އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ހަލުވިކަމަށް ސަނާކިޔާ، އަވަސް ނަތީޖާތަކާއި ވަގުތުން ފެންނަ ބަދަލުތަކަށް އިސްކަންދޭ ދުނިޔެއެއްގައެވެ. ނަމަވެސް، އިންސާނާގެ ދެމެހެއްޓެނިވި ތަރައްޤީއާއި ނަފްސާނީ ކުރިއެރުމަކީ އެފަދަ އަވަސްއަރުވާލުމެއްގެ ތެރެއިން ހާސިލުވާނޭ ކަންކަމެއް ނޫނެވެ.
ރާއްޖޭގެ ރަށްތަކުގެ ވަށައިގެން އެނބުރޭ އޮއިވަރާއި ފޫދޭ ދިޔަވަރު ފަދައިން، އިންސާނާގެ ކުރިއެރުމުގައިވެސް ފިޠުރީ ހަމަތަކަކާއި އެއަށް ކަނޑައެޅިފައިވާ މިސްރާބަކާއި ދުވެއްޔެއް ވެއެވެ. އަދި ހަގީގީ ކާމިޔާބީ ފޮރުވިފައިވަނީވެސް އެ މަޑުމައިތިރިކަމާއެކު ކުރިއަށްދާ އެދުވެލީގެ ތެރޭގައެވެ.
ތިމާގެ ޝަޚްޞިއްޔަތު ބައްޓަންކުރުމަކީ ވެސް ބާރުގެ ބޭނުންކޮށްގެން ކުރެވޭނެ ކަމެއް ނޫނެވެ. ދިރިއުޅުމުގެ ކޮންމެ ބާބަކީ އަވަހަށް ނިންމާލަންޖެހޭ ސަފުހާއެއްވެސް ނޫނެވެ. ބައެއް ފިލާވަޅުތައް ދަސްވުމަށް ގިނަ ދުވަސްތަކެއް ނަގަނީ، އެކަމަކީ ތިމާގެ ކިބައިގައި އަށަގަންނަންޖެހޭ މުހިންމު ސިފަތަކެއް ހަރުލައްވައިދޭ ބިންގަލަކަށްވާތީއެވެ. އެއީ ތިމާގެ އަޚްލާޤާއި، ކެތްތެރިކަމާއި، އީމާންތެރިކަން ހަރުދަނާކޮށްދޭ މަރުހަލާތަކެވެ. މި ތަރުތީބު އަވަސްކުރަން މަސައްކަތްކުރުމަކީ، ނަފްސަށް ނުތަނަވަސްކަން ވެރިވެ، ތިމާގެ ޠަބީޢަތާ ނުގުޅޭ ފިއްތުމަކާދިމާއަށް މީހާ ގެންދާ ކަމެކެވެ.
މާތްﷲ ކީރިތި ޤުރްއާނުގައި ވަނީ މިކަމުގެ މުހިންމުކަން އަޅުނގަޑުމެންނަށް ހަނދުމަކޮށްދެއްވާފައެވެ: "އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، އިޙްސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެތެވެ." (ސޫރަތުލް ހޫދު: 115). މިއީ ހަމައެކަނި ކެތްތެރިވުމަށް ކުރައްވާފައިވާ އަމުރެއް ނޫނެވެ. މިއީ އިލާހީ ތަދުބީރަށް އިތުބާރު ކުރުމަށް ދެއްވާފައިވާ އިޝާރާތެކެވެ. ނަތީޖާ ލަސްވި ނަމަވެސް، ހެޔޮ އަމަލުތަކުގައި ދެމިހުރުމަށެވެ. އަދި ކަންކަން ލަސްލަހުން ހިނގަމުންދިޔަ ނަމަވެސް، އެއީ މަތިވެރި ހަމަތަކެއްގެ މަތީން ހިނގާ ކަންކަމުގައި ބަލައިގަތުމަށެވެ.
ކީރިތި ރަސޫލާ މުޙައްމަދު ރަސޫލު ﷺ ވެސް އަޅުގަނޑުމެންނަށް އުނގަންނައިދެއްވީ ހަމަޖެހިގެން ސާބިތުކަމާއެކު ކުރިއަށްދިއުމުގެ ރިވީތި އުޞޫލެވެ. އެކަލޭގެފާނު ޙަދީޘްބަސްފުޅަކުން ދަރުސް ލިބިފައިވެއެވެ. "ﷲ ގެ ހަޟްރަތުގައި އެންމެ ލޯބިވެތިވެގެންވާ އަމަލަކީ، މަދު ނަމަވެސް ދެމިގެންވާ ގޮތުގައި ކުރެވޭ އަމަލެވެ." މިއީ ވަރުބަލިވެ ހަސްފަސްނެތޭ ވަރަށް ބުރަކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި، އިޚްލާޞްތެރިކަމާ ސާބިތުކަމާއެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ އިރުޝާދެކެވެ.
