މަގާމުތަކުގައި ތިބޭ މީހުންނަށް ނަތީޖާ ނުނެރެވޭނަމަ ޖެހޭނީ ވަކިވާން، އެއީ ޝަކުވާކުރަން ޖެހޭ ކަމެއް ނޫން: މުންދު

މިނިސްޓަރެއްގެ ފެންވަރުގައި މި ސަރުކާރުގެ އިސް ތަރުޖަމާނުކަމަށް އައްޔަނުކުރެއްވި މުންދު: ވިދާޅުވީ މަގާމުތަކުގައި ތިބޭ މީހުންނަށް ނަތީޖާ ނުނެރެވޭނަމަ ޖެހޭނީ ވަކިވާން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ރައްޔިތުންނަށް ނަތީޖާ ނެރެދޭންޖެހޭ ބައެއްކަމަށާއި، އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނަމަ މަގާމުން ވަކިކުރާނެކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ސިޔާސީ މުވައްޒަފުން ވަކިކުރަމުންދަނީ ހަމައެކަނި ޚަރަދު ކުޑަކުރުމުގެ ގޮތުން ނޫން ކަމަށާއި، އެއީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އަޅާ ފިޔަވަޅެއް ކަމަށެވެ. މި ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ތަންފީޒުކޮށް، ސަރުކާރު ހިންގުން ހަރުދަނާކުރުމަށް ގެންނަވާ ބަދަލުތަކެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

  • ސިޔާސީ މަގާމުތަކުގައި ތިބެ ނަތީޖާ ނުނެރެވޭނަމަ މަގާމުން ވަކިކުރާނެއެވެ.
  • މުވައްޒަފުން ވަކިކުރަނީ ހަމައެކަނި ޚަރަދު ކުޑަކުރުމަކަށް ނޫނެވެ، އެއީ ފެންވަރު ބެލުމަށްފަހު ކުރާ ކަމެކެވެ.
  • ސިޔާސީ މަގާމަކީ ޕާޓީއަށް ވަފާތެރިވުމުން ދޭ ހަދިޔާއެއް ނޫނެވެ، އެއީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ދެވޭ އަމާނާތެކެވެ.
  • ވަޒީރުން އިސްތިއުފާދެއްވީ ސަރުކާރު ހިންގުން ހަރުދަނާކުރުމަށް ރައީސަށް ފުރުޞަތު ދެއްވުމަށެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ނަތީޖާ ނެރެންޖެހޭނެ ބައެއް ކަމަށާއި، އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނަމަ މަގާމުން ވަކިވާންޖެހުމަކީ ޝަކުވާކުރަން ޖެހޭ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު އެފަދައިން ވިދާޅުވިއިރު މިމަހުގެ ހަތަރެއްގައި ބޭއްވި އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު، ސަރުކާރުގެ ވަރަށް ގިނަ މަގާމުތަކުން ބޭބޭފުޅުން ވަނީ ވަކިކޮށްފައެވެ. އޭރު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ކަމުގެ މަގާމުން މިމަހުގެ ހަވަނަ ދުވަހު މުންދު ވެސް ވަނީ ވަކިކުރައްވާފައެވެ. އެއަށްފަހު، މިދިޔަ ބުދަ ދުވަހު މިނިސްޓަރެއްގެ ފެންވަރުގައި މި ސަރުކާރުގެ އިސް ތަރުޖަމާނުކަމަށް އޭނާ ވަނީ އައްޔަނުކުރައްވައިފައެވެ. އެފަހުން ސަރުކާރުގެ ކެބިނެޓުގެ 10 ވަޒީރުން ވަނީ އިސްތިއުފާ ވެސް ދެއްވައިފައެވެ.

https://sun.mv/220677

އެއަށްފަހު މިރޭ ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ސަރުކާރުން މިހާރު ގެންނަވަމުންދާ ބަދަލުތަކާއި ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވައި މުންދު ވިދާޅުވީ، ސަރުކާރުން ސިޔާސީ މުވައްޒަފުން ވަކިކުރަނީ ހަމައެކަނި ވަކި އަދަދެއް ހަމަކުރުމަށް ނުވަތަ އަޅާ މާލީ އިސްލާހީ ފިޔަވަޅެއްގެ ގޮތުން އެކަނި ނޫން ކަމަށެވެ.

އޭގެ ބަދަލުގައި މިހާރު ކުރިއަށްދަނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަރުހަލާއެއް ކަމަށާއި، ދައުލަތުގެ ބަޖެޓުން މުސާރަ ދޭ ކޮންމެ މުވައްޒަފަކީ ވެސް އެމީހަކާ ހަވާލުކުރެވިފައިވާ ޒިންމާ އެންމެ އެކަށީގެންވާ ގޮތެއްގައި އަދާކުރާ މީހެއްތޯ ކަށަވަރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ މުވައްޒަފުން ވަޒީފާއިން ކަނޑާލުމުގެ ނިޔަތުގައި ކުރާކަމެއް ތޯ މިއީ..؟ މުވައްޒަފުން މަދުކުރުމަކީ..؟ ކުރު ޖަވާބަކީ ނޫނެކޭ. 500 މުވައްޒަފުން ނޫނީ ވަކި އަދަދެއްގެ މުވައްޒަފުން ހަމަކުރަން ނޫނީ އަދި ވަކި ބަޔަކު މަދުކުރާކަށް ކޮންމެހެން ފައިނޭންޝަލް ވިސްނުމަކުން ވެސް ކުރާ ކަމެއް ނޫނޭ މީކީ، މުޙައްމަދު ޝަރީފް (މުންދު)

