ސޮނީ ޓެލެވިޒަންއިން ދެއްކި މަޝްހޫރު ޑްރާމާ ސީރީސް "ޖެސީ ޖެސީ ކޮއި ނެހީ"އިން ބޮޑު މަގުބުލޫކަމެއް ލިބުނު ބަތަލާ މޯނާ ސިންގް ޓެލެވިޒަން ދުނިޔެ ދޫކޮށް ފިލްމީ ދާއިރާއަށް ދާން ނިންމި ނިންމުމަކީ ހަގީގަތުގައި ނެގި ވަރަށް ބޮޑު ރިސްކެއް ކަމަށް ބުނެފިއެވެ.
އެކްޓިންގް ކެރިއަރަށް ގެނައި އެންމެ މުހިންމު ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަމުން މޯނާ ބުނީ، "ޓީވީން ބްރޭކެއް ނަގަން ނިންމި ނިންމުމަކީ ނެގި ވަރަށް ބޮޑު ރިސްކެއް. އެ ދުވަސްވަރު ވެސް އެންމެ ބޮޑެތި ޑްރާމާ ސިލްސިލާތަކުން ފުރުސަތު ލިބެމުންދިޔަ. ނަމަވެސް އެއްގޮތަކަށް ހުންނަ، އަބަދު އެއްކަހަލަ ކެރެކްޓާތަކާ ރޯލްތައް ކުޅެން އަހަރެން އޭރު ބޭނުމެއް ނުވި"
"އަހަރެން ގަބޫލުކުރާ ގޮތުގައި ބޮޑު ބަދަލެއް އަންނަނީ ކެތްތެރިކަމާއެކު މަޑުކޮށް، އަމިއްލަ ނަފްސަށާއި ކުރާ ދަތުރަށް އިތުބާރު ކުރުމުން. މިހާރު މިކުރާ މަސައްކަތްތަކަކީ އަހަރެން ކުރަން ބޭނުންވާ މަސައްކަތް، އަދި މިހާރު މިދަނީ ފުރުސަތުތައް ލިބެމުން. އޭގެ ނަތީޖާ "މޭޑް އިން ހެވަން"، "ލާލް ސިންގް ޗައްޑާ"، "ބޭޑްސް އޮފް ބޮލީވުޑް"، "ސުބޭދާރު" އަދި "ހެޕީ ޕަޓޭލް" ފަދަ އުފެއްދުންތަކުން މިވަނީ ފެނިފައި" މޯނާ އިތުރަށް ކިޔައިދީފައިވެއެވެ.

ވެބް ސީރީސް "މާ ކަސަމް"ގެ މަންޒަރެއްގައި މޯނާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މޯނާ އިތުރަށް ފާހަގަކުރި ގޮތުގައި، އޯޓީޓީ ޕްލެޓްފޯމްތަކަކީ ފަންނާނުންނަށް، ހާއްސަކޮށް އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އޯޓީޓީގެ ސަބަބުން ވަރަށް ތަފާތު ކެރެކްޓާތައް ތަޖުރިބާކޮށް ތަފާތު ރޯލުތައް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށް މޯނާ ވަނީ ބުނެފައެވެ.
މީގެ އަހަރުތަކެއް ކުރިއަށް ބަލާނަމަ އަންހެން ކެރެކްޓަރެއް ވާނީ ރަނގަޅު މީހަކަށް ނުވަތަ ނުބައި މީހަކަށް ކަމަށާއި އޭގެ މެދު މިނެއް ނޯންނަ ކަމަށް މޯނާ ވަނީ ފާހަގަކޮށްފައެވެ. އެކަމަކު އެއާޚިލާފަށް މިހާރު މޯނާ މެންނަށް އެކިކަހަލަ ޖޯންރާތައް ކުޅުމުގެ ފުރުސަތު އޯޓީޓީ މެދުވެރިކޮށް ފަހިވެފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއެކު، އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރުވެސް ލިބިފައިވާކަން ފާހަގަކުރަމުން މޯނާ ބުނީ، އެ ބަދަލު އައީ އާދައިގެ މަތިން ފެންނަ ރޯލުތަކާ އޭނާ ދުރުވި ހިސާބުންނެވެ. އެހެން ނޫންނަމަ ފެންނާނީ ހަމަ އެއް ސެޓެއް، އެއް ކަހަލަ ގޭތެރެއެއް އަދި އެއް ސިފައެއްގެ ކެރެކްޓާއެއް ކުޅޭ ތަން ކަމަށާއި އެއީ އޭނާ ބޭނުންވި ގޮތެއް ނޫން ކަމަށް މޯނާ ވަނީ ބުނެފައެވެ.
މޯނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ދާދިފަހުން އެމެޒޯން ޕްރައިމްގައި ސްޓްރީމްކުރަންފެށި ވެބް ސީރީސް "މާ ކަސަމް"އިންނެވެ.