ގދ. ގައްދޫގައި ހުންނަ އަތޮޅު މަދަރުސާގައި ދަރިވަރަކު، އަންހެން މުދައްރިސަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް މިއަދު 11:46 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި މުދައްރިސަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ޓީޗަރަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައިނުވެއެވެ.
އެ މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.