ޓްރަމްޕް އުޅެނީ ޚިޔާލީ ދުނިޔެއެއްގައި، ހަދަނީ ދޮގު: އީރާން

އިބްރާހީމް ރިޟާއީ: ޓްރަމްޕް އުޅެނީ ޚިޔާލީ ދުނިޔެއެއްގައި، ހަދަނީ ދޮގު ކަމަށް ވިދާޅުވި -- ފޮޓޯ/ ވަނާ ނިއުސް އޭޖެންސީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ނިއުކްލިޔާ ހައްގުތައް ދޫކޮށްލަން އެއްބަސްވެފައިވާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ޚިޔާލީ ދުނިޔެއެއްގައި ހުރެ ދައްކާ ވާހަކަތަކެއްކަމަށް އީރާނުން ވަނީ ބުނެފައެވެ. އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ބުނެފައިވަނީ 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް ގައުމުން ބޭރަށް ގެންދިޔުމަށާއި ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލުމަށް އެއްބަސްވެފައި ނުވާނެކަމަށެވެ. އަދި ޓްރަމްޕަކީ ގިނަގިނައިން ވާހަކަ ބަދަލުކުރައްވާ ބޭފުޅެއްކަމަށް އީރާނުގެ މީޑިއާއިން ވަނީ ފާހަގަކޮށްފައެވެ.

  • އީރާނުގެ ނިއުކްލިޔާ ހައްގުތައް ދޫކޮށްލަން އެއްބަސްވެފައިވާކަމަށް ޓްރަމްޕް ދެއްކެވި ވާހަކަތައް އީރާނުން ދޮގުކުރުން.
  • 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް ބޭރުކުރަން އެއްބަސްވެފައިނުވާކަން ހާމަކުރުން.
  • ބައިނަލްއަގްވާމީ ގާނޫނުތަކުން ލިބިދޭ ހައްގުތައް އީރާނުން ދޫނުކުރާނެކަން ކަށަވަރުކޮށްދިނުން.
  • ޓްރަމްޕަކީ ކުރިންވެސް ނިއުކްލިޔާ މައްސަލަތަކާއި ޔުކްރެއިން ހަނގުރާމައިގައި ދޮގު މައުލޫމާތު ދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރުން.

ތެހެރާން (19 އެޕްރީލް 2026): އީރާނުގެ ނިއުކްލިޔާ ހައްގުތައް ދޫކޮށްލާ ގޮތަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން އީރާން އޮތީ ތައްޔާރަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކާ ވާހަކައަކީ އޭނާގެ ޚިޔާލީ ދުނިޔެއެއްގައި ހުރެގެން ދައްކާ ވާހަކަތަކެއްކަމަށް އީރާނުން ސިފަކޮށްފިއެވެ.

އީރާންގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު އިބްރާހީމް ރިޟާއީ ވިދާޅުވީ އީރާނުގައި ހުރި 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް ގައުމުން ބޭރަށް ގެންދިޔުމަށްވެސް އަދި ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލުމަށްވެސް އީރާން އެއްބަސްވެފައި ނުވާނެކަމުގައެވެ.

"ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކުގައި އީރާނަށް ލިބިދޭ ހައްގުތަކުން މަހްރޫމުވާގޮތަށް އެއްވެސް ކަމަކަށް އީރާން އެއްބަސްނުވާނެ،" އީރާނުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައ ރިޟާއީ ވިދާޅުވިއެވެ.

އީރާނުގެ މީޑީއާއިން ސިފަކުރި ގޮތުގައި އެ ގައުމުގެ ނިއުކްލިޔާ ހައްގުތައް ދޫކޮށްލާގޮތަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން އީރާން އޮތީ ތައްޔާރަށް ކަމަށް ބުނެ ޓްރަމްޕް ބަޔާންތައް ދެނީ ޚިޔާލީ ދުނިޔެއެއްގައި ހުރެގެންނެވެ.

ޓްރަމްްޕް

ޓްރަމްޕް މިގޮތަށް ކިތަންމެ ވާހަކަތަކެއް ދައްކާ ކަމަށާއި ދައްކާ ވާހަކަތައް އިރުކޮޅަކުން ބަދަލުކުރާ ކަމަށްވެސް އީރާނުގެ މީޑިއާ ބުނެފައިވެއެެވެ.

ޓްރަމްޕް ވަނީ އީރާނުގައިހުރި 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް ގައުމުން ބޭރަށް ގެންދިޔުމަށާއި ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލަންވެސް އީރާން އެއްބަސްވެފައިވާކަމަށް ބުނެ ވަރަށް ފޯރިއާއެކު ވާހަކަ ދައްކާފައެވެ.