އަޅުގަނޑުގެ ހަޔާތުގެ ތަޖުރިބާއަށް ބަލާއިރު، އަވަސް އަރުވާލައިގެން ކަންކަން އުޅުނު މީހުން ދިޔަމަގު ފެނިފައި އެބަހުއްޓެވެ. އުސޫލެއް، ހަމައެއް، އަޚުލާގެއް ނެތް މީހުން ދުށީމެވެ. އެމީހުންނަށް އިޚުލާޞްތެރިކަމާ ސާބިތުކަމާއެކު ކުރިއަށް ދިއުމަށްވުރެ މުހިންމުވަނީ ރެޔާދުވާލު ހޭބޯނާރާ އުޅެގެން ބޭނުންވާކަމެއް ހާސިލުކުރުމެވެ. އެހެންނަމަވެސް، އާޚިރުގައި އެމީހުންގެ ހަޔާތުގައި ފޮނިމީރުކަމެއް – ހިތްހަމަޖެހުމެއް ހާސިލެއް ނުވެއެވެ.
ނުތަނަވަސްކަމުގެ ތެރެއަށް މީހާ ގެނބެމުން ދާން ފެށުމުން ދެން މިސްރާބުޖެހެނީ ނުބައި ދިމާއަކަށެވެ. ވިޔާނުދާ އެތައްކަމެއްގެ އަޅަކަށް މީހާވެދެއެވެ. މީހުންގެ ކުރިމަތީގައި ތިމާގެ އަގުވެއްޓި، އިއްޒަތާއި ޝަރަފު ވެއްޔާއި މޮޑެވިދެއެވެ. އަދި އެއޮއިވަރުގައި ރަނގަޅަށް ޖެހުމަށްފަހު އެއިން ނެއްޓުން އޮންނަނީ ދަތި އުނދަގޫ ކަމަކަށްވެފައެވެ.
އަޅުގަނޑުމެންގެ ހަޔާތުގައި ކާމިޔާބު އެއްވެސް ކަމަކީ އެންމެ ދުވަހަކުން ވާނެކަމެއް ނޫނެވެ. ހަރުދަނާ، ވަރުގަދަ ބިންގަލަކަށް ވަގުތު ބޭނުންވެއެވެ. އިންސާނީ ގުޅުންތަކާއި، އަމާޒުތަކާއި، ލީޑަރޝިޕްގެ ސިފަތަކަކީ ފަރުވާތެރިކަމާ ވިސްނުންތެރިކަމާއެކު ބިނާކުރަންޖެހޭ ކަންކަމެވެ. އެފަދަ ކަންކަމަކީ ދިރިއުޅުމުގެ ތޫފާންތަކާއި އިމްތިޙާނުތަކާ ކުރިމަތިލާއިރު ސާބިތުކަން ގެނެސްދޭނެ ކަންކަމެވެ.
މިއަދަކީ ކަންކަން ލަސް ދުވަހެއްގެ ގޮތުގައި އިހުސާސްކުރެވޭނަމަ، އެއީ ތިބާ ފަހަތަށް ދަނީ ކަމަށް ހީނުކުރާށެވެ. އެއީ ތިބާ ފުރާފުރިހަމަވަމުންދަނީ ކަމުގައި ބަލާށެވެ. ކޮންމެ ފިޔަވަޅަކާއި ތަޖުރިބާއަކީ ތިމާ ކާމިޔާބީއާ ގާތްކޮށްދޭ ކަމެއް ކަމުގައި ހަނދާން ބަހައްޓާށެވެ. އެ ދުވެއްޔަށް އިތުބާރުކުރާށެވެ. މަސައްކަތުގައި ސާބިތުވެ ހުންނާށެވެ. އަދި އުންމީދުގައި ހިފަހައްޓާށެވެ. ތިކުރާ ދަތުރުގައި ކުރިއަށްދާއިރު، ތިމާގެ ފުށުން އެހެން މީހުންނަށް މަންފާއެއް ކުރާނޭ މީހަކު ކަމުގައި ވުމަށް މަސައްކަތްކުރާށެވެ.
ހިނިތުންވާށެވެ. އަދި އެހެން މީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭށެވެ.