ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަޝްވާޑް) ވެސް މިނިސްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިއަދު އަޝްވާޑް އިސްތިއުފާ ދެއްވިއިރު އޭނާ ހިމެނޭ ގޮތަށް ފަސް މިނިސްޓަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި ދެ މިނިސްޓަރަކު ވަނީ މަގާމުން ވަކި ކުރައްވައިފައެވެ.
އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހިމެނިވަޑައިގަންނަވައެވެ.
އަދި ފޮރިން މިނިސްޓަރު އަބްދުالله ހަލީލާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ މިއަދު މަގާމުން ވަކި ކުރައްވައިފައެވެ.
އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި އަދި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން ވަކި ކުރައްވާފައިވެއެވެ. އަދި އަނެއްބައި ވެރިން އިސްތިއުފާ ދެއްވައިފައިވެއެވެ.