމަކީ ބަސް ދަސްކުރުން ލަސްވެ، އިޖުތިމާޢީ ހުނަރުތަކަށް ހުރަސްއެޅޭ ކަމެކެވެ. މިއީ ޝަތުރަތު ފާހަގަކުރެއްވި ފަދައިން، މިއަދުގެ ކުދިން މީހުންނާ ގުޅިގެން އުޅުމަށާއި އަމިއްލައަށް ކަންކަން ކުރަން ދަތިވާ މައިގަނޑު ސަބަބެކެވެ.

އިޖުތިމާޢީ ގުޅުމާއި ސިކުނޑީގެ ތަރައްޤީ

ނަފްސާނީ ޢިލްމުވެރިޔާ ލެވް ވައިގޮޓްސްކީ (1978) ބަޔާންކުރާ ގޮތުގައި، ސިކުނޑި ތަރައްގީވުމަށް އިޖުތިމާޢީ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެކަން ނެތް ނަމަ، ކުދިންނަށް މުޢާމަލާތްކުރުމާއި އަނެކުންގެ އިހުސާސްތައް ދެނެގަންނަން ދަތިވެއެވެ.

ޝަތުރަތު ވެސް މިކަން ބަޔާންކުރައްވަމުން ވިދާޅުވީ، ބައެއް ކުދިންނަށް އެކުދިން ބޭނުންވާ ކަންކަން ބުނެދޭން ނޭނގުމާއި، އިހުސާސްތައް ހިއްސާކުރަން ނޭނގުމާއި، އަދި އަނެކުން ދައްކާ ވާހަކަ ކަނުލާ އަޑުއަހަން އުނދަގޫވަނީ މި ސަބަބާ ހުރެއެވެ. މިއީ ސްކްރީނަކީ ހަމައެކަނި "އެއްކޮޅުން މަޢުލޫމާތު ދޭ އެއްޗަކަށް ވެފައި"، ބަސް ދަސްވުމަށް ބޭނުންވާ ދެފަރާތުގެ ދެމެދުގައި ހިނގާ މުޢާމަލާތްތައް ގެއްލިގެންދާތީ ދިމާވާ ކަމެއްކަން ކްރިސްޓާކިސް (2009) ގެ ދިރާސާއިން ވެސް އެނގެއެވެ.

އަމިއްލަ ފަސޭހައަކަށް ޓަކައި ކުއްޖާ އަތަށް ފޯނު ދިނުމުގެ މި ނޭދެވޭ އާދަ އަށަގަންނުވަނީ ބޮޑެތި މީހުން ކަމަށް ޝަތުރަތު ވިދާޅުވިއެވެ. ގޭގައިވިޔަސް، ރެސްޓޯރެންޓެއްގައި ނުވަތަ ހަފުލާއެއްގައި ވިޔަސް، އަމިއްލަ ފަސޭހައަކަށް ޓަކައި ކުއްޖާ އަތަށް ފޯނު ދެނީ ބެލެނިވެރިންނެވެ. ޢާއިލާގެ އެންމެން އެކުގައި ބޭރަށް ގޮސް އުޅޭއިރު ވެސް، ކުއްޖާގެ އެންމެ ގާތް އެކުވެރިއަކަށް ވަނީ އިންސާނަކަށް ވުރެ ބޮޑަށް ސްކްރީނެވެ. މީގެ ސަބަބުން ކުދިންގެ ކިބައިގައި ހުންނަންޖެހޭ ކެތްތެރިކަމާއި، އިޖުތިމާޢީ ހޭލުންތެރިކަމާއި، އަދި އަނެކުންނަށް އިހުތިރާމްކުރުން ފަދަ ސިފަތައް އުނިވެގެންދެއެވެ.

އިސްލާމީ ނަޒަރަކުން ބަލާއިރު މިއީ އަޚްލާގީ އަދި ރޫޙާނީ ގޮތުން ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. އިސްލާމްދީން ބާރުއަޅަނީ ކައުނުގެ ހެކިތަކަށް ބަލައި، ވިސްނާ ފިކުރުކުރުމަށެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ:

﴿إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ﴾‏ (އާލް އިމްރާން: 190). "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއް ވެއެވެ".

