ފިލްމީ ދާއިރާއަށް ވާސިލުވުމަށް ކުރި ދަތުރަކީ އެހާ ފަސޭހަ ދަތުރެއް ނޫން: ވިޖޭ

އިންޑިއާގެ އެކްޓަރު ވިޖޭ ވަރުމާ--ފޮޓޯ/އިންޑިއާޓުޑޭ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިޖޭ ވަރުމާ ވަނީ އޭނާ ފިލްމީ ދާއިރާއަށް ނުކުތުމަށް ކުރި ބުރަ މަސައްކަތްތައް ހާމަކޮށްފައެވެ. އޭނާގެ ދަތުރު ފެށުނީ ސިމް ކާޑު ވިއްކުމުން ކަމަށާއި، ކުދިކުދި ރޯލުތަކަށްފަހު ނުބައިބައި ރޯލުތަކުން މަޝްހޫރުކަން ލިބުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެކި ޖޯންރާތަކުގެ ފިލްމުތައް ކުޅެ، އޭނާގެ އެކްޓިންގް ހުނަރު ވަނީ ސާބިތުކޮށްދީފައެވެ.

  • ސިމް ކާޑު ވިއްކުމުން ފެށިގެން ފިލްމީ ދާއިރާއަށް ވިޖޭ ކުރި ދަތުރުގެ ވާހަކަ.
  • ކުދި ރޯލުތަކަށްފަހު ނުބައިބައި ރޯލުތައް ލިބުމުން ކުރިމަތިވި ކަންތައްތައް.
  • ތަފާތު ޖޯންރާތަކުގެ ފިލްމުތަކުގައި އެކްޓިންގް ހުނަރު ދައްކާލުން.
  • ފަހުން ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ގުސްތާކް އިޝްޤް ހިމެނުން.

ފިލްމީ ދާއިރާއަށް ވާސިލުވުމަށް ކުރި ދަތުރަކީ އާއްމުން ހީކުރާހާ ފަސޭހަ ދަތުރެއް ނޫން ކަމަށް ބުނެ, އެ ދަތުރުގައި ތަޖުރިބާކުރި ވަރަށް ގިނަ ކަންކަން ބޮލީވުޑްގެ އެކްޓަރު ވިޖޭ ވަރުމާ އާއްމުންނާ ހިއްސާކޮށްފިއެވެ.

ބޮލީވުޑްގެ އެކްޓަރު ވިޖޭ ވަރްމާ އަކީ އޭނާގެ ފިލްމީ ދަތުރުގެ ވާހަކަތައް އަބަދުވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އޯޑިއަންސާ ހިއްސާކުރާ އެކްޓަރެކެވެ.

ހައިދަރުއާބާދުގެ މަގުމަތީގައި ސިމް ކާޑު ވިއްކުމުން ފެށިގެން، ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކުރުމަށް އޭނާ ކުރި ބުރަ މަސައްކަތްތަކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާހަކަތަކެކެވެ.

ފިލްމު "ގަލީ ބޯއި"ގެ ހާއްސަ ރޯލެއް ކުޅުނު އެކްޓަރު ވަނީ، އަމީތާބް ބައްޗަންއާ އެކު ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރުމުގެ ކުރިން އޮޓޯއެއްގައި އެއާޕޯޓަށް ދިޔަ ހަނދާންތަކާއި، ކާން ފިލްމު ފެސްޓިވަލަށް އޭނާ ދިޔައިރު ކަންތައްތައް ހުރީ މީހުން ހީކުރާހާ މުއްސަނދިކޮށް ނޫންކަން ހާމަކޮށްފައެވެ.

ވިޖޭ ފިލްމު "ގުސްތާކް އިޝްޤް"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މަޝްހޫރު އެކްޓަރަކަށް ވުމަށްޓަކައި ކުރި ތަޖުރިބާތަކުގެ ވާހަކަ ދައްކަމުން ވިޖޭ ޕީޓީއައިއަށް ދިން އިންޓަވިއުގައި ބުނީ، މަސައްކަތެއް ނެތި ހުރުމަށްފަހު ކުދިކުދި ރޯލުތައް އޭނާއަށް ލިބެންފެށި ކަމަށެވެ.

ނަމަވެސް ފަހުން ކަންތައް ދިމާވި ގޮތުން އެކަހަލަ ކުދި ރޯލުތަށް ލިބުން ހުއްޓި އެންމެފަހުން ލިބުނީ ބޮޑު ވިލަންއެއްގެ ރޯލް ކަމަށް ވިޖޭ ވަނީ ބުނެފައެވެ. އެއާއެކު އާއްމުން އޭނާ ބަލައިގަންނަން ފެށީ ހަމައެކަނި ނުބައިބައި ރޯލުތަކަށް ކުޅޭ މީހެއްގެ ގޮތުގައި ކަމަށާއި އެއީ ވިޖޭ ބޭނުންވި ގޮތެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

އެހެންވެ ފަހުން ލިބެންފެށި ފުރުސަތުތަކުގެ ބޭނުންހިފައި އެކި ޖޯންރާތަކުގެ ފިލްމުތައް ތަޖުރިބާކުރަން ފެށި ކަމަށް ވިޖޭ ވަނީ ބުނެފައެވެ. ވިލެން ރޯލްތަކުގައި ދައްކާ އެކްޓިންގްއަށް ވުރެ އޭނާއަކީ މާ މޮޅަށް އެކްޓިންގް ހުނަރު ދެއްކިދާނެ މީހެއްކަމަށް ގަބޫލުކުރެވި ފަހުން ލޯބީގެ ރޯލްތައް ވެސް ކުޅެން ބޭނުންވި ކަމަށް ވިޖޭ ވަނީ ބުނެފައެވެ.

އެގޮތުން ވިޖޭ މުހިއްމު ރޯލްތައް ކުޅުނު ފިލްމުތަކުގެތެރޭ "ލަސްޓް ސްޓޯރީސް"، "ޖާނެ ޖާން"، "މާޑާ މުބާރަކް" އަދި އެންމެފަހުން ރިލީޒްވި ފިލްމު "ގުސްތާކް އިޝްޤް" ހިމެނެއެވެ.

comment ކޮމެންޓް