އީރާނާއެކު ޕާކިސްތާނުގައި ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން ހުރްމޮޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ނެރުއްވި ގޮތަށް މިއަދު ޖީއެމްޓީ ގަޑިން 14:00 ގައި އެ އަމުރަށް އަމަލު ކުރަން ފަށާނެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް، ސެންޓްކޮމް އިން ވަނީ ބުނެފައެވެ.
އީރާނުގެ ބަނދަރުތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ވަންނަ ނުވަތަ ފުރާ ހުރިހާ ގައުމެއްގެ އުޅަނދުތަކަށް ވެސް އެ އަމުރު ތަންފީޒު ކުރާނެ ކަމަށް ސެންޓްކޮޮމް އިން ބުނެފައިވެއެވެ.
ނަމަވެސް އީރާނުގެ ބަނދަރުތައް ނޫން އެހެން ބަނދަރުތަކަށް ކަނޑުއޮޅިން ދަތުރުކުރާ ޅަނދުތަކަށް ދަތުރުކުރުމުގެ މިނިވަންކަމަށް އެ ގައުމުގެ ބާރުތަކުން ހުރަހެއް ނާޅާނެ ކަމަށްވެސް ސެންޓްކޮމް އިން ބުންޏެވެ.
އޮމާންގެ ގަލްފާއި ހުރްމުމް ކަނޑުއޮޅިއާއި އެމެރިކާގެ ކަނޑުގެ ސިފައިންނާ ގުުޅުމަށްވެސް އުޅަނދުތަކަށް އިލްތިމާސްކޮަށްފައިވެއެވެ.
ކަނޑުއޮޅި ބަންދުކުރަން ޓްރަމްްޕް އަމުރު ކުރެއްވީ ޕާކިސްތާނުގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކުގައި އީރާނުން ނިއުކްލިއާ މަޝްރޫއު ހުއްޓާލުމަށް އެއްބަސްވެފައި ނުވާތީއެވެ.
"ބްލޮކޭޑް ވަރަށް އަވަހަށް ފެށޭނެ. މި ބްލޮކޭޑްގައި އެހެން ގައުމުތައް ވެސް ބައިވެރިވާނެ. ގަވާއިދާ ހިލާފަށް މި އަމަލުން އީރާނަށް ފައިދާ ހޯދުމުގެ ހުއްދައެއް ނުދެވޭނެ." ޓްރަމްޕް އިއްޔެ އޭނާގެ ޓްރޫތް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ލިޔުއްވާފައިވެއެވެ.
ނިއުކްލިއާ މަޝްރޫއު ހުއްޓާލުމަށް އީރާނުން އެއްބަސްވެފައި ނުވި ނަމަވެސް މަޝްވަރާތައް "ރަނގަޅަށް" ކުރިއަށް ގޮސްފައިވާ ކަމަށާއި "ގިނަ ނުކުތާތަކަށް އެއްބަސްވެފައިވާ" ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އަދި އެމެރިކާ ސިފައިން ކަނޑުއޮޅީގައި ހުރި އީރާނުގެ މައިންތައް ނައްތާލަން ފަށާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ކަނޑުއޮޅި ބަންދުކުރާނެ ކަމަށް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުން ނެރުނު ބަޔާނެއްގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް އިން ބުނީ އެއީ މިހާރު ގާއިމުކޮށްފައިއޮތް އެމެރިކާ އާއި އީރާނުގެ ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަ ހިލާފު ކަމެއް ކަމަށާއި އެއީ އޭޕްރީލް 22 ގެ ނިޔަލަށް އަމަލު ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.
ކަނޑުއޮޅިން އީރާނުގެ އުޅަނދުތައް ދަތުރުކުރަމުންދާއިރު، އެހެން ގައުމުތަކުން ބޯޓުތައް ދަތުރުކުރުމުގެ ހުއްދަ އޮންނަނީ ކޮންޓްރޯލުކޮށްފައެވެ. ހަނގުރާމަ ނިމުމުން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއޭއް ނެގުމާ ބެހޭ ގޮތުންވެސް އީރާނުގެ އޮފިޝަލުން ވަނީ މަޝްވަރާކޮށްފައެވެ.
އީރާނުން ކަނޑުއޮޅިގެ ކޮންޓްރޯލު ނެގީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގެ ރައްދުގައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތައް ދެ ހަފްތާގެ މުއްދަތަށް މެދުކަނޑާލާފައި އޮތްއިރު، ދާއިމީ އެއްބަސްވުމަށް އައުމަށް ޕާކިސްތާނުގައި ކުރި މަޝްްވަރާތަކަށްފަހު އެއްބަސްވުމަށް އާދެވިފައެއްނުވެއެވެ.