ވޮޝިންޓަން (15 އެޕްރީލް 2026) : އެމެރިކާގެ ސިޔާސަތުތައް ހުންނަ އަނިޔާވެރި ގޮތުގެ ސަބަބުންނާ އަދި ދުނިޔޭގެ ގިނަ ގައުމުތަކަކުން ޓެކްނޮލޮޖީއާއި އިލްމީ ބާރުވެރިކަން ހޯދަމުން ދިޔުމުގެ ނަތީޖާ އެއްގެގޮތުން އެމެރިކާދެކެ ބިރުގަނެ އެމެރިކާއަށް ސަޖިދަ ޖަހަން ދެކޮޅު ހަދާ ގައުމުތައް ގިނަވުމާއެކު ދުނިޔެ މިހާރު މިސްރާބު ޖަހާފައިވަނީ 'ޕޯސްޓް އެމެރިކަން ހެޖެމަނީ އިރާ' އާ ދިމާއަށްކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓެއް ބުނެފިއެވެ.
މަޝްހޫރު ނިއުސް ވެބްސައިޓް "ޕޮލިޓިކޯ" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނެފިއެވެ. ޕޮލިޓިކޯގެ ޚާރިޖީ ކަންތައްތަކާބެހޭ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ މި ރިޕޯޓް ބުނާގޮތުން ކުރިޔާ ޚިލާފަށް މިހާރު އެމެރިކާއަށް ކުރިމަތިވެފައިވަނީ ހުރިހާ ކަމެއްގައި އެމެރިކާގެ ސުލޫކު ކޮޕީ ނުކުރާ އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި އެމެރިކާ ގެންގުޅޭ ނެރެޓިވްސް ގަބޫލުކުރަން ފަސްޖެހޭ ދުނިޔެއެކެވެ.
ކުރިން އޮންނަ ގޮތުން އެމެރިކާ އެއްޗެކޭ ބުނެފިނަމަ ނޫނީ އެމެރިކާ ނެރެޓިވެއް އުފައްދައިފިނަމަ އޮންނަނީ އެއީ ހަގީގަތްކަމަށް ބަލައި ދުނިޔޭގެ ވަރަށް އެކަހެރި އަދި މަދު ގައުމަކުން ނޫނީ ސުވާލަކާނުލައި އެމެރިކާގެ ކޮންމެ ނެރެޓިވް އެއް ގަބޫލުކުރުމެވެ. ނަމަވެސް މިހާރުވަނީ އެކަން ބަދަލުވެފައިކަމަށާ އެކަން ބަދަލުވި ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ ބަހާއި އަމަލު ދިމާނުވުމާއި ގިނަ ގައުމުތަކަކުން ޓެކްނޮލޮޖީއާއި އިލްމީ ބާރުވެރިކަން ހޯދުން ހިމެނޭކަމަށް މި ރިޕޯޓް ބުނެއެވެ.
އެމެރިކާ ގެންގުޅެނީ ހަމައެކަނި އެމެރިކާގެ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތަށް ރިއާޔަތްކުރާ ހަރުކަށި ސިޔާސަތެއްކަން މިހާރު ދުނިޔޭގެ ގައުމުތަކަށް އެނގޭކަން ބަޔާން ކުރަމުން މި ރިޕޯޓް ބުނަނީ އެސިޔާސަތު ބައްޓަން ކޮށްފައިވަނީ ދުނިޔެއަށް ޑޮމިނޭޓްކުރުމާއި ދުނިޔޭގެ ރިސޯސްތަކަށް އަތްގަދަކުރުމުގެ މައްޗަށެވެ. މިކަން ދުނިޔޭގެ ގިނަ ގައުމުތަކަށް އެނގުމަކީވެސް އެމެރިކާދެކެ ބިރުގަނެ އެމެރިކާއަށް ސަޖިދަ ޖަހަން ދެކޮޅު ހަދާ ގައުމުތައް ދުނިޔޭގައި ގިނަވަމުންދާ ސަބަބެއްކަމުގައެވެ.
ހަމައެކަނި އެމެރިކާއަށް ފައިދާވާގޮތަށް ދުނިޔޭގެ ގައުމުތަކުން ސިޔާސީ އަދި އިގްތިސާދީ ދޫތައް ހޯދުމަށް އެގައުމުތަކަށް މަޖުބޫރު ކުރުމަށްޓަކައި އެމެރިކާ ގެންގުޅޭ ހަރުކަށި ޓޫލްތައްވެސް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މީގެތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ ބިރު ދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ޓެރިޕް ބޮޑުކުރާނެކަމުގެ ބިރުދެއްކުމާއި ޓެރިފް ބޮޑުކުރުމާ އަދި އެވަރުން ދޫދޭން ދެކޮޅު ހަދާ ގައުމުތަކާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކޮށް އެގައުމުތަކުގެ ވެރިކަން ބަދަލުކުރުމާއި ވެރިން ވަގަށް ނަގައި ހައިޖެކް ކުރުމާއި އެވަރުން އެކަން ނުވެއްޖެނަމަ އީރާން އާ ދެކޮޅަށް ބާރު ބޭނުންކުރި ގޮތަށް އިސްވެ ހަނގުރާމަ ފަށައި މީހުން މަރައި ތަންތަން ފުނޑާލައި އިންސާނީ ހައްގުތަކަށް އަރައިގަނެ އަނިޔާކޮށްގެންވެސް ދޫދޭން މަޖުބޫރު ކުރުމުގެ ސިޔާސަތެއް އެމެރިކާ ގެންގުޅުން ހިމެނެއެވެ.
މިކަމުގެ ސަބަބުން އެމެރިކާގެ ސޮފްޓް ބާރު ގެއްލި އެމެރިކާގެ ރަހުމަތް ތެރިންނާއި ދުޝްމަނުންގެ ތެރޭގައިވެސް އެމެރިކާއަށް ނަފްރަތު އުފެދެމުންދާކަން ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓްގައިވާ ގޮތުން ކުއްލިއަކަށް އެމެރިކާގެ ބާރާއި ނުފޫޒު ނުކެނޑުނު ނަމަވެސް ދުނިޔެ މިހާރު މިސްރާބު ޖަހާފައިވަނީ 'ޕޯސްޓް އެމެރިކަން ހެޖެމަނީ އިރާ' އާ ދިމާއަށް ނުވަތަ އެމެރިކާގެ މުތްލަގު ބާރު ކުޑަވެ އެއިން ސަލާމަތް ވެފައިވާ ދުނިޔެއަކަށް ކަމަށް މި ރިޕޯޓް ބުނެއެވެ.