ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ އާ ފިލްމު "މާތުރޫބޫމީ"އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފިލްމުގެ ގާތްގަނޑަކަށް 40 އިންސައްތަ އަލުން ޝޫޓްކޮށްފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެފިއެވެ.
ކުރިން "ބެޓްލް އޮފް ގަލްވާން"ގެ ނަމުން ގެނެސްދޭން ނިންމި ފިލްމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނީ، ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ ހާދިސާއާ ސިޔާސީ ކަންކަމާ ގުޅުންހުރި ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ގަބޫލުކުރެވިގެންނެވެ.
އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ މި ފިލްމަކީ އަސްލު 2020 ވަނަ އަހަރު ޗައިނާއާ އިންޑިއާގެ ބޯޑަރު ގުޅޭ ސަރަހައްދު ކަމަށްވާ ގަލްވާން ވާދީގެ ހަމަނުޖެހުންތަކުގެ މައްޗަށް ބިނާކޮށް އުފައްދަން ނިންމި ފިލްމެކެވެ.
ނަމަވެސް، އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި، ދޭދޭ ގައުމުތަކުގެ ސިޔާސީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ހުރިހާ މަންޒަރެއް މިހާރު ފިލްމުގެ ވާހަކައިން ވަނީ އުނިކޮށްފައެވެ.
މި ބަދަލުތައް ގެނެސްފައި ވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސްއާ މަޝްވަރާކުރުމަށްފަހުގައި ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. ބޮލީވުޑް ހަންގާމާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފިލްމުގެ މަންޒަރުތައް އަލުން އެޑިޓުކުރިއިރު ޗައިނާގެ ނަން ހިމެނޭ ހުރިހާ މަންޒަރެއް ވަނީ ފޮހެލާފައެވެ.

ފިލްމު "މާތުރޫބޫމީ"ގެ މަންޒަރެއްގައި ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ
"ކުރިން މި ފިލްމަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފެއްދި ފިލްމެއް. ނަމަވެސް ޑިފެންސް މިނިސްޓްރީގެ އެދުމުގެ މަތިން، ސަލްމާން ޚާން އާއި ޑައިރެކްޓަރު އަޕޫރްވާ ވަނީ ފިލްމުގެ ވާހަކައަށް ހިޔާލީ ބަދަލުތަކެއް ގެނެސް، އަލުން މަންޒަރުތައް ކުޅެފައި،" ބޮލީވުޑް ހަންގާމާގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ގާތްގަނޑަކަށް 40 އިންސައްތަ ވަނީ އަލުން ޝޫޓްކޮށްފައެވެ. މީގެ ތެރޭގައި ބައެއް ލޯބީގެ މަންޒަރުތަކާއި، ކެރެކްޓާތަކުގެ ކުރީގެ ދިރިއުޅުން ދައްކުވައިދޭ މަންޒަރުތައް ހިމެނެއެވެ. މިހާރު މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށްވުރެ ބޮޑަށް، ހިޔާލީ ވާހަކައެއްގެ މައްޗަށެވެ.
ފިލްމު އުފައްދާ ފަރާތުން އާ ވާހަކައާ އެކު ފިލްމު ހުށަހެޅި ނަމަވެސް، މިނިސްޓްރީގެ ފަރާތުން އަދިވެސް ބައެއް ކަންބޮޑުވުންތައް ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
ސަލްމާންގެ އިތުރުން ބަތަލާ ޗިތުރަންގަދާ ސިންގް މުހިންމު ރޯލަކުން ފެންނާނެ "މާތުރޫބޫމީ" ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ މި މަހުގެ 17 ވަނަ ދުވަހަށެވެ. ނަމަވެސް ފިލްމަށް މިހާރު ގެންނަމުންދާ ބަދަލުތަކާ ގުޅިގެން ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.