މުންދު ވިދާޅުވީ ސިޔާސީ މަގާމުތަކަކީ ވަކި ފިކުރަކަށް ނުވަތަ ޕާޓީއަކަށް ވަފާތެރިވީތީ ލިބޭ 'ހަދިޔާއެއް' ނޫން ކަމަށެވެ. އަދި އެއީ ދައުލަތާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހަވާލުކުރެވޭ މަތިވެރި އަމާނާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ތަންފީޒުކުރުމުގައި އެންމެ އިސް ސަފުގައި ތިބެންޖެހޭ ބައެއް ކަމަށެވެ.

އެހެންކަމުން، ސިޔާސީ މަގާމުތަކުގައި ތިބެ އެދެވޭ ނަތީޖާ ނުނެރެވޭނަމަ ޖެހޭނީ މަގާމުން ވަކިވާން ކަމަށާއި އެކަމާއި ޝަކުވާއެއް ކުރެވޭނޭ އެއްވެސް ޖާގައެއް ނޯންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ދައުލަތާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހަވާލުކުރެވޭ މަތިވެރި އަމާނާތެއް. އެއީ ކޮންމެހެން ފަސް އަހަރަށް ދޭ ހަދިޔާއެއް ނޫން ސިޔާސީ މަގާމުތަކަކީ. ސިޔާސީ މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ތަންފީޒުކުރުމުގައި އެންމެ އިސް ސަފުގައި ތިބެންޖެހޭ ބައެއް، މުޙައްމަދު ޝަރީފް (މުންދު)

މުންދު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް އެ މަގާމުތަކުން ވަކިކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދެވޭނެ ޓީމެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ.

ވަޒީރުންގެ މަޖިލީހަށް އަންނަ ބަދަލުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މުންދު ވިދާޅުވީ، ސަރުކާރަށް އިދާރީ އިތުބާރެއް ނެތްކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަތަކެއް ކަމަށާއި ވަޒީރުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އިސްލާހީ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.

ރައްޔިތުންގެ ފުރިހަމަ އިތުބާރު ސަރުކާރަށް އޮތްކަން އިންތިޚާބުގެ ނަތީޖާއިން ވަރަށް ސާފުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސަރުކާރުން ސިޔާސީ ބަދަލުހިފުމުގެ ރޫޙު ނައްތާލާފައިވާކަން ފާހަގަކުރައްވައި، މުންދު ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުން އަބަދު ވެސް އިސްކަންދޭނީ ރައްޔިތުންގެ އަޑުއަހައިގެން ކަންކަން ކުރުމަށް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރުގެ ކަންކަމާއި ނުބެހި މިވަގުތު އަމިއްލަ ޕާޓީތަކުގެ އެތެރޭގެ ކަންކަން ހަރުދަނާކޮށް، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 14 ވަނަ ދުވަހު އަލުން ކެބިނެޓު ހުވާކުރެއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވާފައިވާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. އެއްފަހަރާ ގިނަ ވަޒީރުންތަކެއް އިސްތިއުފާދެއްވިއިރު، އެކަން އެގޮތަށް އެ ކުރެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން, ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން 10 ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ވުޒާރާތަކުގެ މަސައްކަތްތަކަށް ބޮޑު ބަދަލެއް ގެނެސް އާ ކެބިނެޓު ހަމަ އެދުވަހުގެ ރޭ ވަނީ ހުވާކުރައްވައިފައެވެ.

https://sun.mv/220630

ވަޒީރުންތަކެއް މަގާމުން ވަކިކޮށްފައި ވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މުހިންމު ވޯޓުތަކަކުން ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީގެ އިންތިޚާބުން މުހިންމު ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.

މީގެ އިތުރުން މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ވެސް، ގިނަ ބަޔަކު ވޯޓު ދިނީ ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށް، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށެވެ.

އެ އިންތިޚާބުތަކުގެ ފަހުން ދައުލަތުގެ ކުންފުނިތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މުންދު ޔޫއޭއީގެ ސަފީރުކަމުން ވަކިކުރީ، ދާދި ފަހުން ސޯޝަލް މީޑިއާގައި, މުންދުގެ މަންމާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަސްމާ ރަޝީދުގެ އޯޑިއޯއެއް މީސްމީޑިއާގައި ދައުރުވި މައްސަލައާ ގުޅިގެންނެވެ.

https://sun.mv/220225

އެ އޯޑިއޯގައި އަސްމާ ވަނީ، ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ހަމަ މި މައްސަލައިގައި އަސްމާގެ ކޮއްކޯފުޅު އަދި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރިއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން ސަލްމާ ފޮރިން މިނިސްޓްރީގެ މަސައްކަތަށް މާލެ ގެންނަން ސަރުކާރުން ނިންމައި، ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު ވަނީ ކެންސަލްކޮށްފައެވެ.

comment ކޮމެންޓް