ކުދިން އަބަދު ސްކްރީނުގެ ޚިޔާލީ ދުނިޔެއަށް ގެއްލިފައި ތިބުމުން، މާތްﷲ ހައްދަވާފައިވާ މި ބޮޑު ކައުނާ މެދު ފިކުރުކޮށް، ތިމާގެ ވަށައިގެންވާ މާހައުލުން ހިތްހަމަޖެހުމާއި ޢިބުރަތް ހޯދުމުގެ ފުރުސަތު އެކުދިންނަށް ބަންދުވެއެވެ. ނަތީޖާއަކީ، ވިސްނުންތެރި "ބުއްދީގެ އަހުލުވެރިޔަކަށް" ވުމުގެ ބަދަލުގައި، އަމިއްލަ ފިކުރެއް ނެތި، ހަމައެކަނި ސްކްރީނުން ފެންނަ ކުލަވަރުތަކަށް ހެއްލޭ ބަޔަކަށް ކުދިން ވެގެންދިއުމެވެ.

ހަމައެއާއެކު، ރަސޫލާ ﷺ ވަނީ ރީތި އަޚްލާގާއި އިޖުތިމާޢީ ސިފަތަކުގެ މުހިންމުކަން ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ: ((إِنَّ مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلَاقًا)) (ޞަޙީޙުލްބުޚާރީ، 3759). "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، އަޚްލާގު އެންމެ ރަނގަޅު މީހާއެވެ."

މި ބަސްފުޅުގައި ރަސޫލާ ﷺ އެ އިޝާރާތްކުރައްވާ ރީތި އަޚްލާގަކީ، ކުރިން ވެސް ބަޔާންކުރި ކެތްތެރިކަމާއި، އަނެކުންނަށް އިހުތިރާމްކުރުން ފަދަ އިޖުތިމާޢީ އަދަބުތަކެވެ. މިފަދަ މަތިވެރި ސިފަތައް ކުއްޖެއްގެ ކިބައިގައި އަށަގަންނާނީ، ސްކްރީނަކަށް ބަލަން އިނުމުގެ ބަދަލުގައި، ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި ޢަމަލީ ގޮތުން މީހުންނާ ގުޅިގެން އުޅުމުންނެވެ.

އަމިއްލަ ނަފްސުގެ އިތުބާރާއި ޒިންމާ

ކުދިން އަމިއްލައަށް ކަންކަން ކުރުމުގެ ޤާބިލުކަން ކުޑަވަމުންދާ ކަން ވެސް ޝަތުރަތު ފާހަގަކުރެއްވިއެވެ. ފެން ބުއިމާއި ފާޚާނާއަށް ދިއުން ފަދަ އަސާސީ ކަންކަމުގައި ވެސް ބައެއް ކުދިންނަށް އަބަދު ހަނދާންކޮށްދޭން ޖެހެއެވެ. މިއީ އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމާއި ޒިންމާ ނެގުމުގެ ހުނަރު ދަށްވަމުންދާ ކަމުގެ ނިޝާނެކެވެ. މަޑިގަން އާއި އޭނާގެ ބައިވެރީންގެ ދިރާސާ (2019) އިން ދައްކާ ގޮތުގައި، ގިނަ ވަގުތު ސްކްރީން ބެލުމަކީ އަމިއްލައަށް ވިސްނައިގެން މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ކުޑަކޮށްލާ ކަމެކެވެ. މީގެ ބަދަލުގައި، ޢަމަލީ ގޮތުން ކުޅުމާއި ކަންކަން ހޯދާ ބެލުމަކީ ކުއްޖާގެ އަމިއްލަ އިސްނެގުމާއި އިތުބާރު ބޮޑުކޮށްދޭ ކަމެކެވެ.