މިއާއެކު އީރާންއާއެކު އެއްބަސްވުމަކަށް އައުމަށް އޮތް ހުރަސްތައް މިހާރު ނައްތާލެވިއްޖެކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕަކީ ދެ ފަހަރު ދެގޮތަށް ވާހަކަ ދެއްކުމަށް ދުނިޔޭގައިވެސް މަޝްހޫރު މީހެކެވެ. ޓްރަމްޕް ތަކުރާރުކޮށް ފާޅުގައި ދޮގު ހަދާކަންވެސް ޚަބަރުތަކާއި ރިޕޯޓްތަކުން އެތަށްފަހަރަކު ހާމަވެފައިވެއެވެ.

އެޓަމިކް ބޮމެއް އުފެއްދޭމިންވަރަށް އީރާނުގައި ޔުރޭނިޔަމް ފައްކާކޮށްފައިވެއެވެ. އެމެރިކާ އާއި އިސްރާއީލު ބޮންއަޅައިގެން އެ ޔޫރޭނިޔަމް ނައްތާލެވިއްޖެކަމަށާ އަދި ޔޫރޭނިޔަމް ފައްކާކުރާ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައްވެސް ހަލާކުކޮށްލެވިއްޖެކަން ކުރިން އެތަށް ފަހަރަކު ޓްރަމްޕް ބުނެފައިވެއެވެ.

ނަމަވެސް ފަހުން ޓްރަމްޕް ވަނީ އީރާނުގައި ފައްކާކުރި ޔޫރޭނިޔަމް އާއި ޔޫރޭނިޔަމް ފައްކާކުރާ ސެންޓްރިފިއުޖް މެޝިންތައްވެސް ހުރިކަމަށް ބުނެ ކުރިން ދެއްކިވާހަކަތަކާ މުޅިން ޚިލާފަށް ވާހަކަ ދައްކާފައެވެ.

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔައިރުވެސް ސުލްހައިގެ އެއްބަސްވުމުގެ ހުރިހާ ޕޮއިންޓްތަކަކަށް ޔުކްރެއިން އެއްބަސްވެފައިވާކަމަށް ބުނެ ޓްރަމްޕް ރަސްމީކޮށް އެކަން އިއުލާން ކުރިއެވެ. ނަމަވެސް ފަހުން ޔުކްރެއިންވަނީ އެކަން ދޮގުކޮށްފައެވެ.

އެއަށްފަހު ނުވަ މަސްވީއިރުވެސް ޔުކްރެއިންގެ ސުލްހައިގެ އެއްބަސްވުމަށް ޔުކްރެއިންވެސް އަދި ރަޝިއާވެސް އެއްބަސްވެފައެއް ނުވެއެވެ.

އީރާންގައިވާ ފައްކާކުރި ޔޫރޭނިޔަމް އާއި އީރާނުން ޔޫރޭނިޔަމް ފައްކާކުރާ މައްސަލައަކީ އެމެރިކާއާއި އީރާން އާދެމެދު ބޭއްވުމަށް މަސައްކަތްކުރާ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރުގައިވެސް ހިމެނޭ އެންމެ ހައްސާސް މައްސަލައެވެ.

މިކަމުގައި އީރާން ދޫދިނަސް ދޫދޭނެކަމަށް ބެލެވެނީ އޭގެ ބަދަލުގައި ވަރަށް ބޮޑު ފައިދާއެއް ލިބޭގޮތަށް އަދި ވަރަށް ނާދިރު ހާލަތެއްގައި އަދި ވަކިމިންވަރަަކަށެވެ.

ޔޫރޭނިޔަމް ފައްކާކުރުން ކުރު މުއްދަތަކަށް ހުއްޓާލަން މިފަދަ ނާދިރު ހާލަތެއްގައި އީރާން ބޮޑު ފައިދާއެއް ލިބޭނަމަ އެކަމަށް އީރާން އެއްބަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް އެއްވެސް ހާލަތެއްގައި ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގުތައް އެއްކޮށް ދޫކޮށްލަން އީރާން އެއްބަސްނުވާނެކަން އެގައުމުގެ މަސްއޫލުވެރިން ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އީރާން ވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދިފާއު ކުރުމަށްޓަކައި އަދި ހަނގުރާމަ ކުރަން ޖެހުނަސް އެކަން ކުރާނެކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު