މެދުއިރުމަތީގައި އީރާނާއި އިސްރާއިލާއި އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ކޮމިޓީގެ މުގައްރިރަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހަމަޖައްސަވައި، ބަދަލުތަކެއް ގެނެސްފިއެވެ.
މިދިޔަ ފެބްރުވަރީ މަހުގެ ފަހު ދުވަހު އުފެއްދެވި މި ކޮމިޓީގެ އޭރުގެ މުގައްރިރަކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލެވެ.
އަދި މި ކޮމިޓީގައި ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމާއި، ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާންވެސް އިންނެވިއެވެ.
ނަމަވެސް ޚަލީލާއި ޣައްސާނާއި ޠާރިޤާއި ހައިދަރު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެން އެ ބޭފުޅުން ދެން މި ކޮމިޓީގައި ނުހިމެނެއެވެ. އަދި އިޙްސާނާއި ޝަހީމްވެސް މި ކޮމިޓީން ވަނީ އުނިކޮށްފައެވެ.
ޒަމީރުގެ އިތުރުން މިހާރު މި ކޮމިޓީގައި ތިއްބަވަނީ:
- ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
- އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު
- ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް
- ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން
ފާހަގަކުރެވޭ ގޮތުގައި ޚަލީލާއި ޣައްސާނާއި ޠާރިޤާއި ހައިދަރު ހިމެނިވަޑައިގަންނަވާހެން އަންގާރަ ދުވަހު 10 ވަޒީރަކު އިސްތިއުފާދެއްވިއެވެ. މި ހަތަރު ބޭފުޅުންގެ އިތުރުން، ވަޒީރުކަމުން ދެން އިސްތިއުފާދެއްވީ:
- ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް
- ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް
- ދިވެހިބަހުގެ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް
- ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދު
- ސިޓީސް، ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު
ރައީސް އޮފީހުން ބުނިގޮތުގައި، މި 10 ބޭފުޅުން އިސްތިއުފާދެއްވީ، "ރައްޔިތުންގެ ވިންދާ އެއްގޮތަށް" ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
އެ ބޭފުޅުން އިސްތިއުފާދެއްވުމާ ގުޅިގެން، މި ސަރުކާރުގެ ވުޒާރާތަކުގެ އަދަދު 20އިން 15އަށް މަދުކޮށް، އައު ބޭފުޅުން ވަނީ ވަޒީރުކަމަށް އައްޔަންކޮށްފައެވެ.
އޭގެ ތެރޭގައި އިރުތިޝާމްގެ އިތުރުން ދެން ހިމެނެނީ ސަގާފަތުގެ ވަޒީރު އަދި އެންސްޕާގެ ކުރީގެ ސީއީއޯ ޙީނާ ވަލީދާއި، އެންވަޔަރަމަންޓް މިނިސްޓަރު އަދި މި ސަރުކާރުގެ ކުރީގެ ކްލައިމެޓް ޗޭންޖް އެންވޯއީ ޢަލީ ޝަރީފާއި، ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދުގެ އިތުރުން، ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.