ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ގަވައިދުތައް އެކުލަވައިނުލާތީ މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ

ހެލްތު މިނިސްޓަރު ނާޒިމް: ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓްރީން އެކުލަވައިލަން ޖެހޭ ގިނަ ގަވައިދުތަކެއް އެކުލަވައިނުލި މައްސަލައިގައި މިނިސްޓްރީގެ ވެރިން ހާޒިރުކުރަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓްރީން އެކުލަވައިލަންޖެހޭ ގިނަ ގަވައިދުތަކެއް ނުނިމި އޮތް މައްސަލައިގައި، އެ މިނިސްޓްރީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދުތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު ވަނީ ފާސްކޮށްފައެވެ. ގާނޫނުގެ ދަށުން ހަދަންޖެހޭ 20 ގަވައިދުގެ ތެރެއިން މިހާތަނަށް ގެޒެޓުކޮށްފައިވަނީ އެންމެ ހަތަރު ގަވައިދު ކަމަށާއި، ގަވައިދުތައް ހެދުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ތިން މަހާއި ހަ މަސްދުވަހުގެ މުއްދަތު ފަހަނަހަޅައި ގޮސްފައިވާކަން ކޮމިޓީގައި ވަނީ ފާހަގަކޮށްފައެވެ.

  • ހެލްތު މިނިސްޓްރީ މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ހާޒިރުކުރަން ފާސްކުރުން
  • ގާނޫނުގެ ދަށުން ހަދަންޖެހޭ 20 ގަވައިދުގެ ތެރެއިން ގެޒެޓުކުރީ އެންމެ ހަތަރު ގަވައިދުކަން
  • ގަވައިދުތައް ހަދަން ދިން ތިން މަހާއި ހަ މަހުގެ މުއްދަތު ހަމަވެފައިވާކަން
  • މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްކަން

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓްރީން އެކުލަވައިލަން ޖެހޭ ގިނަ ގަވައިދުތަކެއް އެކުލަވައިލާފައި ނުވާ މައްސަލައިގައި އެ މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިދިޔަ މާރިޗު މަހުގެ އަށްވަނަ ދުވަހު މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އޮގަސްޓު 23، 2024ގައި އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓްރީން އެކުލަވައިލަންޖެހޭ 20 ގަވައިދުގެ ތެރެއިން ގެޒެޓުކުރީ ހަތަރު ގަވައިދު ކަމަށެވެ.

އެ ސިޓީގައި ވަނީ، ގަވައިދުތައް އެކުލަވައިލަން އޮތް މުއްދަތަކީ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތު ކަމަށާއި، އެކަމަކު ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތް މުއްދަތް ފަހަނަހަޅައި ދިޔައިރުވެސް ކޮށްފައިނުވާ ކަމަށެވެ.

އެހެންވެ، ކުޑޫ ވަނީ، އެ ގަވައިދުތައް ނިމޭނެ ތާރީޚެއް މަޖިލީހުގެ ގަވައިދު ކޮމިޓީ މެދުވެރިކޮށް ހެލްތު މިނިސްޓްރީން ބެލުމަށް އެދިވަޑައިގެންފައެވެ.

މިއަދު ބޭއްވި ގަވާއިދު ކޮމިޓީ ބައްދަލުވުން -- ފޮޓޯ/ މަޖިލިސް

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙުސްނީ މުބާރިކެވެ. ޙުސްނީގެ ހުށަހެޅުމަށް ތާޢީދުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސްއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންވަނީ، ހެލްތު މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރުމަށް ފާސްކޮށްފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ، މެއި 23، 2024ގައެވެ. އެ ގާނޫނަށް އަމަލުކުރަން ފެށީ އޭގެ ތިން މަސް ފަހުންނެވެ.

އެ ގާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމަށް ބާރު އަޅާ ގާނޫނެކެވެ. އަދި ސިއްހަތަށް ފައިދާހުރި ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހަދާފައިވާ ގާނޫނެކެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާނެއެވެ.

comment ކޮމެންޓް