މޯހިތު ޑައިރެކްޓްކުރާ އާ ފިލްމުގެ ލީޑް ތަރިންނަށް އަހާން އާއި އަނީތު

އަހާން ޕާންޑޭ އަދި އަނީތު ޕައްޑާ ފިލްމު "ސައްޔާރާ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު ކަމަށްވާ ސައްޔާރާގެ ޓީމުން އަނެއްކާވެސް އާ ލޯބީގެ ފިލްމެއް އުފެއްދުމަށް ވަނީ އިއުލާނުކޮށްފައެވެ. ޔަޝްރާޖް ފިލްމްސްއިން ގެނެސްދޭ މި ފިލްމު ޑައިރެކްޓްކުރާނީ މޯހިތު ސޫރީއެވެ. އަދި މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޒުވާން ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާއެވެ. މި ފިލްމަކީވެސް އަސަރުގަދަ ވާހަކައަކާއި ހިތްގައިމު މިއުޒިކެއް އެކުލެވިގެންވާނެ ފިލްމެއް ކަމަށް ޑައިރެކްޓަރު މޯހިތު ސޫރީ ވަނީ ބުނެފައެވެ. އަހާން އާއި އަނީތު އެކުގައި ފެނިގެންދާ މި އާ ފިލްމުގެ ޝޫޓިންގ މި އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމު ސިނަމާތަކަށް ނެރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.

  • ސައްޔާރާގެ ޓީމުން އާ ލޯބީގެ ފިލްމެއް އުފައްދަން ވަނީ އިއުލާނުކޮށްފައެވެ.
  • މި ފިލްމުގެ ޑައިރެކްޓަރަކީ މޯހިތު ސޫރީއެވެ.
  • ލީޑް ރޯލުން ފެންނާނީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާއެވެ.
  • ފިލްމުގެ ޝޫޓިންގ މި އަހަރު ފަހުކޮޅު ފަށައި، އަންނަ އަހަރު ރިލީޒްކުރާނެއެވެ.

މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ސައްޔާރާ"ގެ ޓީމުން އަނެއްކާވެސް އެފަދަ ރީތި ލޯބީގެ ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފިއެވެ.

ޕްރޮޑިއުސަރު އަކްޝޭ ވިދާނީ އަދި ޒުވާން ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ލީޑް ރޯލްއިން ފެންނާނެ މި ފިލްމު ވެސް ޑައިރެކްޓްކުރާނީ މޯހިތު ސޫރީއެވެ. ނަން އަދި އިއުލާންކޮށްފައި ނުވާ މި ފިލްމަކީ އަސަރުގަދަ ވާހަކައަކާއި ހިތްގައިމު މިއުޒިކެއް އެކުލެވިގެންވާ ފިލްމެއް ކަމަށް ފިލްމު ގެނެސްދޭ ޔަޝްރާޖް ފިލްމްސް (ވައިއާރްއެފް)އިން ވަނީ ބުނެފައެވެ.

ވައިއާރްއެފްއަށް ޑައިރެކްޓަރު މޯހިތު އުފެއްދި "ސައްޔާރާ" އަކީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދައި، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު މިއުޒިކަލް ބްލޮކްބަސްޓަ ފިލްމުތަކުގެތެރޭ ހިމެނުނު ފިލްމެކެވެ.

މުޅިން އަލަށް ތައާރަފުވި ތަރިންތަކަކާ އެކު އުފެއްދި މި ފިލްމަށް އިންޑިއާއިން އެކަނިވެސް 338 ކްރޯޑް ރުޕީސް ލިބިފައިވާއިރު، މުޅި ދުނިޔެއިން ޖުމްލަ 580 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ހޯދާފައެވެ. ފިލްމުގެ ހިތްގައިމު ލަވަތައް ގިނަ ދުވަސްތަކެއް ވަންދެން ޗާޓުތަކުގެ ކުރީގައި އޮތްއިރު، މިއީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.

އަހާން އާއި އަނީތު ޑައިރެކްޓަރު މޯހިތު ސޫރީ އަދި ޕްރޮޑިއުސަރު އަކްޝޭ ވިދާނީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އަލަށް އުފައްދާނެކަން އިއުލާނުކުރި ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރު މޯހިތު ބުނީ، އޭނާއަށް އަބަދުވެސް ކަމުދަނީ އިހުސާސްތަކުން ފުރިގެންވާ ލޯބީގެ ވާހަކަތައް ކަމަށެވެ. އަދި "ސައްޔާރާ"ގެ ޓީމާ އެކު އަލުން މަސައްކަތް ކުރަން ލިބުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށާއި، މި ފިލްމުގެ މަސައްކަތް ފަށާއިރު އާ ކަންތައްތަކެއް ތަޖުރިބާ ކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އެބަހުރި ކަމަށް މޯހިތު ވަނީ ބުނެފައެވެ.

އަދި ހަމައެއާއެކު މޯހިތުގެ ކުރީގެ ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމުގެ މިއުޒިކަކީ ވެސް މީހުންގެ ހިތްތަކާ ކުޅެލާނެ ފަދަ މިއުޒިކަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ޒުވާނުންގެ މެދުގައި މިހާރު އެންމެ މަގުބޫލު ޖޯޑު ކަމަށްވާ އަހާން އާއި އަނީތު ލީޑް ރޯލުން ފެންނަ މި ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމު ސިނަމާތަކަށް ގެނެސްދޭނީ އަންނަ އަހަރުއެވެ.

comment ކޮމެންޓް