އެމެރިކާއާއި އީރާނުގެ ހަނގުރާމަ މެދުކަނޑާލި މުއްދަތު އިތުުރު ކުރަނީ

އީރާނާއެކު ސުލްހައިގެ ވާހަކަތަކަށް ވަޑައިގެންނެވި، އެމެރިކާގެ ރައީސްގެ ނައިބު ޖޭޑީ ވޭންސް --

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ މެދުކަނޑާލުމަށް ކަނޑައަޅާފައިވާ ދެ ހަފުތާގެ މުއްދަތު އިތުރުކުރުމަށް ދެ ގައުމުން ވިސްނަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. ޕާކިސްތާނުގެ މެދުވެރިކަމާއެކު ކުރިއަށްދާ މި މަސައްކަތުގައި، ހަނގުރާމަ އަލުން ފެށުމަކީ ދެ ގައުމަށްވެސް ފައިދާހުރި ގޮތް ނޫންކަމަށް ދެކެއެވެ. އިސްލާމްއާބާދުގައި ބޭއްވި ސުލްހައިގެ ފުރަތަމަ ބުރުގެ ވާހަކަތައް ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ހިސާރުކުރަން ފަށާފައެވެ. އީރާނުން ބުނާގޮތުގައި ވާހަކަތައް ނާކާމިޔާބުވީ އެމެރިކާގެ ޝަރުތުތައް ހަރުކަށިވުމުންނެވެ. ބަނދަރުތައް ހިސާރުކުރުމުގެ ސަބަބުން އީރާނުގެ ތެލުގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިނަމަވެސް، އެއްގަމާއި ކެސްޕިޔަން ކަނޑުގެ މަގުން އީރާނަށް ވިޔަފާރިކުރެވޭނެތީ މިއީ ކުރު މުއްދަތެއްގައި އީރާން އިނދަޖައްސާލެވޭނެ ފިޔަވަޅެއް ނޫންކަމަށް މުހައްލިލުން ދެކެއެވެ.

  • އެމެރިކާއާއި އީރާނުން ހަނގުރާމަ މެދުކަނޑާލުމުގެ މުއްދަތު އިތުރުކުރުމަށް މަޝްވަރާކުރުން
  • ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރުން
  • އިސްލާމްއާބާދުގައި ބޭއްވި ސުލްހައިގެ ފުރަތަމަ ބުރު ނާކާމިޔާބުވުން
  • އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކުރުން އަދި އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުން

ވޮޝިންޓަން (14 އެޕްރީލް 2026): ހަނގުރާމަ މެދުކަނޑާލުމަށް މިހާރު އެއްބަސްވެފައިވާ މުއްދަތު އިތުރު ކުރުމާމެދު އެމެރިކާއާއި އީރާން ވިސްނަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

އެމެރިކާއާއި އީރާން އަދި ޕާކިސްތާނުގެ ރަސްމީ މަސްދަރުތަކާ ހަވާލާދީ ބްލޫމްބާގް ނިއުސްއެޖެންސީ ބުނާގޮތުން ހަނގުރާމަ އަލުން ފެށުމަކީ އެމެރިކާއަށްވެސް އަދި އީރާނަށްވެސް މަސްލަހަތު ހުރިގޮތެއް ނޫންކަމަށް އެދެގައުމުގެ މަސްއޫލުވެރިންވެސް ދެކެއެވެ.

މިއާއެކު ހަމަލާތައް މެދުކަނޑާލުމުގެ މުއްދަތު އިތުރު ކުރުމާބެހޭގޮތުން ޕާކިސްތާނުގެ އިސް މަސްއޫލުވެރިން ގެންދަނީ އެމެރިކާއާއި އީރާނުގެ މަސްއޫލުވެރިންނާ ފޯނުގެ ޒަރީއާއިން މަޝްވަރާ ކުރަމުންނެވެ.

ދެ ހަފުތާގެ މުއްދަތަށް ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާއާއި އީރާން އެއްބަސްވީ ޕާކިސްތާން މެދުވެރިއެއްގެބައި އަދާކޮށްގެންނެވެ. ޕާކިސްތާން މެދުވެރިއެއްގެ ބައި އަދާކުރިނަމަވެސް މިކަމުގައި ޕާކިސްތާނުގެ ފަހަތުގައި ޗައިނާ ވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާން އާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލު ފަށާފައިވާ އުދުވާނީ ހަނގުރާމައިގެ ހަމަލާތައް ދެހަފްތާއަށް މެދުކަނޑާލީ މިދިޔަ ހަފްތާގެ ބުދަދުވަހުއެވެ. އަންނަ ހަފްތާގެ އަންގާރަ ދުވަހަށް މިމުއްދަތު ހަމަވާތީ ޕާކިސްތާން ގެންދަނީ ހަމަލާތައް މެދުކަނޑާލުމުގެ މުއްދަތު އޭގެކުރިން އިތުރު ކުރުމަށް ޓަކައި މެދުވެރިއެއްގެ ބައި އަދާކުރަމުންކަމަށް ބްލޫމްބާގް ބުނެއެވެ.

