ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ރާއްޖޭގެ ސަރަހައްދުތަކާ ގުޅޭ ޚިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ޓަކައި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް"ގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިދާރާއެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި އިދާރާ އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހާ ކަންކަމާއި މައްސަލަތައް ބެލުމަށް މަސައްކަތްކުރުން ކަމަށެވެ.
މި އިދާރާއިން ކުރާނެ މަސައްކަތްތައް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އެއީ:
- ރާއްޖޭގެ ސަރަހައްދާ ގުޅޭގޮތުން އުފެދޭ ޚިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުން
- ރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައެޅުން
- ބައުންޑަރީ މެޕުތަކާއި އެއާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުން
މި އިދާރާގެ މަސައްކަތް ފެށުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއި މުވައްޒަފުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހެއް ގާއިމްކުރައްވާނެކަން ރައީސް ހާމަކުރެއްވީ، މިދިޔަ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ކަމަށް، އެމަނިކުފާނު މީގެ އަހަރެއްހާ ދުވަސްކުރިން ވިދާޅުވެފައިވެއެވެ.
އެގޮތުން މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ބޭއްވި 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު މީގެކުރިން ވެސް ދެންނެވި ކަމަށެވެ. ނަމަވެސް އެ މަސައްކަތަކީ މިއަދާ ހަމައަށް އައިއިރު ވެސް ވަރަށް އުނދަގޫ، ކަވި މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް ބޭރުގެ މާހިރުންގެ އެހީއާއި ލަފާ ހޯދާފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެއާއެކު، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ރާއްޖޭން ބަލައިނުގަންނަ ކަމަށާއި، އެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން މިދިޔަ މާރިޗު މަހުގެ ފަހުކޮޅު ބުނެފައިވެއެވެ.
ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ދެބަސްވުންތައް އޮންނަތާ އަހަރުތަކެއް ފަހުން، މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ. އެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް، ފަހުން ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.
އެހެންނަމަވެސް، ރައީސް މީގެ ކުރިން އިނގިރޭސިވިލާތާއި އެމެރިކާގެ ނޫސްތަކަށް ދެއްވި އިންޓަވިއުތަކެއްގައި ވަނީ، ރާއްޖެއަށް ޗާގޯސް ހޯދުމާ ގުޅޭ ގޮތުން ވާހަަކަފުޅު ދައްކަވައިފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި މީގެ ކުރިން އެ މަނިކުފާނު ވިދާޅުވީ ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށެވެ.
ހަމައެއާއެކު އެމެރިކާގެ 'ނިއުސްވީކް'އާ ވާހަކަދައްކަވަމުން ރައީސް ވަނީ، ރާއްޖެއަށް ޗާގޯސް ލިބިއްޖެ ނަމަ، ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާގެ މަރުކަޒު ހިންގަމުން ދިޔުމާ ގުޅޭ އެއްބަސްވުމެއް ހެދޭނެ ކަމަށް ވިދާޅުވެފައެވެ.
ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުނީ، 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ ފަހުންނެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.
އެއަށްފަހު، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް މޮރިޝަސްއިން ދިޔުމުން، އިޓްލޮސްއިން ވަނީ ކަނޑުގެ އިން ކަނޑައަޅައިފައެވެ.
މި ސަރުކާރުން ވެރިކަމަށް އައީ، އެ ނިންމުމާއެކު ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކުގައެވެ. އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ، ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަން ހާމަކުރައްވައިފައެވެ.