ޝަތުރަތު ޝާކިރު ފާހަގަކުރެއްވި ތަރުބަވީ ގޮންޖެހުންތަކަށް ވަގުތުން ހައްލެއް ނުހޯދިއްޖެނަމަ، މުޢާމަލާތްކުރަން ނޭނގޭ، އިޖުތިމާޢީ ހޭލުންތެރިކަން ކުޑަ، އަދި އަމިއްލައަށް ފިކުރުކުރަން ނުދަންނަ ޖީލެއް އުފެދިދާނެއެވެ. މިކަން ހައްލުކުރުމަށް ބެލެނިވެރިން އިސްނަގައި، ހޭލުންތެރި މަސައްކަތްތަކެއް ކުރަންޖެހެއެވެ. ސްކްރީން ބަލާ ވަގުތު ކަނޑައަޅައި، ދަރިންނާއެކު ސީދާ މުޢާމަލާތްކުރުމަށް އިސްކަންދޭންޖެހެއެވެ. ކާގަޑީގައި ވާހަކަދެއްކުމާއި، އެކުގައި ކުޅުމާއި، އަދި ކުދިންގެ ޚިޔާލުތައް އަޑުއެހުން ފަދަ އާދަތަކަކީ ކުއްޖާގެ ހެދިބޮޑުވުމަށް ކުރެވޭ އެންމެ އަގުބޮޑު އިންވެސްޓްމަންޓެވެ.

ޒަމާނީ ދިރާސާތަކާއި އިސްލާމީ ތަޢުލީމުތަކުން ވެސް ދައްކައިދެނީ އެއް ހަގީގަތެކެވެ؛ ކުދިން ހެދިބޮޑުވާންޖެހެނީ ޢަމަލީ އެއްވެސް ބައިވެރިވުމެއް ނެތި، ހަމައެކަނި ސްކްރީން ބަލަން ތިބޭ ބައެއްގެ ގޮތުގައެއްނޫނެވެ. އެކުދިންގެ ބަސްކޮށާރާއި، އިހުސާސްތައް ދެނެގަތުމުގެ ޤާބިލުކަމާއި، އަދި އަޚްލާޤީ ސިފަތައް ބިނާވަނީ އިންސާނުންނާއި ތިމާވެއްޓާ ގުޅިގެން ޢަމަލީ ގޮތުން ކުރާ ތަޖުރިބާތަކުގެ މައްޗަށެވެ. ސްކްރީންތަކަކީ މި މުހިންމު ތަޖުރިބާތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ވަސީލަތެއް ނޫނެވެ.

އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލު ބިނާވެފައި އޮތީ މިއަދު އެކުދިންނަށް އަޅުގަނޑުމެން ދޭ ވަގުތާއި ސަމާލުކަމާއި އަދި ދޭ އިރުޝާދުގެ މައްޗަށެވެ. ކުއްޖާގެ ތަރުބިއްޔަތު ބައްޓަންކުރަނީ ޑިޖިޓަލް ވަސީލަތްތަކަކުން ނޫނެވެ؛ އެކަން ކުރެވޭނީ ޢާއިލީ ގުޅުންތަކުންނެވެ. ވީމާ، އަމިއްލަ ނަފްސަށް އިތުބާރުކުރާ ވިސްނުންތެރި ޖީލެއް ބިނާކުރުމަށްޓަކައި، ސްކްރީންތަކަށް ދީފައިވާ ޖާގަ ހަނިކޮށް އިންސާނީ ގުޅުންތަކަށް ފުރުސަތު ދޭން އެބަޖެހެއެވެ.

ރެފަރެންސް:
ކީރިތި ޤުރުއާން، އާލުޢިމްރާނު، 190.
ޞަޙީޙުލްބުޚާރީ، ޙަދީޘް ނަންބަރު: 3759.
American Academy of Pediatrics (AAP). 2016. Media and Young Minds. Pediatrics 138 (5).
Christakis, Dimitri A. 2009. “The Effects of Infant Media Usage.” Acta Paediatrica 98 (1): 8–16.
Madigan, Sheri, et al. 2019. “Association Between Screen Time and Development.” JAMA Pediatrics 173 (3): 244–250.
Vygotsky, Lev S. 1978. Mind in Society: The Development of Higher Psychological Processes. Cambridge, MA: Harvard University Press.

ގުޅޭ ޓެގު
comment ކޮމެންޓް