ހަމަލާތައް މެދުކަނޑާލުމަށްފަހު ޕާކިސްތާން މެދުވެރިއެއްގެ ބައި އަދާކޮށްގެން އެމެރިކާއާއި އީރާންވަނީ ސުލްހައިގެ ވާހަކަތަކުގެ ބުރެއް އިސްލާމް އާބާދުގައި ބާއްވާފައެވެ. ނަމަވެސް އެބުރުގެ ވާހަކަތައްވަނީ ނާކާމިޔާބު ވެފައެވެ.

ވާހަކަތައް ނާކާމިޔާބުވީ އެމެރިކާ ބޭނުންވިވަރަށް ދޫދިނުމަށް އީރާން ދެކޮޅުހެދުމުންކަމަށް ވާހަކަތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވި ވަފްދުގެ ވެރިޔާ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ ވިދާޅުވެފައެވެ. އީރާން ބުނާގޮތުން ވާހަކަތައް ނާކާމިޔާބުވީ އެމެރިކާގެ ޝަރުތުތައް މާބޮޑަށް ހަރުކަށިވުމާއި ބައިނަލްއަގްވާމީ މުއާހަދާތަކުގައި އީރާނަށް ލިބިފައިވާ ހައްގުތައް ދޫކޮށްލަން ހައްގުތަކުން މަހުރޫމްވުމަށް އެމެރިކާ އީރާނަށް ޝަރުތު ކުރުމުންނެވެ. އަދި އެމެރިކާގެ ހުށަހެޅުންތަކުގައި އިންސާފު ނެތި އީރާން ނިކަމެތިކޮށްލުން ހިމެނޭތީއެވެ.

ސުލްހައިގެ ވާހަކަތަކަށްފަހު އެމެރިކާވަނީ ހަމަލާތައް އަލުން ފެށުމުގެ ބަދަލުގައި އީރާނުގެ ބަނދަރުތައް ހިސާރުކުރުމުގެ މަސައްކަތް ފަށާފައެވެ. މިއާއެކު އެމެރިކާއާއި އީރާން އާދެމެދު އިތުރު ބުރެއްގެ ވާހަކަތައް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް އެދެގައުމުން މިހާރު އެއްބަސްވެފައިވާކަންވަނީ ހާމަވެފައެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި އީރާނުގެ ބަނދަރުތައް ހިސާރުކުރުމުގެ މަސައްކަތް އެމެރިކާ ފެށީ ދެވަނަ ބުރުގައިވެސް އެމެރިކާ ބޭނުންވާ ދޫތައް އީރާނުގެ ކިބައިން ހޯދުމަށްޓަކައި އީރާނަށް އިތުރު ޕްރެޝަރު ކުރުމުގެ ބޭނުމުގައެވެ. ބަނދަރުތައް ހިސާރު ކުރުމަކީ އީރާނަށް ވަރަށް ބޮޑަށް ދަތިވާނެކަމެކެވެ. އެއީ އެކަމުގެ ސަބަބުން އީރާންގެ ތެލުގެ 80 އިންސައްތަ ބޭރު ނުކުރެވޭނެތީއެވެ.

ނަމަވެސް އީރާނުން ހުރުމުޒު ކަނޑުއޮޅި އެއްކޮށް ބަންދު ކޮށްފައިވާތީ އެކަމުގެ ސަބަބުން ގަލްފުގެ ގައުމުތަކާއި އެމެރިކާއާއި ޔޫރަޕް ފަދަ އެހެން ގައުމުތަކަށް ލިބޭ ގެއްލުންތައް ވެސް ވަކި ކުޑައެއް ނޫނެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރު ކުރިނަމަވެސް 10 ވަރަކަށް ގައުމު އެއްގަމު މަގުންނާ އަދި ކެސްޕިޔަން ކަނޑުގެ މަގުން އީރާން އާ ގުޅިފައިވާތީ އެތަންތަން މެދުވެރިކޮށް އީރާނަށް ވިޔަފާރި ކުރެވޭނެއެވެ. އެމެރިކާގެ މިފިޔަވަޅަކީ ކުރު މުއްދަތެއްގެ ތެރޭގައި އީރާން އިނދަޖައްސާލެވޭވަރުގެ ފިޔަވަޅެއް ނޫނެވެ. އެހެންކަމުން ދެވަނަ ބުރުގެ ވާހަކަތަކުގައިވެސް އީރާން ގެ ފަރާތުން އެހާ ބޮޑު ދުލެއް ހޯދުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު