ނަލަހިޔާ ފުލެޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގިތާ މަހެއް ވަނީ؛ ފުލުހުންނަށް ހޯދުނީ ބައި ލައްކަ ރުފިޔާ

މައްސަލައިގައި ހައްޔަރުކުރި މީހުން: ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ -- ފޮޓޯ/ ފުލުހުން

މިދިޔަ މަހުގެ 16 ވަނަ ދުވަހު ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ފަސް މީހަކަށް ތުހުމަތުކުރެވޭއިރު، އެކަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ވަގަށް ނެގި ފައިސާގެ ތެރެއިން މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ 50000 ރުފިޔާއެވެ. މައްސަލައިގެ ތަޙުޤީޤުގެ ބޮޑުބައި ނިމި، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

  • ނަލަހިޔާ ރެޒިޑެންސްއިން 4 މިލިއަން ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.
  • ތުހުމަތުކުރެވޭ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
  • ފުލުހުންނަށް ހޯދިފައިވަނީ ވަގަށް ނެގި ފައިސާގެ ތެރެއިން އެންމެ 50000 ރުފިޔާއެވެ.
  • ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިދިޔަ މަހުގެ ތެރޭގައި ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގައިފައިވާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ހޯދުނީ ބައި ލައްކަ ރުފިޔާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައެއް މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ރިޕޯޓުކުރި ކަމަށެވެ.

އެ ވައްކަމުގައި ޖުމުލަ ހަތަރު މިލިއަން ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެ ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 50،000 ރުފިޔާކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ފަސް މީހަކަށް ތުހުމަތު ކުރެވޭ ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބިއިރު، އެކަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ)
  • މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ)
  • ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ)
  • މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ)

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ރާއްޖޭގައި ވައްކަމުގެ ކުދި މައްސަލަތައް ވަރަށް ގިނައިރު، މިދިޔަ މަހު ވެސް ވައްކަމުގެ 283 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެ މަސް ތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ.

comment ކޮމެންޓް